އެމްޓީސީސީގެ ހުނަވަރު ޕްރޮގްރާމް ފުރިހަމަކުރި 52 މީހަކަށް އެ ކުންފުނިން ވަޒީފާ ހަމަޖައްސައިދީ އެކަމުގެ ލިޔުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހަވާލުކޮށްދެއްވައިފިއެވެ.
މިކމަށް ހާއްސަކޮށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ޕްރޮގްރާމް ފުރިހަމަ ކުރި 52 ބައިވެރިންނަށް މަރުހަބާ ދެންނަވާ ކަމަށެވެ. އަދި އަބަދުވެސް ބުރަކޮށް މަސައްކަތްކޮށް، ލިބޭ ތަމްރީނުތަކުގެ ބޭނުން ހިފުމަށް އާޒިމް ހިތްވަރު ދެއްވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، ކްރިމިނަލް ރެކޯޑެއް އޮތް މީހަކަސް އެ ކަން ތަންފީޒުކޮށްފައި އޮތިއްޔާ އެމީހަކަށް އެމްޓީސީސީޏް ވަޒީފާ ލިބޭނެ ކަމަށެވެ. ނަމަވެސް އެމްޓީސީސީގެ އުސޫލުތަކާއި ގަވައިދުތަކާ ހިލާފުވެ، މިކޮޅުން ދޭ ތަމްރީނުތަކަށް އެއްބާރުލުން ނުދެންޏާ ވަޒީފާއަކު ނޫޅެވޭނެ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
އެމްޓީސީސީން ބުނީ ހުނަވަރު ޕްރޮގްރާމްގެ ދަށުން 43 ބަސް ޑްރައިވަރަކު ތަމްރީނުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި އަންހެން ހަތަރު ޑްރައިވަރަކު ހިމެނޭ ކަމަށެވެ. ބަސް ޑްރައިވަރުންގެ އިތުރުން ހަ އެސިސްޓެންޓް ސައިޓް ސުޕަވައިޒަރުންނާއި ތިން މެރިން މެކޭނިކުުން މި ފަހަރުގެ ތަމްރީނު ޕްރޮގްރާމް ފުރިހަމަކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މާލެ ސަރަހައްދުގައި ބަހުގެ ހިދުމަތް ދޭން އެމްޓީސީސީން ފަށާފައިވާ ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވާ މީހުންނަށް ކޮންމެ މަހަކު ވެސް 5،000 ރުފިޔާގެ އެލަވަންސެެއް ދޭއިރު މި ޕްރޮގްރާމުގައި މިހާރު ވެސް 32 މީހަކު ދަނީ ބައިވެރިވެ ތަމްރީނުވަމުންނެވެ.
އެމްޓީސީސީން ވަޒީފާ ދިން 52 މީހުންނަކީ މިދިޔަ އަހަރު އެ ކުންފުނިން ފެށި ހުނަވަރު ޕްރޮގްރާމުގައި ބައިވެރިވެ ތިން މަސް ދުވަހުގެ ތަމްރީން ފުރިހަމަކޮށްފައިވާ މީހުންނެވެ.