ޒަމާންތަކަކަށް ދިގު ދެމިގެން ގޮސްފައިވާ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމަށް ކޮންމެ ސަރުކާރަކުން ވެސް މަސައްކަތް ކުރެއެވެ. މާލޭގެ ބިމުގެ ދަތިކަން އޮތުމުން ހުޅުމާލެއިން ބިން ހިއްކައިގެން އެކި ނަންނަމުގައި ހައުސިންގް ސްކީމްތައް ހުޅުވާލައި، މީހުންނަށް ބިން ވިއްކާފައި ވެސް އެބަ ހުއްޓެވެ. ނަމަވެސް އަހަރުތަކެއްގެ ތެރޭ ކުރިއަށް ގެންދިޔަ މި މަޝްރޫއުތަކުން މާލޭގައި ދިރިއުޅޭ، މާލެއަށް އުފަން، މާލެ މީހުންނޭ މި ބުނާ "މާލެ ރަށްވެހިންނަށް" އަދިވެސް ލިބުނު "ގޯއްޗެއް" ނެތުމުން އެމީހުންގެ ކަންބޮޑުވުންތަކުގެ އަޑުތައް ގަދަވިއެވެ.

އެގޮތުން މީގެ ދެދުވަހެއްގެ ކުރިން މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށް ހައުސިން ސްކީމަކާއި ބިންވެރިޔާ ސްކީމެއް ވަނީ އިއުލާން ކޮށްފައެވެ. މި މަހުގެ 26 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ 26 އާ ހަމައަށް ފޯމް ހުށަހެޅޭ ގޮތަށް ހުޅުވާލި މި ސްކީމްގައި ބައިވެރިވެވޭ ޝަރުތުތަކުގެ ތެރޭގައި މާލޭ ރައްޔިތެއް ކަމުގައި ވުމަކީ ގިނަ ބައެއްގެ ޝައުގުވެރިކަން އަމާޒުވެގެން ދިޔަ ޝަރުތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުރި ހުސް ބިންތައް / ފޮޓޯ: އަލީ ޝަމްއާން | ދަ ޕްރެސް

ނަމަވެސް މާލޭ ރައްޔިތެއް ކަމުގައި ވުން އެ އުސޫލުގައި މާނަކޮށްފައި ވަނީ މާލޭގައި ރަޖިސްޓްރީ ވެފައިވާ އަދި ދަފްތަރުގައި ޖެހިފައި ތިބި މީހުންނެވެ. ނަމަވެސް އެއީ މީގެ ކުރިން ދުވަހަކު ވެސް އެހެން ރަށެއްގައި ރަޖިސްޓާ ވެފައި ނުވާ ދަފްތަރު އަދި މާލެ މީހުންނެވެ. އެހިސާބުން މާލެ މީހުންނާއި ރަށްރަށުގެ މީހުން ތަފާތު ކުރާ ވާހަކަ އެތައް ބައެއްގެ ސިކުނޑީގައި ރަނގަބީލު ޖެހިއެވެ. އަދި މި ސަރުކާރު މިވަނީ ރޭސިސްޓް ވެފައި ކަމަށް ލޭބަލް ކުރަން ފެށިއެވެ.

މާލެ ސިޓީ މޭޔަރު ވެސް މާލެ ރައްވެހިންނާ ދެކޮޅު!

މާލޭގެ ރަށްޔިތުންނަށް ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ވާހަކައަކީ އެތައް ދުވަހެއް ވާންދެން ދައްކަމުން އަންނަ ވާހަކައެކެވެ. މިކަމުގައި އެތައް ބަޔެއްގެ ހިޔާލު ތަފާތެވެ. އެއް ބަޔަކު ސިފަކުރާ ގޮތުގައި މާލެއަކީ ހަމައެކަނި މާލެ މީހުންގެ ތަނެއް ނޫނެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށަކީ މާލެ ކަމަށް ވާތީ، އެތައް ވަސީލަތްތަކެއް ލިބެން ހުރީ މަލެއިންނެވެ. ވަޒީފާގެ ފުރުސަތުތަކާއި ތައުލީމާއި ސިއްހީ ފަރުވާ ވެސް އެންމެ ފުރިހަމަ އަށް ލިބެނީ މާލެއިންނެވެ. އަދި މި ހުރިހާ ވަސީލަތެއް ލިބޭތީ މާލެއަކީ ބިމުގެ ގޮތުން ބެލި ކަމުގައި ވިޔަސް މުޅި މި ރާއްޖެއިން އެންމެ އަގުބޮޑު ބިން ކަމުގައި ވުމަކީ ވެސް މާލެއަށް އޮތް ޑިމާންޑް އިތުރުވެގެންދާ ކަމެކެވެ.

