ރާއްޖޭގައި 2020 ވަނަ އަހަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު 17 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލާގައި ޖަލަށް ލާން ހުކުމްކޮށްފައި ވަނީ ބަންގްލަދޭޝްގެ މީހެއް ކަމަށްވާ ޝުވޯ ޗަންދުރާ ޝިލްއެވެ.

އޭނާއަށް ވަނީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ގައިގައި އަތްލުމުގެ ކުށުގައި 14 އަހަރަށް ޖަލު ހުކުމް ކޮށްފައެވެ. އަދި ޖިންސީ ގުނަވަން ކުޑަކުއްޖަކަށް ދެއްކުމުގެ ކުށުގައި 3 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ. މިއާއެކު ޖުމްލަ 17 އަހަރުގެ ހުކުމެއް އައި ނަމަވެސް އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމަށްފަހު އޭނާ ދެން ޖަލުގައި ހުންނަން ޖެހޭނީ، 13 އަހަރާއި 11 މަސް ދުވަހުއެވެ.

ކުޑަކުދިން ހިމެނޭ މިފަދަ މައްސަލަތަކުގައި ކުޑަކުއްޖާގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން އެކުއްޖާ އައިޑެންޓިޓީ ދެނެގަނެވޭނެ ފަދަ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ. އަދި ބަންގްލަދޭޝްގެ މީހާގެ ފޮޓޯވެސް އާންމެއް ނުކުރިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން އަނިޔާއެއް ދިނުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ މައްސަލަތަކެވެ.