ރާކާޑު ގަންނަން ލޯނު ނެގުމަކީ ފަހުރުވެރިވާންވީ ކަމެއް ނޫން ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް ވިދާޅުވެއްޖެއެވެ.
މާލިއްޔަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސްކުރައްވަމުން ތޯރިގު ވަނީ ދައުލަތުގެ ބަޖެޓު ފާސްވެގެންދާއިރު ކުންފުނިތަކުން ނަގާ ދަރަނިތައް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ގެރެންޓީތަކުގެ ތަފްސީލުތައް އެނގެން ނޯންނާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ސަރުކާރުން ދަނަރި ނަގަމުން ގޮސް ހަރަދަށް ޒިންމާވުމުގެ ގާނުނުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ފަހަނައަޅައި ގޮސްފައިވާ ކަމަށާއި އެހެންނަމަވެސް މިހާރު ސަރުކާރުގެ ފިނޭންސް މިނިސްޓަރާއި އެސްޓީއޯގެ އެމްޑީ ވަރަށް ފަހުރުވެރިކަމާއެކު ބޭރު ދުނިޔެއަށް ގޮސް ބައެއް ތަންތަނުގައި ދަރަނި ނަގަން ސޮއިކުރާ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ތޯރިގު ވިދާޅުވީ ހަނޑޫ ހަކުރު ފުށް ގަންނަން ލޯނުނެގުމަކީ ފަހުރުވެރިވެފައި ދައްކާ ޒާތުގެ ވާހަކައެއް ނޫން ކަމަަށެވެ.
މާލިއްޔަތުގެ ގާނޫނަށް ގެންނަން ހުށަހެޅި އިސްހާލާހުތަކުގެ ތެރޭގައި ތޯރިގު ވަނީ ސަރުކާރުން އެއްވެސް ދަރަންޏެއް ނެގުމުގެ ކުރިން އެ ދަރަނި ނެގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ގޮތަށް ހެދުމަށް ހިމަނާ، އަދި ދައުލަތުން ޒިންމާވާގޮތަށް އެއްވެސް ގެރެންޓީއެއް ދޭއިރު ވެސް މަޖިލީހުގެ ރުހުން ހޯދަންޖެހޭ ގޮތަށް ހުށަހަޅާފައެވެ.
ތެލާއި ކާޑާއި ބޭސް ގަންނަން އެސްޓީއޯއިން 2.6 ބިލިއަން ރުފިޔާގެ ޓްރޭޑް ފައިނޭންސިން ފެސިލިޓީއެއްގައި އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު މި މަހު ކުރީކޮޅު ސޮއިކޮށްފައިވާއިރު މިއީ މިފަދަ ދަރަންޏެއް ނެގި ދެވަނަ ފަހަރެވެ.