ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓާވިލާއަކުން ގެއްލުނު އޮސްޓްރޭލިއާގެ ޓޫރިސްޓަކު ހޯދަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓަރވިލާއަކުން އޮސްޓްރޭލިއާ ފަތުރުވެރިއަކު ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނީ މިއަދު ހެނދުނު 06:54 ހާއިރު ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިންނަށް އެ ފަތުރުވެރިޔާގެ ހަށިގަނޑު މޫދުން ފެނިފައިވާ ކަމަށެވެ.

މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ހާބާކްރާފްޓް ލޯންޗުގައި ޑައިވަރުންނާއެކު މިއަދު ހެނދުނު 8:02 ހާއިރު ކްރޮސްރޯޑަށް ގޮސް ގެއްލުނު ފަތުރުވެރިޔާ ހޯދުމަށް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ފަށި ކަމަށެވެ.

އެމްއެންޑިއެފްއިން ބުނީ ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު ހެނދުނު 09:36 ހާއިރު، އެ ފަތުރުވެރިޔާގެ ހަށިގަނޑު، ކްރޮސްރޯޑްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި އޮއްވައި ފެންމަތިން ފެނިފައިވާ ކަމަށެވެެ. އަދި އެ މީހާގެ ހަށިގަނޑު މިއަދު ހެނދުނު 9:47 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑު ހާބާ ކްރާފްޓަށް ނަގައި ވަނީ ކްރޮސްރޯޑަށް ބާލާފައެވެ.