ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ ދަރިކަލުން އައްފާން އަބްދުއްސައްތާރު، އެއް ޖިންސުން ގުޅުން ހިންގި ކަމަށް ދެކެވޭ ވާހަކަ މިނިސްޓަރު ދޮގުކުރައްވައިފިއެވެ.

މާރިޔާގެ ދަރިކަލުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އޮތް ކަަމަށް "ދިޔަރެސް" ނޫހުން ބުނަމުން އެވީޑިއޯ ބޭނުންކޮށްގެން މާރިޔާއަށް ބްލެކް މެއިލް ކުރަމުން ދާ ކަމަށް އަ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.

އެކަން ތަހުގީގު ކުރަން އިންޑިއާގެ ޓީމެއް ރާއްޖެ އައިސްފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ބުނެ އެނޫހަކުން މާރިޔާއާ ސުވާލު ކުރުމުން މާރިޔާ ވިދާޅުވީ އެއްވެސް މީހަކު ބްލެކްމެއިލް ކޮށްފައި ނުވާކަމަށާއި އަދި އައްފާނު އެއްވެސް މީހަކާ އެކު ޖިންސީ ގުޅުން ހިންގާ ވީޑިއޯއެއް ނޯންނާނެ ކަމަށެވެ.

އެވާހަކަތަކުގެ ސުކްރީންޝޮޓެއް ހިއްސާކުރައްވަމުން މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ ވާހަކައެއްގެ ތެރެއަށް ދަރިންނޭ ކިޔައިގެން ހެޑްލައިންއެއް ހެދޭތޯ ބަލާ ކަމަށާއި ސިޔާސީ ސަބަބަށްޓަކާ ދަރިންނާ ބެހުން ހުއްޓަން ޖެހޭ ކަމަށެވެ.

އަފި މިއީ ސިޔާސީ ދާއިރާގައި އުޅޭ އަންހެނުންނަށް ކުރާ ދުއްތުރާއެއް ކަމަށް ގަބޫލުކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) އާއި އިތުރު ފިރިހެނަކާއި އަންހެނަކު ކަމަށް ބުނާ ބަރަހަނާ ހާލުގައި އޮތް ފޮޓޯއެއް ޓުވިޓާގައި ލީކްވެފައި ވާއިރު ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިއަކު ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އެކު އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ކަމަށް ބުނެވެސް އަންނަނީ ވީޑިއޯއެއް ދައުރުވަމުންނެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ތުހުމަތުކޮށް އެއް ޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ވަނީ ވައިރަލްވެފައެވެ.