ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑް ޓޭބަލްގައި، ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އެމަނިކުފާނު މިހާރު ޖަރުމަނުވިލާތަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ބާލިންގައެވެ.

އެގޮތުން، މޯލްޑިވްސް- ޖާމަނީ ބިޒްނަސް ރައުންޑް ޓޭބަލްގެ ބައްދަލުވުން ކުރިއަށްގެންދިޔަ މަރުކަޒުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ، ޖާމަން ޗެމްބާ އޮފް އިންޑަސްޓްރީ އެންޑް ކޮމާސް (ޑީއައިއެޗްކޭ) ގެ ބޯޑު މެންބަރު އަދި ހެޑް އޮފް ފޮރިން ޓްރޭޑް، ޑރ. ވޮލްކާ ޓްރައިއާ އާއި ޑާމަލޮގް އައިޑެންޓިފިކޭޝަން ސިސްޓަމްސް ޖީއެމްބީއެޗް ގެ ސީއީއޯ ގުންތާ މުލް އެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، އެބައެއްގެ މަސައްކަތްތަކުގެ ސަބަބުން ދުނިޔޭގެ ވިޔަފާރީގެ މައިދާން ބައްޓަންކޮށް، ދެމެހެއްޓެނިވި އަގުތައް އުފެއްދުމަށް އެހީތެރިވެދިން ޖަރުމަނުވިލާތުގެ ވިޔަފާރި ލީޑަރުންނާ ބައްދަލު ކުރެއްވުމަކީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އުފާފުޅެއްކަމުގައި ވިދާޅުވެފައެވެ.

ދިވެހިރާއްޖެއިން 2040 ވަނަ އަހަރަށް ކުރާ ތަސައްވުރަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ:

  • ދިވެހި އިގްތިސާދު ހަރުދަނާކޮށް، މުއައްސަސާތައް ޒަމާނީކުރުމަށާއި، ގައުމީ ތަރައްގީއަކީ، ތިމާވެށި ހިމާޔަތްކޮށްދީ، ރައްޔިތުންގެ ދުވަހީ ދިރިއުޅުމަށް ކުރިއެރުން ގެނުވާކަމެއް ކަމުގައި ކަށަވަރުކޮށްދިނުމަށް ކަނޑައަޅާފައިވާ އަޒުމެއް ކަމަށް
  • މާލީ ނިޒާމުތައް ޒަމާނީކުރުމާއި، ބޭރުފައިސާ މާރުކުރުމަށް ހުރި މަގުތައް އިތުރަށް ފަހިކުރުމާއި، އާންމު ހިދުމަތްތައް ޑިޖިޓަލައިޒްކުރުމަކީ އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއް
  • ދިވެހިރާއްޖޭގެ ރަސްމީ ރިޒާވް ރެކޯޑު މިންވަރަކަށް މަތިކުރެވި، ބޭރުފައިސާ ދައުރުވާ މިންވަރު ވަނީ އިތުރު ކުރެވިފައި
  • ބަޖެޓުގެ ޑެފިސިޓް ކުޑަކުރުމުގައި ގެނެވިފައިވާ ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވަނީ، މާލީ އަޚުލާޤު ދެމެހެއްޓުމަކީ ސަރުކާރުގެ މައިގަނޑު ސިޔާސަތެއް
ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގައި

މީގެ އިތުރުން ވެސް ރައީސް ވަނީ މިފަދަ އީޖާބީ ކުރިއެރުންތަކުގެ ސަބަބުން، ދިވެހިރާއްޖެއާމެދު ވުނޭރުންގެ މެދުގައި އިތުބާރު އިތުރުވެ، ގޫގްލް ފަދަ ފަންނިއްޔާތުގެ ބޮޑެތި ކުންފުނިތަކުން ރާއްޖޭގެ ޑިޖިޓަލް ކަނެކްޓިވިޓީ އިތުރުކުރުމަށްޓަކައި ރާއްޖޭގައި ވުނަކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ހަކަތައިގެ ރައްކާތެރިކަމާއި، ހަކަތައިގެ އަގުތަކަކީ، ދިވެހިރާއްޖެއަށް ހައްސާސް ގޮންޖެހުމެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެނަރޖީ ޓްރާންސިޝަންގެ ދާއިރާއަކީވެސް އުފެއްދުންތެރިކަން ބޭނުންވާ ދާއިރާއެއްކަމަށް ވިދާޅުވެފައެވެ.

