3 މަސް ތެރޭ ގޯތިތައް ހަވާލުކުރަން 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ބޭރުކޮށްލި ނަމަވެސް ގޯތި ލިބުމަކަށް ހުރަހެއް ނޭޅޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީގެ ޕީޖީ ގްރޫޕުން ބުނެފިއެވެ.
ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ނުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުއްވާލެއްވި ސިޓީ މިއަދު މަޖިލީހުގައި ވަނީ އިއްވާފައެވެ.
އެ ބިލަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލެކެވެ. އަދި އެ ބިލް އިތުރަށް އިސްލާހު ކުރުމަށް ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް ފޮނުވަން މިއަދު މީކާއިލް ހުށަހަޅުއްވި އިރު ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.
އެ ހުށަހެޅުމަށް ފެންނަ ކަމަށް 12 މެންބަރުން ވޯޓުދެއްވި އިރު އެ ހުށަހެޅުމަށް ނުފެންނަ ކަމަށް 75 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އެހެންކަމުން އެ ހުށަހެޅުން ބޭރުކޮށް އެ ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ފާސްކުރުމަށް ރިޔާސަތުން ވޯޓަށް އެހިއެވެ.
އެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 89 މެންބަރުންގެ ތެރެއިން ބިލް ފާސްކުރަން ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 76 މެންބަރަކު ވޯޓުދެއްވިއިރު ވަކި ގޮތަކަށް ވޯޓު ނުދެއްވާ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެހެންކަމުން އެ ބިލް ވަނީ ބޭރުކޮށްލާފައެވެ.
ބިލް ބޭރުކޮށްލުމާއެކު އާންމުންގެ އިތުރުން އިދިކޮޅު ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކުރަމުން ދާ މި ދަނޑިވަޅުގައި ޕީއެންސީގެ ޕީޖީ ގުރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، އެ އިސްލާހުގައި ފުށު އަރާ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި ބައެއް މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރެވުނު އިރު، އެ ގޯތި އޮތްތަންވެސް ނޭނގޭ ކަމަށެވެ.
އެކަންކަމަށް ހައްލެއް ހޯދައިދިނުމަށް ބިމުގެ ބިލްގެ ނަމުގައި މި ސަރުކާރުން އާ ބިލެއް ހުށަހަޅާފައި ވާކަން ފާހަގަ ކުރައްވާ ފަލާހް ވިދާޅުވީ ބިލް މެދުވެރިކޮށް މިހާރު ގޯތި ލިބިފައި ހުރި ފަރާރްތަކަށް އަދި ފްލެޓްތަކާއި، ކޮންމެ ސަރުކާރަކުން ގޯތި ދިނަސް ރައްކާތެރިވެގެން ދާނެ ކަމަށެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާ ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއްކަން ފާހަގަ ކުރައްވާ ފަލާހް ވިދާޅުވީ އެމަނިކުފާނުގެ ވައުދުފުޅުތައް ވައުދުވެވަޑައިގެންނެވި ގޮތަކަށް އެކަމެއް ފުއްދަވާ ދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތީގެ ލިޔުމެއްވާނަމަ ގޯތި ދޫކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ޕީޖީ ގުރޫޕުން ވަނީ ދީފައެވެ.