"ރާއްޖެ ޓްރާންސްޕޯޓް ލިންކް" ގެ ހިދުމަތް ޒޯން 1ގެ ހއ. އަތޮޅަށް ކަނޑައަޅާފައިވާ އަގުތައް އަންނަ މަހުގެ 3 ވަނަ ދުވަހު ނަގަން ފަށާނެ ކަމަށް އެމްޓީސިސީން ބުނެފިއެވެ.

އަގު ނަގައިގެން ރަސްމީކޮށް ހިދުމަތް ފެށުމުގެ ކުރިން ހއ. އަތޮޅުގެ ރަށްތަކަށް ޖޫން 26 ވަނަ ދުވަހުން ފެށިގެން ޖުލައި 2 ވަނަ ދުވަހާ ހަމައަށް ދަތުރުތައް ކޮށްދެނީ މުޅިން ހިލެއެވެ. ހިލޭ ދަތުރު ކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުގެ މައިގަނޑު މަގްސަދަކީ ކަސްޓަމަރުން ޝެޑިއުލަށް އަހުލުވެރިކޮށް މި ހިދުމަތް ރަނގަޅަށް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުން ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހިދުމަތް އަގުނަގައިގެން ކުރުމަށް ރަސްމީކޮށް ފެށުނު ނަމަވެސް، ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި، އެންސްޕާގައި ރަޖިސްޓާ ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ މީހުނަށް ހިލޭ ދަތުރު ކުރެވޭނެ ކަމަށެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ޕަބްލިކް ރިލޭޝަން އޮފިސަރު ވިދާޅުވީ، އާރްޓީއެލް ހިދުމަތުގެ ވަގުުތުތައް އަދި ފައިނަލް ނުވާ ކަމަށާއި ނަމަވެސް ޖުލައި 3 ގެ ކުރިން މި އަގުތައް ފައިނަލް ކޮށް އާންމުކުރާނެ ކަމަށެވެ.

އާރްޓީއެލް ފެރީގެ ހިދުމަތަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޓިކެޓް ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް، ޖުލައި 1 ވަނަ ދުވަހުން ފެށިގެން އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ޓިކެޓް ގަނެވޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ހިލޭ ދަތުރުކުރެވޭ މުއްދަތު ޖޫން 2ގެ ނިޔަލަށް ހަމަވުމާއެކު، ކައުންސިލް މެދުވެރިކޮށް ޖާގަ ދޫކުރުން ހުއްޓާލެވޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.

އާރްޓީއެލް ހިދުމަތުގައި ބޭނުން ކުރާ ފެރީ ތަކަކީ 50 މީހުންގެ ޖާގައިގެ ފެރީތަކެކެވެ. މި ހިތްގައިމު ސްޕީޑް ފެރީތައް ހުންނާނީ ދަތުރުވެރިންނަށް ހިތްފަސޭހަ ކަމާއެކު ދަތުރުކުރެވޭގޮތަށް ފަރުމާކޮށް އެއާކޯން ކޮށްފައެވެ. އަދި ފެރީތަކުގެ ސީޓާއި ފަސިންޖަރުންގެ ކެބިން ފަރުމާ ކޮށްފައި ހުންނާނީ އެފަދަ ދަތުރުތައް ކުރުމަށް ފަސިންޖަރުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފެރީގައި ފާހާނަ ކުރެވެން ހުންނަ އިރު، ލަގެޖް ބެހެއްޓުމަށް ވެސް ޖާގަ ހާއްސަ ކޮށްފައި ހުންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އާރްޓީއެލްގެ ހިދުމަތް ހޯދާ ކޮންމެ ފަރާތަކަށް އެއް ލަގެޖްގެ އިތުރުން އަތް ދަބަހެއް ގެންދެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.