މިދިޔަ މޭ މަހު ކުޑަކުދިންގެ 137 މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށައަޅާފައިވާ ކަމަށް މިނިސްޓްރީއިން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ގޮތުގައި 137 މައްސަލަ މެއިމަހު ހުށައަޅާފައި ވާއިރު އެ ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށައަޅައިފާ ވަނީ ޖިންސީ ހާނިކަ އާއި ޖިސްމާނީ ހާނިކައިގެ މައްސަލަތަކެވެ.

އެ ގޮތުން ޖިންސީ ހާނިކަ އާއި ޖިސްމާނީ ހާނިކައިގެ 31 މައްސަލަ ރިޕޯޓުކޮށްފައި ވާއިރު އިހުމާލުވުމުގެ 26 މައްސަލައަކާއި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލައަކާއި އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 9 މައްސަލަ އާއި ނަފްސާނީ ހާނިކައިގެ 9 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށައަޅައިފައެވެ.

މީގެއިތުރުން ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ވެސް މިނިސްޓްރީއަށް މިިދިޔަ މޭ މަހު ހުށައެޅިއެވެ.

ކުޑަކުދިންގެ އެކި އެކި މައްސަލަތަކާއެކު މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް 278 މައްސަލައެއް ހުށައަޅާފައި ވާއިރު އާއިލީ 31 މައްސަލައެއް ހިމެނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލައަކާއި ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 2 މައްސަލައަކާއި ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލަ އެއްވެސް މިދިޔަ މޭ މަހު ވަނީ އެ މިނިސްޓްރީއަށް ހުށައަޅާފައެވެ.