އައްޑޫސިޓީގައި އޮތް ޝަންގްރިއްލާ ރިސޯޓު ވިއްކާލަން ނިންމައިފިއެވެ.

އައްޑޫ ސިޓީގައި އޮތް ދެ ރިސޯޓު ކަމަށްވާ ހެރެތެރެ އާއި ޝަންގްރިއްލާ، ކޮވިޑް 19އާ ގުޅިގެން ބަންދުކުރިއެވެ. މީގެ ސަބަބުން އައްޑޫގެ އެތައް ރައްޔިތުންނެއްގރ ވަޒީފާ ގެއްލިގެން ދިޔައެވެ.

ޝަންގްރިއްލާ ރިސޯޓްގެ 70 އިންސައްތަ ހިއްސާދާރު ކަމަށްވާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ރިސޯޓް ވިއްކާލުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމެރިކާގެ ސީބީއާރުއީ ގްރޫޕާއެވެ.

އެގްރޫޕުން މި މަހުގެ 7 ވަނަ ދުވަހު ކުރި އިއުލާނުގައި ވަނީ އެ ރިސޯޓް ގަންނަ ފަރާތަކަށް ރިސޯޓާ އިންވެގެން އޮންނަ ކުޑަ ފަޅުރަށެއް ވެސް ޕްރައިވެޓް އައިލެންޑެއް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކުރުމަށް ނިންމައިފައިވާ ކަމަށް ބުނެފައެވެ.

އަދިވެސް ޝަންގްރިއްލާ ހުޅުވާފައި ނުވާތީ ގިނަ ބަޔަކުވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވޭނެ ތާރީހުތައް ނުރަސްމީކޮށް ލިބުނު ނަމަވެސް ސީދާ ކަށަވަރު ނުވަނީސް އެގޮތަށް ލިބޭ ތާރީހުތައް ބުނެވެން ނެތް ކަމަށެވެ.

މިގޮތުން މި ރިސޯޓު ހުޅުވޭނެ ތާރީހު ދޭން އެންމެ ރަނގަޅު ވާނީ އެ ރިސޯޓް ހިންގާ އައްޑޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކަމަށް މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވަނީ މިހާރު ކުރަން ހުރި މަރާމާތުތައް ކޮން ނިންމާފައި ރިސޯޓު މިއަހަރުގެ ތެރޭގައި ހުޅުވިދާނެ ކަމަށް ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމުން އައްޑޫގެ އިގްތިސާދަށް މަންފާތަކެއް ކުރާނެ ކަމަށާއި އަދި އުއްމީދަކީ އަވަސް މުސްތަގުބަލެއްގައި ޝަންގްރިއްލާ ހުޅުވިގެންދިޔުން ކަމަށެވެ.