ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވި ހަރަކާތް ފެއިލްވެފައިވަނީ ސަރުކާރުގެ އިހުމާލުން ކަމަށް ބުނެ މައްސަލަ ބަލައިދިނުމަށް އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ސޮއިކުރައްވައި މިއަދު މަޖިލީހުގެ ސަލާމަތީ ހިފުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވައިފާ ވަނީ ފުލުހުން ޒިންމާ އަދާކުރުމުގައި ފެއިލްވި ކަމަށް އެއްބަސްވުމަކީ އެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީން ފިޔަވަޅު އަޅަން ޖެހޭ ފަދަ ކަމެއްގެ ގޮތުގައެވެ.
މީގެ ކުރީގެ އަހަރުތަކުގައި ރާއްޖޭގައި ބޭއްވި ހަފްލާއެއް ކަމުގައި ވީނަމަވެސް މިއަހަރު ޔޯގާ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވުމާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑުއުފުލި ކަމަށާއި އޭގެ ތެރޭގައި ދީނީ އިލްމުވެރިންވެސް ހިމެނޭ ކަމަށް ރިޔާޒުގެ ސިޓީގައި ފާހަގަކުރައްވާފައެވެ.
އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ސަރުކާރުގެ އެއްވެސް އިދާރާއަކުން މިއަދާ ހަމައަށްވެސް ދީނީ ނަޒަރިއްޔާއަކުން ޔޯގާއާބެހޭ ގޮތުން ބަހެއް ރަސްމީ ސިފައެއްގައި ވިދާޅުވެފަނުވާ ކަމަށާއި އެޕާޓީއިން ދެކެނީ ހިނގާދިޔަ ހަމަނުޖެހުން އުފަންވުމުގެ އަސްލު ގުޅިފައިވަނީ އިހުމާލާ ކަމަށެވެ.
އިންޑިއާގެ ހައި ކޮމިޝަނާއި، އިންޑިއަން ކަލްޗަރަލް ސެންޓަރާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާގެ ހަރަކާތް ކުރިއަށް ދިޔަ ވަގުތު ބަޔަކު އަރައިގަނެ ހަމަނުޖެހުން ހިންގާފައިވާއިރު، އެ މައްސަލައިގައި 21 މީހަކު ހައްޔަރުކޮށްފައިވެއެވެ.