އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށް މިއަދުގެ ހުތުބާގައި ފާހަގަކޮށްފިއެވެ.

މިއަދުގެ ހުތުބާގައި ވަނީ ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ބަލިތަކާ ވަބާތަކާމެދު ވިސްނާލާން ޖެހޭ ކަމަށާއި އެންމެ ނުރައްކާތެރިކަން ބޮޑީ ހަރާމް ގޮތުގައި ހިންގާ ޖިންސީ ގުޅުންތަކުގެ ސަބަބުން ފެތުރޭ ބަލިތައް ކަމަށެވެ. އަދި އެ ފަދަ ބަލިތައް އިންސާނުންގެ މެދުގައި ފެތުރެނީ އިންސާނުން ކުރާ ފާހިޝް އަމަލުތަކުގެ ސަބަބުން ކަމަށެވެ.

އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުމާއި އެކިއެކި ނަހަމަ ޖިންސީ އަމަލުތަކުގެ ތެރެއަށް މީހުން ގެނބިގެން ދިއުމުގެ ސަބަބުން އެފަދަ ބަލިތައް ފެތުރޭ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. އަދި އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭ ކުރުން ފަދަ ފާހިޝް އަމަލުތަކުން މުޖުތަމައު ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ވަނީ ހުތުބާގައި ގޮވާލާފައެވެ.

މި ބިންމަތީގައި ފަސާދައާއި ހުރިހާ ނުބައި ކަމެއް ފާޅުވަނީ އިންސާނާގެ ނުބައި އަމަލުތަކުގެ ސަބަބުން ކަން ފާހަގަކޮށް ހުކުރު ހުތުބާގައި ވަނީ އިންސާނާ ދިރިއުޅޭ ވެށި ތަގައްޔަރުވެ، ނުސާފު ވަނީ މިފަދަ ސަބަބުތަކުގެ ސަބަބުން ކަން އެނގޭ ކަން ފާހަގަކޮށްފައެވެ. އަދި ވެށި ސާފުކޮށް ތާހިރުކޮށްފިނަމަ، އެ ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ސައްހަ ގޮތުގައި ޖިންސީ ގަރީޒާ ފުއްދަން އޮތް މަގަކީ ކައިވެނިކުރުން ކަމުގައި ފާހަގަކުރައްވާ ޒިނޭއާއި އެއް ޖިންސުން ގުޅުން ހިންގުން ފަދަ ފާހިޝް އަމަލުތަކުން ދުރުވުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ފާހިޝް އަމަލުތައް މުޖުތަމައުގައި ފެތުރިއްޖެނަމަ ކުރީގެ އުއްމަތްތަކަށް ފާޅުނުކުރައްވާ ފަދަ ބަލިމަޑުކަންތަކާއި ވަބާތައް ފާޅުކުރައްވާނެ ކަމުގެ އިންޒާރު ކީރިތި ރަސޫލާ މި އުއްމަތަށް ދެއްވާފައިވާ ކަމަށް ވެސް ހުތުބާގައި ވަނީ އިޝާރާތްކުރައްވާފައެވެ.