ދަތުރުކުރާއިރު ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށް، ދަތުރުކުރުމުގައި ސަމާލުވާން އެމްއެންޑީއެފް އެދިއްޖެއެވެ.

އެމްއެންޑީއެފްއިން މިފަދައިން ބުނެފައިވަނީ މޫސުމާ ބެހޭ އިދާރާ އިން މިދުވަސް ވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށާއި ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފާ ވަނިކޮށެވެ.

އެ އިދާރާއިން ވަނީ މިއަދު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

އެމްއެންޑީއެފްއިން ބުނީ އޮޑިވެރިންނާއި ކެޕްޓަނުން އަދި ފަޅުވެރިންނާއި ދަތުރުތަކުގައި ބައިވެރިވާ އާއިލާތަކާއި ރަހްމަތްތެރިން ވެސް ދަތުރު ކުރެވެނީ ސަލާމަތާއި ރައްކާތެރި އުޅަނދެއްގައިކަން ޔަގީން ކުރެއްވުމަށް ފަހު ކަނޑުމައްޗަށް އެރުއްވުމަށް އިރުޝާދުދޭ ކަމަށެވެ. އަދި ދަތުރު ކުރާ އިރު އެއްވެސް ކަމެއް ދިމާވެއްޖެ ނަމަ، ލަސްނުކޮށް ކޯސްޓް ގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅަން އެމްއެންޑީއެފްއިން ވަނީ އެދިފައެވެ.

ކަނޑުމަތީގެ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަމުން ގެންދާނެ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.