ހެލްތް މިނިސްޓްރީގެ ނަމުގައި އޮޅުވާލައިގެން ގުޅަމުންދާތީ އެކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީ އިން އިލްތިމާސް ކޮށްފިއެވެ.
ހެލްތް މިނިސްޓްރީ އިން ބުނީ އެ މިނިސްޓްރީ އިން ކުރަމުން އަންނަ ސާވޭއަކާ ގުޅިގެން ކަމަށް ބުނެ ސިއްހީ ހިދުމަތް ދިނުމުގައި މަަސައްކަތް ކުރާ ޑޮކްޓަރުންނާއި އާންމު ފަރާތްތަކަށް ގުޅާ ޒާތީ މައުލޫމާތު ހޯދަމުންދާ ކަމަށެވެ. އެގޮތުން އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަ ކަމަށާއި އެ މިނިސްޓްރީގެ ސަމާލު ކަމަށް އެކަން އައިސްފައިވާ ކަމަށެވެ.
އެ މައުލޫމާތު ފުލުހަށާއި ކަމާގުޅުންހުރި އެހެނިހެން އިދާރާތަކާ ވެސް ހިއްސާކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ފާހަގަ ކުރެއެވެ.
ހެލްތް މިނިސްޓްރީގެ ނަމުގައި އެފަދަ ފޯނުކޯލުތައް ކުރަމުން ގެންދާއިރު އެ މިނިސްޓްރީ އިން މިވަގުތު އެއްވެސް ސާވޭ އެއް ކުރަމުން ނުދާ ކަމަށާއި އެފަދަ ކޯލުތައް ކުރަމުންދާއިރު އެކަމަށް ސަމާލުވުމަށް މިނިސްޓްރީ އިން ބުނެއެވެ.
އެކި އެކި ކުންފުނިތަކާއި ސަފާރީ އާއި ސަޕްލައި ދޯނިތަކުގެ ނަމުގައި މި ނޫނަސް ބީއެމްއެލްގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުން އަންނަ މައްސަލަ ވަނީ އިތުރުވެފައެވެ.