ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަ ހޯމަ ދުވަހު ޖަރުމަނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ އަންނަ ހަފްތާގެ ހޯމަ ދުވަހުން ހުކުރު ދުވަހުގެ ނިޔަލަށް ރައީސް ޖަރުމަނަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓައިންމަޔާގެ ދައުވަތަކަށް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު ޖަރުމަނުގެ ރައީސް ސްޓައިންމަޔާއާ ބައްދަލުކުރައްވާނެކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާ މަތީފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދަވާނެ ކަމަށާއި މި ބައްދަލުވުން ތަކުގައި ރާއްޖެއާއި ޖަރުމަނުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ރައީސް އޮފީހުން ބުނީ މިދަތުރުފުޅަކީ ދެ ގައުމުގެ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށެވެ. ރައީސް މިދަތުރުފުޅުގައި ބާލިންގައި ހުންނަ ހަމްބޮލްޓް ޔުނިވާސިޓީއަށް ވަޑައިގެން 'މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ، ހިއްސާކުރައްވައި އެ ޔުނިވާސިޓީގައި ތަގުރީރުކުރުމުގެ އިތުރުން ޖަރުމަން ކައުންސިލް ފޯ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި ތަގުރީރު ކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ އިތުރުން ރާއްޖޭގެ ބައެއް ވިޔަފާރިވެރިންގެ މައްޗަށް އެކުލެވޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އީސް އޮފީހުން ބުނީ މި ދަތުރުފުޅު ދިމާވަނީ ރާއްޖެ އާއި ޖަރުމަނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާއާ ކަމަށެވެ.