އައިޖީއެމްއެޗުގައި ސެންޓާ ފޯ މެންޓަލް ހެލްތު އިންޕޭޝަންޓް ވޯޑު ހުޅުވައިފިއެވެ.

އައިޖީއެމްއެޗުން ބުނީ، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަކުރައްވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ، ނަފްސާނީ ބަލިމީހުންނަށް ފަރުވާދޭ ހާއްސަ ވޯޑު އެ ހޮސްޕިޓަލުގައި، މިމަހު 27 ވަނަ ދުވަހު ހުޅުވާފައިވާ ކަމަށެވެ.

އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގެ ސެންޓާ ފޯ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަ ކޮށްފައިވާ 9 އެނދުގެ މި ވޯޑުގައި ޑީއެސްކެލޭޝަން ކޮޓަރިއެއް ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރެސް އެއް ހިމެނޭ ކަމަށް ވެސް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރު ބަލިމީހުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވުމުގެ ގޮތުން ކަސްރަތުކުރާ މެޝިންތަކެއް ވެސް މިވޯޑުގައި ބަހައްޓާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ރާއްޖޭގައިވެސް ނަފްސާނީ ބަލީގެ ފަރުވާދޭ ހޮސްޕިޓަލުތަކާ ކުލިނިކުތަކުގެ އަދަދު ދަނީ އިތުރުވަމުންނެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ މެންޓަލް ހެލްތް ސެންޓަރަކީ އާސަންދައިގެ ދަށުން ސައިކޭޓްރިސްޓުންނާ ސައިކޮލޮޖިސްޓުންގެ ހިދުމަތް އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދެމުންދާ މަރުކަޒެވެ. މީގެ އިތުރުން ޕްރައިވެޓް ކުލިނިކުތަކާ ހޮސްޕިޓަލުތަކުންވެސް ނަފްސާނީ ބަލީގެ ފަރުވާ ލިބެން ހުރެއެވެ.

މި ގޮތަށް ހިދުމަތް ލިބިގަންނަ ނަމަ ސަމާލުވާންވީ، ހިދުމަތްދޭ ސައިކޭޓްރިސްޓް ނުވަތަ ސައިކޮލޮޖިސްޓަކީ ދިވެހިރާއްޖޭގެ ކަމާބެހޭ ފަރާތްތަކުގައި ރެޖިސްޓްރީކޮށް، ހިދުމަތް ދިނުމުގެ ހުއްދަ އޮންނަ ސައިކޭޓްރިސްޓެއް ނުވަތަ ސައިކޮލޮޖިސްޓެއްކަން ކަށަވަރުކުރުމެވެ.