އިގުތިސޯދު އިނދަޖެހި ދަރަނި ހަލާސް ކުރަން ފެއިލްވެފައިވާ ސްރީލަންކާއާ ދެކޮޅަށް، އެމެރިކާގެ ބޮންޑްހޯލްޑަރަކު، އެ ގައުމުގެ ކޯޓަކަށް މައްސަލަ ވައްދައިފިއެވެ.

ސްރީލަންކާއާ ދެކޮޅަށް ނިއުޔޯކް ފެޑެރަލް ކޯޓަށް މައްސަލަ ވެއްދި ހެމިލްޓަން ރިޒާވްސް ބޭންކް ލިމިޓަޑަކީ ޖުލައި 25، 2022 ގެ ކުރިން ސްރީލަންކާއިން ހަލާސް ކުރަން ޖެހޭ އިންޓަނޭޝަނަލް ސޮވްރިން ބޮންޑުގެ 5.875 ޕަސެންޓް ނުވަތަ 250 މިލިއަން ހިއްސާ ކުރާ ކުންފުންޏެކެވެ.

ހެމިލްޓަން ރިޒާވްސް ބޭންކް ލިމިޓަޑުން ކޯޓަށް މައްސަލަ ވައްދާފައި ވަނީ ބޮންޑުގެ ފުރިހަމަ ޕޭމަންޓްއާއި އިންޓްރެސްޓަށް ވާ ފައިސާވެސް ހޯދާ ދިނުމަށް އެދިއެވެ.

ސޮވްރިން ބޮންޑަށް ދައްކަން ޖެހޭ ފައިސާ، މުއްދަތު ތެރޭގައި ނުދެއްކި، ގްރޭސް ޕީރިއަޑް ހަމަވިއިރުވެސް ދަރަނި ހަލާސް ކުރަން ފެއިލްވުމުގެ ސަބަބުން ސްރީލަންކާ ޑީފޯލްޓްވީ މެއި 2022 ގައެވެ. މިއީ އެ ގައުމުގެ މިނިވަންކަމުގެ ތާރީހުގައިވެސް މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ.

ސްރީލަންކާއާ ދެކޮޅަށް ހެމިލްޓަން ރިޒާވްސް ބޭންކް ލިމިޓަޑުން ކޯޓަށް ވެއްދި މައްސަލާގައި ބުނެފައިވަނީ އެ ގައުމު ޑީފޯލްޓްވި ޑީފޯލްޓްވުމަކީ، ސަރުކާރުގެ އެންމެ މަތީ ފަންތީގައި ތިއްބެވި އޮފިޝަލުން ރާވައިގެން ކުޅުއްވި ކުޅިގަނޑެއް ކަމަށެވެ. އޭގެ ތެރޭގައި ނުފޫޒުގަދަ ރާޖަޕަކްސަ އާއިލާވެސް ހިމެނޭ ކަމަށް ބުނެފައިވާ އިރު، ބޮންޑުތަކުގައި ދާހިލީ ބޭންކުތަކާއި މަސްލަހަތު އެކުލެވޭ ފަރާތްތައް އިސްތިސްނާ ކޮށްފައި ވާ ކަމަށްވެސް ތުހުމަތު ކޮށްފައިވެއެވެ.

ނަތީޖާއެއްގެ ގޮތުން ސްރީލަންކާއިން ގަޔާވާ ފަރާތްތަކަށް ފައިދާ ކުރާ ކަމަށާ، ބާކީ ފަރާތްތަކަށް ބަދަލު ފައިސާ ލިބޭނެ ދުވަހެއްވެސް ނޭނގޭ ކަމަށް ހެމިލްޓަން ރިޒާވްސް ބޭންކް ލިމިޓަޑުން ބުނެއެވެ.