މި ހިނގާ 2022 ވަނަ އަހަރު ބީއެމްއެލް ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބޭ 3 ދަރިވަރުންގެ ނަން ބޭންކް އޮފް މޯލްޑިވްސް އިން ހާމަކޮށްފިއެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ފަންޑު ލިބުނު ދަރިވަރުންނަކީ:

  • އަހްމަދު ނިސާލް އަބްދުﷲ
  • އާމިނަތު މައިސާ ނިޔާޒު
  • އިސްމާއިލް ޒަކްވާން ޝިހާދު

އެކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ، ބީއެމްއެލް އިން ހުރިހާ ހަރަދެއް ހިމެނޭހެން ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ތައުލީމީ، ގާބިލް ޒުވާން ދިވެހި 3 ދަރިވަރުންނަށް ލިބިގެންދާކަމީ ލިބޭ ފަހުރެއް ކަމަށެވެ. މި ސްކޮލާޝިޕްގެ ދަށުން ކުރިއަށް އޮތް ޖީލުތަކުގެ ލީޑާޝިޕް މަގާމުތައް ފުރަމުންދާނެ ހުނަރުވެރި ތައުލީމީ ޒުވާނުން ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ޓިމް ވިދާޅުވިއެވެ.

ތައުލީމީ ގޮތުން ވަރަށްވެސް މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ ލީޑާޝިޕް ދައްކުވައިދޭ ހުނަރުވެރި ޒުވާނުން ހޮވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއްވެސްމެ. ޒުވާނުންގެ ތެރެއިން ގައުމަށް ހިދުމަތްކުރުމަށް ބޭނުންވާ ދަރިވަރުންނަށް މަތީ ތައުލީމްގެ ފުރުސަތު ހޯދައިދިނުމަކީ އަނބުރާ މުޖުތަމައަށް އެހީތެރިވެ، ގައުމުގެ މުސްތަގްބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމެންޓެއްވެސްމެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

މި ސްކޮލާޝިޕް ފަންޑަކީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމް ހާސިލްކުރުމަށް ހުރިހާ ހަރަދެއް ހިމަނައިގެން ދޭ ސްކޮލާޝިޕެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ. ބީއެމްއެލް އިން ބުނީ، މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީ އިން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑާ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ ކަމަށެވެ.

ބީއެމްއެމްއެލް އިން ބުނީ ވާދަވެރިކޮށް ދިޔަ މި ސްކޮލާޝިޕް ފަންޑު ހުޅުވާލީ ތައުލީމީ ގޮތުން މަތީ ނަތީޖާއެއް ހޯދާފައިވާ އަދި ހަމައެހެންމެ މަތީ ތައުލީމް ހާސިލްކުރުމަށްފަހު ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށް ކަމަށެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑަކީ ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ނޮވެމްބަރު 2021 ގައި ތައާރަފްކުރި ފަންޑެކެވެ.