ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންއަކީ އަންހެނެއް ނަމަ، ޔޫކްރައިންއަށް ނެރީސް ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ "ދޯހަޅި" ހަނގުރާމައަކީ ފިރިހެނުންގެ ގަދަބަދަވިކަން ދައްކާލުމަށް އޮންނަ ވިހަގަދަ ޖޯޝެއްގެ ސަބަބުން ހިނގާ ކަމެއް ކަމަށް ސިފަ ކުރައްވަމުން ޖޯންސަން ވަނީ، ނުފޫޒުގަދަ މަގާމުތަކުގައި ގިނަ އަދަދަކަށް އަންހެނުން ތިބުން މުހިންމު ކަމަށް ވަކާލާތު ކުރައްވާފައެވެ.

ޖޯންސަން މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައި ވަނީ، ނޭޓޯގެ ދިފާއާ ބެހޭ މުހިންމު ސަމިޓަކަށް ވަގުތު ކުޑަތަންވެފައި ވަނިކޮށެވެ.

އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުގެ އިއްތިހާދު (ޖީ-7)ގެ އިސްވެރިންގެ ބައްދަލުވުމަށްފަހު ޖަރުމަނުވިލާތުގެ ޒީޑީއެފްއަށް ދެއްވި ބަސްދީގަތުމެއްގައި ޖޯންސަން ވިދާޅުވީ، ޔޫކްރައިންގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޖީ-7ގެ ލީޑަރުން ތިއްބެވީ ކެތްމަދުވެފައި ކަމަށާ، ނަމަވެސް އެކަން ކުރާނެ އެއްބަސްވުމެއް މިވަގުތު ލިބެން ނެތް ކަމަށެވެ.

ޕޫޓިންއަކީ އޭނާގެ ފިރިހެންވަންތަކަން ސާބިތުކޮށްދިނުމަށް ގަދަބަދަވިކަން ދައްކަވަމުން ގެންދަވާ ލީޑަރެއްކަން ދޭހަވާފަދަ މޭރުމަކުން ޕޫޓިންއަށް ޖޯންސަން ފާޑުވިދާޅުވެފައި ވާ އިރު، ޔޫކްރައިންގެ ރައީސް ވްލޮޑޮމީރް ޒެލެންސްކީ ވަނީ، ޓެރަރިސްޓެއްގެ ތުހުމަތު، ޕޫޓިންއަށް އަމާޒު ކުރައްވާފައެވެ.

ފެބުރުއަރީ 24 ވަނަ ދުވަހު ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިން އަށް އެރީ ޕޫޓިންގެ އަމުރުފުޅަކަށެވެ. ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންގައި ހަނގުރާމަ ކުރަމުން ދަނީ، އަސްކަރީ ހާއްސަ އޮޕަރޭޝަނެއްގެ ނަމުގައެވެ.