ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މޫސުން ގޯސްވުމާ ގުޅިގެން ރޭ ކަނޑުމަތީގައި ހިނގި 7 ހާދިސާއެއްގެ ރިޕޯޓްކުރި ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން ވަނީ އެ 7 ހާދިސާގައިވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

"ކުރޫޒާ 3" ނަމަކަށް ކިޔާ ދޯންޏެއް ބަންޑުންޖަހާލައި މީހަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ރޭ 7:59 ހާއިރު ކޯސްޓްގާޑަށް ލިބުމާ ގުޅިގެން ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބާ ކްރާފްޓް ޑައިވަރުންނާއެކު ހަރަކާތްތެރިވެފައިވާއިރު 20:20 ހާއިރު އެ ދޯނިން ގެއްލުނު މީހާ ފެނިފައިވާ ކަމަށެވެ.

ރޭ ތުޅާގިރި ކައިރިން މާލެ ދަތުރުކުރަމުންދިޔަ "ޑެންގޫ ލޯންޗް" ނަމަކަށް ކިޔާ ލޯންޗެއް ކަނޑުގަނދަވެ ނުދުއްވިގެން ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް އެމްއާރުސީސީއަށް 8:15 ހާއިރު މައުލޫމާތު ލިބުމުން އެ އުޅަނދުގެ ހާލަތު ބެލުމަށް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓް ޑައިވަރުންނާއެކު އެ ސަރަހައްދަށް ދިޔަ ކަމަށް އެމްއެންޑީއެފްއިން ބުނެއެވެ. އަދި ފަހުން އެ ލޯންޗުގެ ދިޔަވުން ކޮންޓްރޯލްކުރެވި އެ ސަރަހައްދުގައި ހަދަމުންދާ "ލޯބިގިލި" ރިސޯޓުގެ ބަނދަރަށް ވަނީ ވަދެފައެވެ.

ރޭ 8:40 ހާއިރު ކ.ގިރާވަރު ކައިރިން ދަތުރުކުރަމުންދިޔަ 22 ފޫޓްގެ "ލޮނު ޓެއިލްސް" ނަމަކަށް ކިޔާ ލޯންޗެއް ބަންޑުންޖަހާލި ހާދިސާގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސޮޑްރަންގެ ހާބާކްރާފްޓް ލޯންޗް އެސަރަހަށްދަށް ގޮސް އެ ލޯންޗުން ދަތުރުކުރި ހަތަރު މީހުން ވަނީ ރޭ 21:26 ހާއިރު މާލެ ގެނެސްފައެވެ. އެ ހަތަރު މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.

ކ.ގާފަރު ކައިރިން ދަތުރުކުރަމުންދިޔަ "ލަކީ ސްޓާ" ނަމަކަށް ކިޔާ ލޯންޗެއް މޫސުން ގޯސްވެ، ދިޔަވާކަމުގެ މައުލޫމާތު ލިބި މިރޭ 8:08 ހާއިރު ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ އެފްއައިސީ ވެލާނާ ލޯންޗުގައި ޑައިންވަރުންނާއެކު ސްޓޭންޑްބައި ކުރެވިފައެވެ. އަދި އެ ސަލާމަތްތެރިކަމާއެކު، ކ.ގާފަރު ބަނދަރަށް ވަނީ ވަދެފައެވެ.

މީގެ އިތުރުން އެމްޕީއެލް ސަރައްދުގައި އޮތް ދެ ބާޖެއްގެ ވާގަނޑު ކަނޑައިގެން ގޮސް ފުނަދޫއާ ކައިރިވަމުންދިޔަ ކަމުގެ މައުލޫމާތު ރޭ 8:49 ހާއިރު ލިބިފައިވާ ކަމަށާއި އެމްޕީއެލްގެ ޓަގް ބޯޓްތައް ނެރެ އެ ދެ ބާޖު އެމްޕީއެލް ސަރަހައްދަށް ވަނީ ވައްދާފައެވެ. އަދި ރޭ ކުރި ވިއްސާރާގައި އެމްޓީސީސީގެ "މަހާޖައްރާފާ" ގެ ނަގިލި ކަހާލައިގެން ފަރަކާ ކަރިވަމުންދިޔަކަމުގެ މައުލޫމާތު ރޭ 8:50 ހާއިރު ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން ސްޓޭންޑްބަައި ވަނީ ކުރެވިފައެވެ.

އެ ހާދިސާތަކުގެ އިތުރުން ފަތުރުވެރިން ގޮވައިގެން ކ. ރީތިރަށް ކައިރިން ދަތުރުކުރަމުންދިޔަ ލޯންޗެއް ރީތިރަށް ކައިރީގައިވާ ފިނޮޅަކަށް ބީހުނު ކަމަށާއި އެ ލޯންޗުގައި ތިބި ފަތުރުވެރިން ރީތިރަށް ރިސޯޓުން ފޮނުވި އެހެން ލޯންޗެއްގައި އެ ރިސޯޓަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނީ ކަނޑުމަތީގެ އެ ހާދިސާތަކާ ގުޅިގެން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.