ރާއްޖޭގައި ޔޯގާ ހެދުމާ ބެހޭ ގޮތުން ފަތުވާ މަޖިލީހުގެ ރައުޔަކީ ކޮބައިކަން ސާފުކޮށްދިނުމަށް އެދި، މަޖިލިހުގެ ކަމާބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި، އިދިކޮޅު ޕީއެންސީގެ ޕީޖީ ގްރޫޕް ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ސިޓީގައި ވިދާޅުވީ، މި މަހުގެ 21 ގައި ބޭއްވި ޔޯގާ ހަރަކާތްތަކާ ގުޅިގެން، ޔޯގާ ހެދުމާ ބެހޭގޮތުން ފަތުވާއެއް ނުނެރެ، ގިނަދުވަސްވެގެން ދިއުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.

އަދި އެ ދުވަހު ހަމަނުޖެހުން ހިނގައި، އާންމުންގެ މެދުގައި ނުތަނަވަސްކަން އުފެދިގެން ގޮސްފައިވާއިރު، ފަތުވާ މަޖިލިހުން ރައުޔެއް ނުނެރެ މިހާ ގިނަ ދުވަސް ވެގެން ދިއުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަ ކުރައްވައިފައެވެ.

އެހެންކަމުން އެ ސިޓީގައި އާދަމް ޝަރީފް އެދިވަޑައިގެންފައި ވަނީ:

  • ފަތުވާ މަޖިލިހުގެ ޒިންމާ އަދާކޮށްފައި ނުވަނީ ކީއްވެތޯ ސާފުކޮށްދެއްވުމަށް
  • އެފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ސަރުކާރުން ރާވާފައިވާ ކަންކަން ސާފުކޮށްދެއްވުމަށް
  • ޔޯގާ ހެދުމުގެ ރައުޔަކީ ކޮބައިކަން ކަމާބެހޭ ކޮމިޓީ މެދުވެރިކޮށް ސާފުކޮށްދެއްވުމަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ ހަ އަހަރު ކުރިން ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް ގެނައި ދެވަނަ އިސްލާހުގައިވާ ގޮތުން، ދީނީ ގޮތުން ހިޔާލު ތަފާތުވާ ކަންކަމުގައި ސަރުކާރަށާއި އާންމުންނަށް ދީނީގޮތުން ދޭން ޖެހޭ ލަފާ ދިނުމަށްޓަކައި ފަތުވާ މަޖިލީހެއް ވަނީ އުފައްދައިފައެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ފަތުވާ މަޖިލިހުން ރައުޔު ދީފައިވާ މައްސަލަތަކުގެ ތެރޭގައި، ކޮވިޑް-19 އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރު ގައިދުރުކޮށް ނަމާދު ކުރުން ފަދަ މައްސަލަތައް ހިމެނެއެވެ.