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ތަރައްގީ ކޮށް އެތައް ކަންކަމެއް ކުރަމުން އަންނަ އިރު މާލެއަށް ތަރައްގީގެ ގޮތުން އެތައް ކަމެއް އެކި ސަރުކާރުތަކުން ކޮށްދީފައި އޮތުމަކީ މާލެއަކީ ހަމައެކަނި މާލެ އަށް އުފަން މީހުންގެ ތަނެއް ނޫން ކަމަށް ބުނާ މީހުން އަޑު ހަރުކޮށް ދައްކާ ސަބަބެކެވެ.

ނަމަވެސް މިކަމާ ދެކޮޅު ހަދާ މާލެ ރަށްވެހިން ބުނާ ގޮތުގައި މާލެ މީހުންނަށް މާލެ ނޫން އިތުރު ރަށަކުން ބިމެއް ނެތެވެ. ލިބޭކަށް ވެސް ނެތެވެ. ފައިސާގެ ތަނަވަސްކަން އޮތިއްޔާ ގަންނަން ވީއެވެ. މާލެއަށް އަންނަ ރަށްރަށުގެ މީހުންނަށް އެމީހުން މިތަނުގައި އުޅޭތާ ގިނަ ދުވަސް ވިޔަސް މާދަމާ ވެސް އެނބުރި އުފަން ރަށަށް ގޮސް އުޅޭނެ ތަނެއް ހުންނާތީ މާލެ ރަށްވެހިންގެ ތެރެއިން ބިމުގެ ދަތިކަން ކުރިމަތިވެ، އެންމެ ދުވަސްވީ ގޯތި ދަރިންގެ ދަރިންނަށް ބަހައި ބަހައި ތަން ފުކަކަށް ވެފައި ހުރުމުން ތަކުލީފް އުފުލަން ޖެހިފައިވާ މީހުންނަށް ފުރުސަތު ދިނުމަކީ އެންމެ އައުލާކަން ބޮޑު ގޮތް ކަމުގައި މާލެ ރަށްވެހިން ބުނެއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
"ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހުރިހާ ރަށެއްގައި ވެސް ބިން ހިއްކަނީ، ތަރައްގީގެ މަސައްކަތް ކުރަނީ، ވީމާ، ރާއްޖޭގެ ކޮންމެ ދިމާލެއްގައި ވެސް ބިން ހިއްކާފައި އެ ބިމުން ގޯތި ދޭ އިރު، އޮންނަންވާނީ އެއް ހަމަޔެއް"
މާލެ ސިޓީގެ މޭޔަރު މުއިއްޒު

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ވެސް އޮންނަން ވާނީ އެއް ހަމަޔަކާއި އެއް އުސޫލެއް ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްްޔިތުންގެ ޓެކްސް ފައިސާއިން ބިން ހިއްކައިގެން ގޯތި ދޫކުރާ އިރު އެއް ހަމައެއް އޮންނަން ޖެހޭނެ ކަމަށާއި ގޯތި ދޭ އިރު، އެ ރަށެއްގެ މީހުންނަށް އެންމެ އިސްކަން ދޭން ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި އެ ރަށް ނޫން އެހެން ރަށްރަށުގެ މީހުންނަށް ވަކި އަދަދެއް ދޭން ވާނެ ކަމަށާއި އަދި އެ ރަށުގައި ގިނަ ދުވަހު ދިރިއުޅުނު މީހުންނަށާއި ހިޖުރަ ކުރަން ބޭނުންވާ މީހުންނަށް ވެސް ގޯތި ދޫކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި މުއިއްޒު ވިދާޅުވިއެވެ

މާލެ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމުގެ މައްސަލައަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރި މި ސަރުކާރުން ހުޅުވާލި ހައުސިން ސްކީމާއި ބިންވެރިޔާ ސްކީމަށް ފާޑު ކިޔާ މީހުން އިތުރުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅި މީހުން ވެސް ހިމެނެއެވެ. އެ ގޮތުން ގާނޫނީ ވަކީލު ޝިހާދު އިބްރާހީމް ވަނީ އެފަދަ މައްސަލައެއް ކޯޓަށް ހުށަހަޅުއްވާފައެވެ. އޭނާ ވިދާޅުވީ، މާލޭ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ކޮންމެ މީހަކީ ވެސް މާލޭގެ ރަށްވެއްސެއް ކަމަށެވެ. އެހެން ކަމުން ވަކިކަމެއްގައި މާލޭ ރައްޔިތުކަން ވަކިގޮތަކަށް މާނަކޮށް ހައްގުތަށް ހަނި ނުކުރެވޭނެ ކަމަށެވެ. އަދި އެ މާއްދާ ބާތިލު ކުރުމަށް ހައިކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށެވެ.

