ސްޓާޓްއަޕް 4 ވިޔަފާރިއަކަށް ބީއެމްއެލް އިން 5 ލައްކަ ރުފިޔާ ދީފިއެވެ.
ބީއެމްއެލްއަށް 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ތައާރަފްކުރެވުނު ތިންވަނަ ހަރަކާތް، ސްޓާޓްއަޕް ގްރާންޓް ލިބޭ ފަރާތްތައް ވަނީ ހޮވާފައެވެ.
މި އަހަރުގެ ޖަނަވަރީގައި ބީއެމްއެލް ސްޓާޓް އަޕް ގްރާންޓް އިފްތިތާހު ކުރެވުނީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް ނުވަތަ ހިންގަމުންދާ ވިޔަފާރިއެއް ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައެވެ. އަދި އެގޮތުން ހޮވާލެވޭ ހަތަރު ވިޔަފާރިއަކަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބިގެންދާނެއެވެ.
އެ ހަތަރު ފަރާތަކީ:
- މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ) ހިންގަމުންދާ އެމްބްރޮއިޑެރީ ވިޔަފާރި ފުޅާކުރުމަށް
- އާމިނަތު އިރާޝާ (ކިޑްސް ޒޯން) ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަމާޒުކޮށް ލަކުޑިން ގިނަބާވަތުގެ ތަކެތި ތައްޔާރު ކުރަން ދަސްކޮށްދިނުމަށް އަލަށް ފަށާ ވިޔަފާރިއެއް
- ހައްވާ ސޫޒަން (ހައްވަން ކޭކްސް) ގޭގައި ހިންގަމުންދާ ކޭކު އަޅާ ވިޔަފާރި ފުޅާކޮށް ބޭކަރީ އެއް ހަދައި މި ދާއިރާއިން ތަމްރީން ދިނުން
- އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް) ހިންގަމުންދާ ވިޔަފާރި ފުޅާކޮށް ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކޮށްގެން ދެމެހެއްޓެނެވި ގޮތެއްގައި ދަނޑުވެރިކަންކުރުން.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއިއޯ އަދި މެނޭޖިން ޑައިރެކަޓަރު ޓިމް ސޯޔާ ވިދާޅުވީ ސްޓާޓް އަޕް ގްރާންޓަށް މިއަދު ހޮވުނު ފަރާތްތަކަކީ އެފަރާތްތަކުގެ ވިޔަފާރި ފުޅާކުރުމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ވިޔަފާރި ކުރިއަރުވަން ޕްލޭން ތައްޔާރުކޮށް އެ ޕްލޭން ހުށަހަޅައިދިން ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި ހަމައެހެންމެ އުފެދެމުން އަންނަ ވިޔަފާރިވެރިން ކަމަށެވެ. އަދި އެ ވިޔަފާރިތައް ހޮވާފައި ވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުން ހުށަހެޅުނު 100 އަށް ވުރެ ގިނަ ފަރާތްތަކާ ވާދަކޮށްގެން ކަމަށްވެސް ޓިމް ސޯޔާ ފާހަގަކުރެއެވެ.
ދެ މަރުހަލާއަކަށް ބަހާލައިގެން ސްޓާޓް އަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވާއިރު އޭގެ ތެރޭގައި ފުރަތަމަ މަރުހަލާއަކީ ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ފާހަގަކޮށްލެވޭ 10 ފަރާތްވަނީ ޝޯޓްލިސްޓްކުރުމެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހެޅުން ކަމަށް ބީއެމްއެލްއިން ބުނެއެވެ.