އަމިއްލަ ހިދުމަތްދޭ ތަންތަނުން އަގުތަކަށް ގެންނަ ބަދަލުތައް ބަލައި ރިވިއުކުރެވޭނެ ގޮތެއް ނެތް ކަމަށް އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް ވިދާޅުވެއްޖެއެވެ.

ސިއްހީ ހިދުމަތްތަކަށް އަގުގެ ބޮޑުބައެއް ހޭދަކުރާއިރު ހިދުމަތް އަވަސް ކުރަން ބޭނުންވާ މީހުންނަށް ބޮޑުއަގުގައި ހިދުމަތް ހޯދުން މަޖުބޫރުވެފައިވާ މައްސަލައާ ގުޅިގެން މަޖީލީހުގެ އިޖްތިމާއީ ކޮމިޓީއަށް މި މައްސަލައާ ގުޅޭގޮތުންވަނީ އާސަންދައާއި އެންސްޕާއިން ވަނީ ހާޒިރުކޮށްފައެވެ.

މަރިޔަމް ޝަފީގް ވިދާޅުވީ އަދިވެސް އާސަންދަ ސްކީމަކީ އެންމެ ފުރިހަމަކޮށް އޮތް ސްކީމެއް ނޫން ކަމަށާއި މިކަން އިސްލާހުކުރުމުގައި ގޮންޖެހުންތައްވެސް ހުރި ކަމަށެވެ. އަދި އަމިއްލަ ހޮސްޕިޓަލްތަކުން ކުރާ ބޮޑެތި އޮޕަރޭޝަންތަކަށް އާސަންދައިގެ ވީހާވެސް ބޮޑު ކަވަރޭޖެއް ހޯދައިދިނުމަށް 2019 އިން ފެށިގެން އެ ހޮސްޕިޓަލްތަކާއެކު މުހިންމު މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މަރިޔަމް ޝަފީގް ވިދާޅުވިއެވެ.

މަރިޔަމް ޝަފީގް ވިދާޅުވީ އަގުތައް ބޮޑުކުރާ އުސޫލު ބެލޭނެ އެކަށީގެންވާ ގޮތެއް ނެތް ކަމަށާއި ބައެއް ކަހަލަ ބަލިތަކުގެ ފަރުވާއަށް އާސަންދަ ކަވަރޭޖްގެ އަގުތައް ހެދުމުގައިވެސް ގޮންޖެހުންތައް ހުރި ކަމަށެވެ. އެގޮތުން ނާރުގެ ބަލިތަކުގެ އޮޕަރޭޝަންތައް ފަދަ އަލަށް ރާއްޖެއަށް ތައާރަފްވަމުންދާ ފަރުވާތަކުގެ އަގު އަދިވެސް ނެހެދި ހުރިކަން ފާހަގަކުރައްވާ މަރިޔަމް ވިދާޅުވީ މިފަދަ މަސައްކަތްތަކުގައި ކްލިނިކްތަކުގެ އެއްބާރުލުން ހޯދަމުން ތަކުރާރުކޮށް އެދެމުން އަންނަ ކަމަށެވެ.