ދުވާލަކު 10 ޓަނުގެ ކުނި އުފެދޭ ކ. މާފުށީގެ ކުނި މެނޭޖުކުރަން ސްޓެލްކޯއާ ހަވާލުކޮށްފިއެވެ.

މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މާފުށީ ކުނި މެނޭޖްކުރުމާ ހަވާލުވުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއި ކުރެއްވީ ޖެނެރަލް މެނޭޖަރު އަހްމަދު ޝަފީއުއެވެ. އަދި އެރަށު ކައުންސިލުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ހުސައިން ސޮލާހެވެ.

މި މަޝްރޫއުއާއެކު ޔުޓިލިޓީގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭ ފުރަތަމަ ކުންފުންޏަށް ސްޓެލްކޯ ވަނީ ވެފައެވެ. މި މަޝްރޫއުގެ ދަށުން މާފުށީގައި އެންމެ ޒަމާނީ ކުނިކޮށްޓެއް ގާއިމުކުރުމާއި އެތަނުގައި ކުނި ވަކިކޮށް، ރީސައިކަލް ނުކުރެވޭ ކުނި ބޭރު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ އެ ސަރަހައްދުގެ އިތުރު ރަށްތަކުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިއުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި އެންމެ އަވަހަށް މި ޕްރޮޖެކްޓް ފަށާނީ ހަމަ އެ ސަރަހައްދުގައި އޮތް ކ. ގުޅި އާއި ގުރައިދޫގައި ކަަމަށް ޝަރީފް ފާހަގަކުރެއްވިއެވެ.

މާފުށީ ކައުންސިލުގެ ރައީސް ހުސައިން ސޮލާހު ވިދާޅުވީ 1999 ވަނަ އަހަރު އެރަށުގައި ފުރަތަމަ ކުނި އަޅާނެ ވަކި ސަރަހައްދެއް ކަނޑައެޅުމާ ހަމައިން ފެށިގެން މިހާތަނަށް އައި އިރު ގިނަ ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި ދުވާލަކު 10 ޓަނަށް ވުރެ ގިނަ ކުނި އުފެދޭ މާފުށީގެ ކުނީގެ މައްސަލައަށް މި މަޝްރޫއާއެކު ހައްލެއް ލިބޭނެ ކަމަށް ސޮލާހު ވިދާޅުވިއެވެ.