ސޯލާ ސިޓީ ފަދަ މަޝްރޫއުތަކުގެ އަމާޒަކީ ހަމައެކަނި ކާބަން ބޭރުކުރާ މިންވަރު މަދުކުރުން ނޫންކަމަށާއި، ޖަޒީރާތަކާއި އައްސޭރިފަށުގެ ވަސީލަތްތަކަށް ބަރޯސާވާ ދުނިޔޭގެ އިގްތިސާދުތަކަށް، އަތްފޯރާފަށުގެ، ދެމެހެއްޓެނިވި، އަދި ނަކަލުކުރެވޭފަދަ ހައްލުތަކެއް އުފެއްދުމަކީވެސް، އެފަދަ މަޝްރޫއުތަކުގެ އަމާޒެއް
ރައީސް

އަންނަ އަހަރަކީ "ވިޒިޓް މޯލްޑިވްސް އިޔާ"ގެ ގޮތުގައި ފާހަގަކުރާ އަހަރެއް ކަމަށާއި ޖަރުމަނުގެ އިންވެސްޓަރުންނަށް އެ ފުރުސަތުގައި ބައިވެރިވުމަށް ރައީސް ވަނީ ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން، މިހާރު ސަރުކާރުން ނ. އަތޮޅުގައި ފަށާފައިވާ "ޕްރޮޖެކްޓް އައިލާ" ކަހަލަ ދެމެހެއްޓެނިވި ޓައުންޝިޕް މަޝްރޫއުތަކުގައި ބައިވެރިވުމަށް ވެސް އެމަނިކުފާނު ޖަރުމަނުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވި އެވެ.

ސިއްހީ ދާއިރާ ފުޅާކޮށް ޒަމާނީކުރުމާއި ރާއްޖެއިން ބޭރަށް ފަރުވާއަށް ދާންޖެހޭ މިންވަރު މަދުކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ޖަރުމަނުގެ ތަޖުރިބާކާރުންގެ އެހީތެރިކަން މުހިންމު ކަމަށާއި ބޭންކިން އަދި މާލީ ދާއިރާއަކީ ވެސް އިންވެސްޓްކުރުމަށް ރަނގަޅު ފުރުސަތުތަކެއް އޮތް ދާއިރާއެއް ކަމަށާއި ރާއްޖެއިން މަސައްކަތް ކުރަނީ ދެފުށް ފެންނަ، އިތުބާރު ހުރި ވިޔަފާރިގެ މާހައުލެއް ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުގައި

ހަމަ އެހެންމެ މިއަށްފަހު ރާއްޖޭގެ ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ވަނީ، ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާގެ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި އެ ރައުންޑްޓޭބަލްގައި "އިންވެސްޓް މޯލްޑިވްސް" އިން ރާއްޖޭގެ އިންވެސްޓްމަންޓް މާހައުލާ ބެހޭ މައުލޫމާތު ދީފައިވާއިރު ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އެ ދާއިރާގެ މަޝްރޫއުތަކާ ބެހޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހަޅާފައި ވެއެވެ.

މި ރައުންޑް ޓޭބަލް ނިންމާލާފައި ވަނީ ވިލާތުގެ އެންމެ އިސް އެއް ޓްރެވަލް އެންޑް ޓޫރިޒަމް ގުރޫޕުކަމުގައިވާ ޑިއާޓުއާ ޑޮއިޝްލަންޑް ޖީއެމްބީއެޗް އާއި ވިޒިޓް މޯލްޑިވްސް އާ ދެމެދު، ޑެސްޓިނޭޝަން ޕްރޮމޯޝަނާއި މާކެޓިންގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.