ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.

މޫސުމާ ބެހޭ އިދާރާ އިން ބުނީ މިދުވަސް ވަރު ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރިއަށް އޮތް ތިން ދުވަހު ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށެވެ.

މިރެއިން ފެށިގެން ހަފްތާ ބަންދާއެކު ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އާންމު ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފައެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ވަނީ މިއަދު ސްކޫލްތަކުގެ ބޮޑު ޗުއްޓީ ފަށާއިރު ގިނަ ބަޔަކު ރަށްރަށަށް ދަތުރު ކުރާނެތީ، މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގާ ރޭ އެކަނި ވެސް ކަނޑުމަތީގެ 7 ހާދިސާއެއް ވަނީ ހިނގާފައެވެ.