ނިމިދިޔަ ސަރުކާރުން ދޫކުރި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި މެޑަމް ސާޖިދާ ގެންގުޅުއްވާ ލިސްޓަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ފަތުރާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހުޅުމާލެ، ފްލެޓް 104، ފާތިމަތު އާދަމް، އަމާޒު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ފާތިމަތު ކުރި ސުވާލުގައި ބުނީ ގޯއްޗާއި ފްލެޓު ދިނުމުގައި މެޑަމް ސާޖިދާ، ލިސްޓެއް ގެންގުޅުއްވާ ކަމަށް ގޮތް ނޭނގޭ މީޑިއާތަކުން ހަބަރު ފަތުރަމުންދާ ކަމަށާއި އަދި އޭނާ އެކަން ގަބޫލު ނުކުރާ ކަމަށެވެ. ނަމަވެސް ރައީސްގެ ފަރާތުން އެ މެސެޖް ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށް ވެސް ފާތިމަތު ވަނީ ބުނެފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ގިނަ ރައްޔިތުންގެ މެދުގައި ޝައްކު އުފެއްދުމަށް ފަތުރަމުންދާ ހަގީގަތެއް ނެތް ވާހަކަ ތަކެއް ކަމަށެވެ. އަދި ހަމައެހެންމެ މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައި ނުގަންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

"އަޅުގަނޑު ދޭން ބޭނުންވާ ޔަގީންކަމަކީ އަޅުގަނޑެއް، އަޅުގަނޑުގެ އަންހެނުން ވިޔަސް، އަޅުގަނޑުގެ ރައްޓެއްސެއް ވިޔަސް، ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އަދި އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން މި ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ." ރައީސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ގޯތީގެ އިތުރުން އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ނަމަވެސް އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީ ދެފުށް ފެންނަ ގޮތަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ކަމެއް ހިންގުމަށްވެސް ޖާގަ ނުދެއްވާނެ ކަމަށާއި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިވަޑައިގެންފިނަމަ އެކަމަކަށް އިސްވެ އަމިއްލަފުޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން. އެހެންވީމަ މިހާރު ނެރޭ ލިސްޓު ނޫނީ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން،"
ރައީސް ޑރ. މުހައްމަދު މުއިއްޒު

ކުރީ ސަރުކާރުން ގެދޮރުވެރިންގެ ސްކީމްގެ ދަށުން އިއުލާން ކުރި 4000 ފްލެޓް ދުކުރަން ނެރުނު ލިސްޓުގައި ހިމެނޭ 59.6 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ އިއްޔެ ހާމަކޮށްފައެވެ. އަދި ޝަރުތު ހަމަނުވާ މީހުންނާ މެދު އަމަލު ކުރާނެ ގޮތް ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށާއި އެއީ އޭސީސީގެ މެންޑޭޓްގެ ތެރޭގައި އޮތް ކަމެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައި ވެއެވެ.

އޭސީސީން ގެދޮރުވެރިންގެ ސްކީމްގެ ފްލެޓާ ގުޅިގެން ކުރިއަށް ގެންދިޔަ ތަހުގީގުގައި ވަނީ 4048 ފޯމް ބަލާފައެވެ. އޭގެ ތެރޭގައި ޝަރުތު ފުރިހަމަވެ އެއްވެސް މައްސަލައެއް ފާހަގަ ނުކުރެވޭ 20.7 ޕަސެންޓް ފޯމް ހިމެނޭ އިރު، 59.6 ޕަސެންތް ފޯމަކީ ޝަރުތު ފުރިހަމަ ނުވާ ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ. ހަމައެއާއެކު 4048 ފޯމްގެ ތެރެއިން 19.7 ޕަސެންޓް ފޯމަކީ ޝަރުތު ހަމަވި ނަމަވެސް މައްސަލަ ހުރި ފޯމްތައް ކަމަށް އޭސީސީން ބުނެއެވެ.

މިހެން ކަން އޮތް ނަމަވެސް މިދިޔަ ސަރުކާރުން ރައްޔިތުންނަށް ދިން ގޯތިތައް ބާކީ ކުރުމެއް ނެތި ރަޖިސްޓްރީ ހަވާލު ކުރައްވާނެ ކަމަށް ރައީސް ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.