އީރާނާއި އެ ގައުމާ އެކު ވިޔަފާރިކުރާ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން އިގުތިސާދީ ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އަޅަން ނިންމުމާ ގުޅިގެން، ޗައިނާއިން އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވި ގޮތުގައި، އެމެރިކާގެ މި ނިންމުމަކީ "ގާނޫނާ ހިލާފު އެއްފަރާތްކުރަނިވި ފިޔަވަޅުތަކެއް" ކަމަށާއި، ޗައިނާގެ ހައްގުތައް ހިމާޔަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެ ގައުމުން އަޅާނެއެވެ. އަދި ޗައިނާއާއި އީރާނާ ދެމެދު އޮންނަ ގުޅުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކުގެ ތެރެއިން ކުރިއަށްދާ ގުޅުމެއް ކަމަށާއި، އެކަމަށް ހުރަސްއަޅައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހޯމަ ދުވަހު މި ފިޔަވަޅުތައް އިއުލާންކުރައްވަމުން ވިދާޅުވީ، އީރާނާ އެކު މާލީ މުއާމަލާތްތައް ކުރާ ކޮންމެ ގައުމެއް އެކަހެރިކުރާނެ ކަމަށެވެ. މިއީ އީރާނާ ދެކޮޅަށް މާލީ ގޮތުން ދެވޭ އެންމެ ބޮޑު ހަމަލާ ކަމަށް ސިފަކުރައްވައި، އޭނާ ވިދާޅުވީ އީރާނާ ގުޅުން ކަނޑާނުލާ ބޭންކުތަކާއި ކުންފުނިތަކަށް ވެސް ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
ވަކި ގައުމެއްގެ ނަން ފާހަގަނުކުރެއްވި ނަމަވެސް، ބެސެންޓް ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދުނިޔޭގެ ލީޑަރުންނަށް ގުޅުއްވައި، އީރާނާ އެކު އޮންނަ ގުޅުންތައް ކަނޑާލުމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ޗައިނާގެ ބޭންކުތަކާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވެވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ.
އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ސަބަބުން ވިޔަފާރި ދަށްވެފައިވީ ނަމަވެސް، ޗައިނާއަކީ އަދިވެސް އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ގައުމެވެ. އެމެރިކާގެ މި އިއުލާން އައިސްފައިވަނީ އަންނަ މަހު ޓްރަމްޕާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ދެމެދު މަޝްވަރާތަކެއް ބޭއްވުމަށް ހަމަޖެހިފައިވަނިކޮށެވެ. ދުނިޔޭގެ ގިނަ ޓެކްނޮލޮޖީ އުފެއްދުންތަކަށް ބޭނުންވާ 'ރެއާ އާތްސް' އަދި މުހިންމު މިނަރަލްތައް އެންމެ ގިނައިން ޕްރޮސެސްކުރާ ޗައިނާއިން، މީގެ ކުރިން ވެސް އެމެރިކާއާ އެކު ކުރެވުނު ވިޔަފާރީގެ މަޝްވަރާތަކުގައި އެ ތަކެތި އެކްސްޕޯޓުކުރުން ވަނީ ހަރުކަށިކޮށްފައެވެ.
އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިގުތިސާދީ ވަޒީރު އަލީ މަދަނީޒާދޭ ދައުލަތުގެ ޓީވީގައި ވިދާޅުވީ، އާ ފިޔަވަޅުތަކާ ކުރިމަތިލުމަށް ތެހެރާން އޮތީ ފުރިހަމައަށް ތައްޔާރަށް ކަމަށާއި، މިއީ އެމެރިކާއަށް ލިބޭނެ އިތުރު ނާކާމިޔާބީއެއް ކަމަށެވެ. އަދި މިކަންކަން މެނޭޖުކުރުމަށް ސަރުކާރުގައި ދެ އަހަރު ދުވަހުގެ ޕްލޭނެއް އޮތް ކަމަށާއި، އީރާނުން މިކަމަށް އިންތިޒާރުކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އެމެރިކާއިން މި ފިޔަވަޅުތައް އިއުލާންކޮށްފައިވަނީ، އީރާނުގެ ހަނގުރާމަ ފެށުނުތާ ގާތްގަނޑަކަށް ހަ މަސް ދުވަސް ފަހުންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާއިރު، އީރާނުން ވަނީ ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އެކްސްޕޯޓުކުރުން ހުއްޓުވާފައެވެ. އަދި އެމެރިކާއިން ވެސް ވަނީ ކަނޑުމަގުން ކުރާ ދަތުރުތައް މަޑުޖައްސާލާފައެވެ. ބެސެންޓް ވިދާޅުވި ގޮތުގައި، އީރާނުން ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކިގަތުމަށް ބޭނުންކުރާ މާލީ ނެޓްވޯކްތައް ދެނެގަނެ، ގާތްގަނޑަކަށް 60 ފަރާތަކާއި އުޅަނދުތަކާ ދެކޮޅަށް މިހާރު ވަނީ ފިޔަވަޅު އަޅާފައެވެ.
ކެޕިޓަލް އިކޮނޮމިކްސްގެ ޗީފް ކްލައިމެޓް އެންޑް ކޮމޯޑިޓީސް އިކޮނޮމިސްޓް ޑޭވިޑް އޮކްސްލީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އީރާނުގެ ތެލުގެ ގާތްގަނޑަކަށް 90 ޕަސެންޓް ގަންނަނީ ޗައިނާއިން ކަމަށްވުމުން، ކުރު މުއްދަތެއްގައި މި ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ހަކަތައިގެ ވިޔަފާރިއަށް ކުރާނެ އަސަރު ކުޑަވާނެ ކަމަށެވެ. އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އަލީ ވާއިޒް ފާހަގަކުރެއްވި ގޮތުގައި، ޗައިނާއިން އާންމުގޮތެއްގައި އެމެރިކާއިން އެކަނި އަޅާ ފިޔަވަޅުތައް ބަލައެއް ނުގަނެއެވެ. އަދި ޕާކިސްތާން، ތުރުކީ އަދި އިރާގު ފަދަ އީރާނުގެ އަވަށްޓެރި ގައުމުތަކަށް ވެސް އީރާނާ އޮންނަ ގުޅުން ކަނޑާލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ މި ނިންމުމުގެ އަސަރުކުރާނެ އެހެން ގައުމުތަކުގެ ތެރޭގައި އިންޑިއާއާއި ރަޝިޔާ ހިމެނޭއިރު، އެ ގައުމުތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
