ހަލުވިކަމާއެކު ކުރިއަރަމުން އަންނަ 5 އިގުތިސޯދުގެ އިއްތިހާދު (ބްރިކްސް) ގެ މެންބަރަކަށް ވުމަށް އެދި، އިރާނުން ހުށަހަޅާފައި ވާ ކަމަށް، އެ ގައުމުގެ އިސް އޮފިޝަލަކު ހާމަ ކުރައްވައިފިއެވެ.

ބްރިކްސް އެކުލެވިގެން ވަނީ ބްރެޒީލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާގެ މައްޗަށް ކަމަށް ވާ އިރު، އެ އިއްތިހާދުގައި ބައިވެރިވުމަކީ ދެ ފަރާތަށްވެސް އެ ކަމުގައި ފައިދާ އިތުރު ވާނެ ސަބަބެއް ކަމަށް، އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވަނީ ވިދާޅުވެފައެވެ.

ކަން މިހެން އޮތް އިރު، ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަހަރޯވާ ވަނީ، ބްރިކްސްގެ މެންބަރަކަށް ވުމަށް އެދި، އާޖެންޓީނާއިންވެސް ހުށަހަޅާފައި ވާ ކަމަށް ވިދާޅުވެފައެވެ.

ޓެލެގްރާމް މެސެޖެއްގައި ޒަހަރޯވާ ވިދާޅުވީ، އެމެރިކާގެ ސަރުކާރުން ފަހަރަކު ކަމަކަށް ހުރަސް އަޅާ، އެތައް ހުއްޓުވަމުން ދާއިރު އާޖެންޓީނާއިން އީރާނުން ބްރިކްސްގެ މެންބަރު ކަމަށް އެދި ހުށަހަޅާފައި ވާ ކަމަށެވެ.

ނަމަވެސް، އާޖެންޓީނާ އޮފިޝަލުންގެ ބަހެއް ރަސްމީ ސިފައެއްގައި ލިބިފައި ނުވާ ކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

މި ވަގުތަށް ވިލާތަށް ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އާޖެންޓީނާގެ ރައީސް އެލްބާޓޯ ފެނާންޑޭޒް ވަނީ، އާޖެންޓީނާއިން ބްރިކްސްއާ ގުޅުމުގެ ޝައުގު ތަކުރާރު ކުރައްވާފައެވެ.

އޭޝިއާއާއި ދެކުނު އެމެރިކާ އަދި މެދުއިރުމަތީގެ ގައުމުތަކާ ގާތް ވުމަށް ރަޝިއާއިން މަސައްކަތް ކުރަމުން ދާތާ ދުވަސްތަކެއް ވެފައި ވީ ނަމަވެސް، ރަޝިއާގެ ސަމާލުކަން މިވަގުތު އަމާޒުވެފައި ވަނީ ވިލާތާއި ހުޅަނގުގެ ބާރުތަކުން ރަޝިއާއާ ދެކޮޅަށް ތަންފީޒު ކުރަމުންދާ ދަތި ކުރުމުގެ ހަރުކަށި ފިޔަވަޅުތަކުން ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށެވެ.

އީރާނަކީވެސް އެ ގައުމަކާ ދެކޮޅަށް އެމެރިކާއިން ދަތި ކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ ގައުމެކެވެ. އީރާނާ ދެކޮޅަށް އެމެރިކާއިން ދަތި ކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދަނީ، އީރާނުގެ ނިއުކްލިއާ މަޝްރޫއާ ގުޅިގެންނެވެ.