ދިރުވާލައިގެން އެތެރެކުރި މަސްތުވާތަކެތި ބަނޑުން ނެގެންދެން ފަސް ދުވަހަށް ދެ ބިދޭސީއަކު ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

240 ބުލެޓުގެ މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރަން މަސައްކަތްކޮށްފައި ވަނީ ނޮދަން އަޔަލެންޑަށް ނިސްބަތްވާ ދެ ފިރިހެނުންނެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އެއިން ކޮންމެ މީހެއް ވެސް 120 ބުލެޓު ދިރުވާލާފައިވެއެވެ. އެ ދެ މީހުން ބާއްވައިގެން އަދި މިހާތަނަށް ބޭރުކުރެވިފައިވަނީ ޖުމްލަ 25 ބުލެޓެވެ. އެއީ އެކަކުގެ ބަނޑުން 12، އަދި އަނެކަކުގެ ބަނޑުން 13 ބުލެޓެވެ.

އެ މީހުން އައިޖީއެމްއެޗްގައި އެނދުމަތިކޮށްފައިވާތީ، އެ ދެ މީހުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ޣައިރު ހާޒިރުގައެވެ. އެއާއެކު، އެ ދެ މީހުންގެ ބަނޑުން މަސްތުވާތަކެތި ބޭރުކޮށް ނިމި، ދޫކޮށްލުމުން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވެއެވެ.

މަސްތުވާތަކެތި ދިރުވާލައިގެން އެތެރެކުރުމަކީ އާންމުކޮށް މަސްތުވާތަކެތި އެތެރެކުރާ އެއް ގޮތެވެ. އެފަދަ މީހުން އާންމުކޮށް އަތުލައިގަންނަނީ އެ މީހުންގެ އަމަލުތައް ހުންނަ ގޮތުން ޝައްކުވެގެން، ނުވަތަ ލިބިފައި އޮންނަ މައުލޫމާތަކާ ގުޅިގެންނެވެ.