ތިން ފަޅުވެރިންނާއެކު ދަތުރު ކުރަމުން ދިޔަ މުދާ އުފުލާ ދޯންޏެއް ދިޔަވަމުން ދާތީ ކޯސްޓް ގާޑުން އެހީތެރިކަން ފޯރުކޮށް ދީފިއެވެ.

އެމްއެންޑިއެފުން ބުނީ، ތިން ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ "ރުއްކުރި" ނަމަކަށް ކިޔާ 96 ފޫޓުގެ މުދާ އުފުލާ ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:46 ހާއިރު ކަމަށެވެ. އެ ދޯނި ކ. ގާފަރުގެ ހުޅަނގު ދެކުނުން 14 މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަން އިން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ.

"ރުއްކުރި" ދޯނި، އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏެއްގައި ކަފު ޖަހައިގެން ކ.އަކިރިފުށި ކަނޑުއޮޅިއަށް މިހާރު ވަނީ ވައްދާފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ނުލިބެއެވެ. އަދި މި ދޯނި ދަތުރު ކުރި އިރު އޭގައި މުދާ ހުރިކަމެއް ނެތް ކަމެއް ވެސް އެނގިފައެއް ނުވެއެވެ.