ރަޝިއާއިން އެ ގައުމަކާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ކުރަމުންދާ ޔޫކްރައިންއަށް އެއްބާރުލުން ދިނުމުގައި ދުނިޔެ އެކަތިގަނޑެއްގެ ގޮތުގައި ތެދުވަން ޖެހޭ ކަމަށް ވިދާޅުވެ، ރަޝިއާގެ ރައީސް ވްލޭޑްމިއާ "ޕޫޓިންގެ ދަންތުރަ"އިން ސަލާމަތް ވުމަށް، ޖަރުމަނުވިލާތުގެ ޗާންސެލާ އޯލާފް ޝޮލްޒް، މުޅި ދުނިޔެއަށް އިންޒާރު ކުރައްވައިފިއެވެ.

ޖަރުމަނުވިލާތުގެ ޒީޑީއެފް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ޗާންސެލާ ޝޮލްޒް ވަނީ، ރަޝިއާއިން ޔޫކްރައިން ހިފުމަށްފަހު ރަޝިއާއާ ދެމެދު އިހު އޮތް ގުޅުން އެ ގޮތުގައި ދެން ނޯންނާނެ ކަމަށްވެސް ވިދާޅުވެފައެވެ.

ދުނިޔެ ބައި ވެފައި ވާ ކަމަށާ، ހުޅަނުގެ ބާރުގައި ހިމެނެނީ ޖީ-7ގެ ގައުމުތަކާއި އުތުރުގެ އެކުވެރިން ކަމަށް ޕޫޓިން ސިފަކޮށްދެއްވަމުން ދާ އިރު، އެއީ އެއްވެސް އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ޗާންސެލާ ޝޮލްޒް ވަނީ ވިދާޅުވެފައެވެ.

ޖަރުމަނުވިލާތުގައި މިހާރު ކުރިއަށްދާ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 7 ގައުމުގެ އިއްތިހާދު (ޖީ-7)ގެ އިސްވެރިންގެ ބައްދަލުވުންތަކުގައި ހަވާސާގައި ވާހަކަފުޅު ދައްކަވަމުން ޖަރުމަނުވިލާތުގެ ޗާންސެލަރު ވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޑިމޮކްރަސީތައް ފެތުރިފައި ވާ ކަމަށާ، އެ ޑިމޮކްރަސީތަކަކީ ގިނަ ކަންތައްތަކުގައި ފިކުރު އެއްގޮތް ޑިމޮކްރަސީތަކެއް ކަމަށް ވިދާޅުވެފައެވެ.

ހާލަތު ބަދަލުވުމުން ދެން ތިބި މީހުންވެސް ބަދަލުވާން ޖެހޭ ކަމަށް ވިދާޅުވެ، ޖަރުމަނު ޗާންސެލަރު ވަނީ ރަޝިއާގެ ތެޔޮ އެކްސްޕޯޓަށް ވިލާތުން ބަރޯސާވާ މިންވަރު މިހާރަށް ވުރެވެސް ކުޑަ ކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

މި އަހަރުގެ ޖީ-7ގެ އިސްވެރިންގެ ސަމިޓަށް، އިންޑިއާ، އިންޑޮނޭޝިއާ، ސެނެގާލް، ދެކުނު އެފްރިކާ އަދި އާޖެންޓީނާއަށް ވަނީ ދައުވަތު ދީފައެވެ. ޝޮލްޒް ސިފަ ކުރައްވާ ގޮތުގައި އެއީ "މުސްތަގުބަލުގެ" ޑިމޮކްރަސީތަކެވެ.

އެއްބަޔަކު އަނެއް ބަޔަކާ ވާހަކަދައްކާ، އަނެއް ބަޔަކު ދައްކާ ވާހަކަތައް އަޑު އަހާ، ދޭދޭ ފެންވަރުގެ އެއްބަސްވުމަކަށް އައުމަކީ، ކުރަމުން ދާ މަސައްކަތަށް ބޮޑު ލިޔެއް ލިއްބައިދޭނެ ކަމެއް ކަމަށްވެސް ޖަރުމަނު ޗާންސެލަރު ވަނީ ފާހަގަ ކުރައްވާފައެވެ.