ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން، ސައުދީ އަރަބިއްޔާއިން ބޭރުގައި ދިރުއުޅޭ މުސްލިމުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ބަންދުވެފައި އޮތް ތާ 2 އަހަރަށް ފަހު، އެ ފުރުސަތު އަލުން ހުޅުވާލާފައި ވާ އިރު، 1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އެދިގެން ސައުދީ އަރަބިއްޔާއަށް ޒިޔާރަތް ކުރަމުންދާ ގިނަ އަދަދެއްގެ މުސްލިމުންނަށް، އެގައުމުން ފުޅާ ދާއިރާއެއްގައި ހިދުމަތް ދެމުން ދާ ކަން ހާމަ ކޮށްފިއެވެ.

ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ހޮނިހިރު ދުވަހު ހާމަ ކުރި ގޮތުގައި، ހައްޖުގެ އަޅުކަން އެދިގެން ޒުލްގައިދާ 21 ވަނަ ދުވަހުގެ ނިޔަލަށް އެގައުމަށް އެތެރެވި 216،981 މީހަކަށް އެ ވުޒާރާގެ ހިދުމަތް ދީފައި ވާ ކަމަށެވެ. އޭގެ ތެރޭގައި އެއްގަމާއި، ކަނޑާއި ވައިގެ މަގުން އެތެރެވި މީހުންވެސް ހިމެނެއެވެ.

ތަފްސީލުތަކަށް ބަލާއިރު، މެނިންޖައިޓިސް އިން ރައްކާތެރިވުމުގެ ގޮތުން ދޭންޖެހޭ ފަރުވާ، 10،101 މީހަކަށް ދީފައި ވާ އިރު، 31،936 މީހަކަށް ޕޯލިއޯ ވެކްސިން ދީފައިވެއެވެ. އަދި ރީނދޫ ހުމުގެ ވެކްސިން، 12،145 މީހަކަށް ދީފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ވައިގެ މަގުން ސައުދީއަށް އެތެރެވި މީހުންގެ ތެރެއިން 209،865 މީހަކަށް ސިއްހީ ގޮތުން ދޭންޖެހޭ ފަރުވާއާއި ރައްކާތެރިކަމުގެ ގޮތުން ދޭންޖެހޭ ފަރުވާ ދީފައި ވާ އިރު، އެއީ ސައުދީއަށް އެތެރެވި މީހުންގެ 97 ޕަސެންޓް މީހުން ކަންވެސް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަ ކޮށްފައެވެ.

1443 ވަނަ އަހަރުގެ ހައްޖު މޫސުމަށް ތައްޔާރު ވުމުގެ ގޮތުން ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މައްކާއާއި މަދީނާގައިވާ މުގައްދަސް ސަރަހައްދުތަކުގައި ސިއްހީ ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖައްސާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

ޖަމްރާ ބްރިޖު ފެސިލިޓީއަށް ބަލާއިރު، ސައުދީގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ 180 އެމްބިއުލާންސް ފޯރުކޮށްދިނުމުގެ އިތުރުން 17 އެމާޖެންސީ ސެންޓަރު ގާއިމު ކޮށްފައެވެ.

ވުޒާރާއިން އާލާތްތައް ފޯރުކޮށްދިން ހޮސްޕިޓަލުތަކުގެ އަދަދު 25 އަށް އަރާފައި ވާއިރު 156 ހެލްތު ސެންޓަރެއްގެ ހިދުމަތްތައްވެސް އެ ހޮސްޕިޓަލުތަކަށް ލިބޭ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ކްލިނިކަލް ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ، 5000 އެނދަށް އިތުރު ކޮށްފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ހައްޖުގެ އަޅުކަމަށް އަންނަ ފަރާތްތަކަށް ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ޝަރުތު ހަމަވާ މީހުންގެ އަދަދު މިހާރު 25000 އަށް އަރާފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން