ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ފަރާތްތައް ކޮށްދެއްވާފައިވާ ހިދުމަތްތަކާ ނުބައްދަލު އިނާޔަތްތައް އުނިކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ބިލެއް ހުށަހަޅައިފިއެވެ.
މިއަދު މޯލްޑިވްސް ނެޝަނަލް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވަނީ ގާނޫނު ނަންބަރު 5/2013 (ރައްޔިތުންގެ މަޖލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނު) ގެ 8 ވަނަ މާއްދާ އުނިކޮށް އިސްލާހު ގެނައުމަށް ބިލެއް ހުށަހަޅާފައެވެ.
އެމްއެންޕީން ބުނީ، އެ ބިލުގައި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގައި ރައްޔިތުންގެ މަޖިލީހުގެ 1 ދައުރު މެންބަރުކަން ކޮށްފައިވާ މެންބަރުންނަށް ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދައުލަތުގެ ފަރާތުން ބޮޑެތި އިނާޔަތްތައް ދިނުމަށް ކަނޑައަޅާފއިވާ ކަމަށެވެ. ދައުލަތަށް 20 އަހަރާއި 30 އަހަރު ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ލިބޭ އިނާޔަތްތަކާއި ނުބައްދަލު އިނާޔަތްތަކެއް އެންމެ 5 (ފަހެއް) އަހަރުގެ ދައުރެއް ފުރިހަމަ ކުރާ މީހަކަށް ދިނުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ނުދެކޭ ކަމަށް އެ ޕާޓީން ބުނެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަކީ މެންބަރުންގެ އަމިއްލަ މަންފާއަށް މަސައްކަތް ކުރުމަށް ނުވަތަ އަމިއްލަ މަސްލަހަތަށް ވުރެ ބޮޑަށް، ރައްޔިތުންގެ އިހްސާސްތަކާ އެއްގޮތަށް ކަންކަން ނިންމަންެހޭ މަޖިލީހެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށް ބުނެއެވެ. އެގޮތުން މި ބިލަކީ މީގެ ކުރީގައި ވެސް އެމްއެންޕީގެ ފަރާތުން ގާނޫނު ނަންބަރު 3/2009 ދިވެހރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ގައުމަށް އެތައް ހިދުމަތްތަކެއް ކޮށްދެއްވާފއިވާ ޕެންޝަނަރުންނަށް އެންމެ އިންސާފުވެރި އެކި ޕެންޝަން ލިބޭނެ ގޮތް މަގުފަހިކޮށް ހޯދައި ދިނުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށް އެ ޕާޓީން ބުނެއެވެ.
ދައުލަތަށް ހިދުމަތް ކުރުމުން ހިދުމަތުގެ އިނާޔަތް ދިނުމުގައި ހަމަހަމަކަން އޮންނަން ވާނެ ކަމަށް އެމްއެންޕީން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ މަސައްކަތަކީ އެކި ގާނޫނުތަކުގެ ދަށުން ހިދުމަތުގެ އިނާޔަތުގެ ގޮތުގައި ދެވޭ ހިދުމަތް ނުބައްދަލު އިނާޔަތްތައް އުނި ކުރުން ކަމަށް އެމްއެންޕީން ބުނެއެވެ.
ވީމާ، މި އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގެ ޕެންޝަން އުސޫލު އިތުރަށް ހަރުދަނާވެ، އިންސާފުވެރި އުސޫލެއްގެ ތެރެއިން ޕެންޝަންގެ ނިޒާމު ބައްޓަން ކުރުމަށް މަގުފަހިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ކުރިއަށް އޮތް ތަނުގައި ނުއުފުލޭނެ ވަރުގެ ބުރައަކުން މިންޖުކުރެވޭނެ ކަމަށް އެމްއެންޕީން ބުނެއެވެ.