ހެއްކާ ބެހޭ ގާނޫނަށް ހުށަހެޅި މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އިސްލާހު މިހާރު އޮތް ގޮތަށް ފާސްކުރަން ބާރުއަޅާ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

މަސްދަރު ހާމަ ކުރެވޭ ގޮތަށް އޮތް އިސްލާހު ފާސްކުރުމަށް މަޖިލިހުން ތައްޔާރުވަމުން ދަނިކޮށް އެ އިސްލާހު ފާސްކުރުމާ ދެކޮޅަށް، މިއަދު ނޫސްވެރިން ވަނީ މަޖިލީހުގެ އިދާރާ ކުރިމަތީގައި ހިމޭން އިހްތިޖާޖެއް ކޮށްފައެވެ. އެ އިހްތިޖާޖު ކުރަމުން ދިޔަ ވަގުތު، ނަޝީދާއި މަޖިލީހުގެ ބައެއް މެންބަރުން ވަނީ މަޖިލީހުގެ އިދާރާގެ ބޭރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައިފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، ހެއްކާ ބެހޭ ބިލުގެ މަސައްކަތްކުރީ ސިއްރުން ނޫން ކަމަށާއި، އެ ބިލުގެ މަސައްކަތް ނޫސްވެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

އެތަނުގައި ތިބި ނޫސްވެރިން ވަނީ އެ ބިލު މަޖިލިހަށް ހުށަހެޅި ހިސާބުން ފެށިގެން، ނޫސްވެރިންގެ ޖަމިއްޔާ އާއި، މީޑިއާ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި ކޮމިޓީ އަށް ހާޒިރުވެ، ބިލު އިސްލާހުކުރަން އެދޭ ގޮތް ބުނެދީފައިވާނެ ކަމަށް ވެސް ބުންޏެވެ.

ނަޝީދު ވިދާޅުވި ގޮތުގައި:

  • ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ސިންގާ މަސައްކަތެއް
  • އެ ބިލުގެ މަސައްކަތް ނިމުނީ ހަ މަސް ހަތް މަހުން
  • މިހާރު ކުރެވެން އޮތް ގޮތަކީ އެ ބިލު އޮތްގޮތަށް ފާސްކުރުން
  • އެއަށްފަހު އަލުން އެ ބިލަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ދިނުން
"ދެން އަޅުގަނޑު ހިތަށް އަރަނީ މިހާރު ކުރެވެން އޮންނާނެ ގޮތަކީ މިކަން މިގޮތަށް ގެންގޮއްސަ، އަނެއްކާ އަލުން އަނބުރާ ތިޔަބޭފުޅުންނަށް އިސްލާހެއް އަޅުގަނޑުމެން އެންޓަޓެއިން ކުރުން."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

ނަޝީދު ވިދާޅުވީ، އެ އިސްލާހާ ދެކޮޅަށް ނޫސްވެރިންނަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވިފައި ނެތް ކަމަށެވެ.

"ތިބޭފުޅާ މިކަން ބައްލަވައިގެން މިކަމުގަ ފޯކަސް ކުރައްވައިގެން ތިބޭފުޅުންވެސް އުޅުއްވިނަމަ، މިހެންނެއް މިކަމެއް ނުވީސް."
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލިހުގެ ރައީސް

ނަމަވެސް، ދެވަނަ ފަހަރަށް އިސްލާހެއް ހުށަހަޅައިގެން ކުރިއަށް ދިއުން ފަސޭހަ ނުވާނެ ކަމަށް ނޫސްވެރިން ފާހަގަކުރުމުން، ނަޝީދު ވިދާޅުވީ މަޖިލިހަށް މައްސަލަ ހުށަހަޅައި ކަންބޮޑުވުން ހިއްސާކުރާ ގޮތް ނޫސްވެރިންނަށް އެނގެން ޖެހޭނެ ކަމަށެވެ.

"ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ކަމެއްގައި ކޮންސާނެއް ރެއިޒްކުރާ ގޮތާއި، މަޖިލިހަށް އެއްޗިހި ހުށަހަޅާ ގޮތާއި، ދެން އެހެން ނޫނިއްޔާ އެއީ ހަމަ އެކަކު އަނެކަކަށް ފޮނުވާލާ ޓެކްސްޓާއި މީހަކާ ދައްކާލާ ވާހަކަ. މިތާގަ ހުރި އިޖުރާތްތަކުގެ ތެރެއިން ދާން ތިބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ." ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ އެކަން ގަބޫލުކުރައްވާފައި އަޅުގަނޑުމެންނާ އެކީގަ މި އަންނަ ދައުރުގަ މި މަސައްކަތް ކުރަން އަޅުގަނޑު ވަރަށް ބޮޑަށް އެދެން، އިނގޭތޯ.
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

މިހާރު ކުރިއަށްދާ މަޖިލިހުގެ ޖަލްސާގައި އެ ބިލް ފާސްކުރުމަށް އެޖެންޑާކޮށްފައި ވަނީ، މަސްދަރު ހާމަކުރެވޭ ހާލަތްތައް ހަނިކުރުމަށް އެމްޖޭއޭއިން ކަރުދާހެއް ހުށަހަޅާފައި ވަނިކޮށް، އެ ކަރުދާހަށް ބެލުމެއް ނެތިއެވެ. އެ ކަރުދާހުގައި އެމްޖޭއޭއިން ޖުމްލަ ހަތް އިސްލާހެއް ހުށަހަޅާފައިވެއެވެ.