ގާނޫނު އަސާސީގައި މިކަން އޮތީ ކިހިނެއް؟

މާލޭގައި ދިރިއުޅެމުންދާ މީހުންނާއި ގިނަ އަހަރުތަކެއް ވާންދެން މާލޭގައި އުޅެން ޖެހުމުން ދަފްތަރުގައި ޖެހިފައި ތިބި މީހުން ތަފާތު ކުރުމުން މި ސަރުކާރުން "ރޭސިސްޓް" ވެފައިވާ ކަމުގެ ތުހުމަތުތައް ގިނަ ބަޔަކު ކުރަމުން އަންނަ އިރު، އެކަން އެގޮތަށް ކުރެވޭނެ ޖާގަ ގާނޫނު އަސާސީއަށް ބެލި ކަމުގައި ވިޔަސް ދެވެން ނެތް ކަން އެނގެން އެބަ އޮތެވެ. އަދި ގާނޫނު އަސާސީގައި އެކަން ބަޔާން ކުރާ ގޮތަށް ބަލާލަމާ ހިނގާށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ 41 ވަނަ މާއްދާގައި ބުނާ ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް އެމީހަކު ބޭނުން ކޮންމެ ރަށެއްގައި ވަޒަންވެރި ވެވޭނެ ކަމަށާއި ވަޒަންވެރިވުމަށް ފަހު އެތަނެއްގެ ވަޒަންވެރީންނަށް ލިބޭ ހުރިހާ ހައްގެއް ތަފާތު ކުރުމެއް ނެތި ލިބެން ޖެހޭނެއެވެ. ގާނޫނު އަސާސީގައި މިހެން އޮތް ނަމަވެސް މި ފަހަރު މާލެ ރައްވެހިންނަށް ހާއްސަކޮށް ހުޅުވާލި ހައުސިން އަދި ގޯތި ދޫކުރުމުގެ ސްކީމްގައި އެމީހަކު ދުވަހަކު ވެސް މާލެ ނޫން ތަނެއްގައި ރަޖިސްޓްރީ ވެފައިވާ ނަމަ ޝަރުތު ހަމަނުވާ ގޮތަށް ވަނީ ހަދާފައެވެ. އެއީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާ އާ ހިލާފުވުމެކެވެ.

ދަފްތަރު މީހުންގެ ވޯޓު ނަގާފައި ގޯތި ދޭންޖެހޭ ހިސާބުން އެމީހުން ބަކީ ކޮށްލީ!

މި ސަރުކާރު ވެރިކަމަށް އައީ މާލޭ މީހުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ހޯދައި ދޭނެ ކަމަށް ވައުދު ވެގެންނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގަތީ ރަށްރަށުގެ ގިނަ ބައެއްގެ ވޯޓާއި ދަފްތަރުގެ ވޯޓާ އެކުގައެވެ. ހަމައެއާއެކު މި ވެރިކަމުގައި މަޖިލިސް އިންތިހާބު ބޭއްވި އިރު މާލޭގެ ދާއިރާތަަކަށް މެންބަރުން އިންތިހާބު ވެފައި ވަނީ ވެސް ދަފްތަރު މީހުން އެކި ދާއިރާތަކަށް ބަހާލައި، ހަމައެކަނި މާލެ މީހުންގެ ވޯޓަކުން ނޫނެވެ. ގިނަ ނަތީޖާ ބަދަލު ކުރީ ދަފްތަރުގައި ހިމެނޭ މީހުންގެ ވޯޓުންނެވެ.

ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވަނީ މި ސަރުކާރުން ހުޅުވާލި ހައުސިން ސްކީމްގެ މައްސަލައިގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ ގޮތުން ދަފްތަރުގައި ގިނަ ބަޔަކު ޖައްސާ މާލޭގެ އަބާދީ ބޮޑުތަނުން އިތުކޮށްފައިވާ ކަމަށާއި އަދި މި ސަރުކާރުން ވެރިކަމަށް އައިސް މަޖިލީހުގެ ގޮނޑިއަށް މާލެއިން 15 ގޮނޑި އިތުރުކޮށް، ދަފްތަރުގައި ތިބި މީހުންގެ ވެސް ވޯޓު ހިމަނައިގެން މެންބަރުން ހޮވުނީމައި އެންމެ ފަހު ވަގުތު ދަފްތަރުގައި ޖެހުނު މީހުންނަށް ވަރުގަދަ ބޮނޑިއެއް ދިނީ ކަމަށް ދިޔާނާ ވިދާޅުވިއެވެ. ވޯޓު ލާން ވީމައި ދަފްތަރުގެ މީހުން އޯކޭ ވެފައި ގޯތި ދޭން ވީމާ އެމީހުން ބާކީ ކޮށްލީ ކަމަށް ދިޔާނާ ވިދާޅުވިއެވެ.

މި ސަރުކާރުން މާލެ ރައްޔިތުންނަށް އިސްކަން ދޭނެ ކަމަށް ބުނެފައިވާ އިރު، މިދިޔަ ސަރުކާރުން ހިންގި ހިޔާ ފްލެޓް ފަދަ މަޝްރޫއުތަކުން ވެސް މާލެ މީހުންނަށް ފުރުސަތު ހޯދައިދިނުމަށް ވަނީ ފްލެޓް ދިން 5 ކެޓަގަރީއަކުން ފްލެޓް ދޭން ނިންމާފައިވާ މިންވަރު މަދުކޮށްފައެވެ.

ހުޅުމާލެ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރުތައް / ފޮޓޯ: ފައުޒާ މުހައްމަދު - ދަ ޕްރެސް

އެއީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ހާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީންނާއި، 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީނަނާއި، ގުޅީފަޅު ނުވަތަ ގާކޮށި އަރަބިއްޔާއިން ފްލެޓް ނުލިބުނު ފަރާތްތަކަށް ފްލެޓް ދޭން ބުނި ކެޓަގަރީއެވެ. އެ ކެޓަގަރީތަކުން ވަނީ ފްލެޓް އުނިކޮށް މާލެ ރަށްވެހިންނަށް ދޭ ފްލެޓްގެ އަދަދު 70 ޕަސެންޓަށް އިތުރު ކޮށްދީފައެވެ.

މިހާރު ހުޅުވާލާފައިވާ ހައުސިން ސްކީމުން ދަފްތަރުގައި ޖެހިފައި ތިބޭ މީހުންނަސް ފުރުސަތު އޮތް ނަމަވެސް މީގެ ކުރިން މާލެ ނޫން ތަނެއްގައި ރަށްވެހިވެފައިވާ ނަމަ އެމީހާގެ ޝަރުތު ފުރިހަމަ ނުވާ ގޮތަށް ހަމަޖައްސާފައި އޮތުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް މައްސަލަަ ކޯޓަށް ހުށަހެޅުމުން، އުފެދޭ ސުވާލަކީ މި ހައުސިން ސްކީމްގައި ބައިވެރިވުމަށް އާންމުން ކުރި ޝަރުތުތަކަށް ބަދަލެއް ގެންނާނީ ހެއްޔެވެ. ނުވަތަ ހައުސިން ސްކީމްގައި ހިމަނާފައިވާ ޝަރުތުތަކަކީ ގާނޫނު އަސާސީއާ ހިލާފުވާ ކަމަކަށް ވ އިރު، އެ އުސޫލު ކަނޑައަޅާފައި އޮތް އޮތުމުގެ ސަބަބުން އަނެއްކާ ވެސް މާލެ ރައްވެހިންނަށް ދޭން ނިންމި ބޯހިޔާވެހިކަން ނުދެވި އެކަން ދިގުދެމިގެން ދާނީ ހެއްޔެވެ. ވަކި ބަޔަކަށް ހާއްސަކަން ދީގެން ހިންގާ މި ސްކީމަށް އެތައް ބަޔެއްގެ ފާޑުކިޔުން އަމާޒުވާ އިރު، މި ސަރުކާރުން މާލެ ސަރަހައްދަށް ހާއްސަކޮށް އިއުލާން ކުރި މި ހައުސިން ސްކީމަށް ދެން ހަދާނެ ގޮތެއް ބަލަން ގިނަބަޔަކު އިންތިޒާރުގައި އެބަތިއްބެވެ.