ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ އިދިކޮޅު ސިޔާސީ ޕާޓީތަކުން، މި ހަފުތާގެ މަޖިލިސް ބައްދަލުވުންތައް ބޮއިކޮޓް ކުރަން ނިންމައިފިއެވެ.

މައި އިދިކޮޅު ސިޔާސީ ޕާޓީ، ސަމަގީ ޖަނާ ބާލަވަގެޔާ (އެސްޖޭބީ)އިންވަނީ، މި ހަފުތާގެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމީ، ސަރުކާރާ މެދު އޮތް ހިތްހަމަނުޖެހުން އަންގައި ދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ.

ޕާޓީގެ ލީޑަރު އަދި ސްރީލަންކާގެ އިދިކޮޅު ލީޑަރު، އެމްޕީ ސަޖީތު ޕްރޭމަދާސަ ވަނީ، އެ ޕާޓީގެ ނިންމުން، މަޖިލީހަށް އަންގަވައިފައެވެ.

މަޖިލީހާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން އެމްޕީ ޕްރޭމަދާސަ ވަނީ، އެއްވެސް ކާރިސާއަކަށް ހައްލެއް ހޯދާދެވިފައި ނުވާ އިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމުގެ ފައިދާއެއް އޮތް ތޯ ސުވާލު އުފައްދަވާފައެވެ.

ސަރުކާރު ހިންގާ ފަރާތްތަކުގެ އާއިލާއެއް ނެތީތޯއާއި، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ނުފެންނަނީ ސަރުކާރު "ކަނު ވުމުން" ތޯ ސުވާލު އުފައްދަވަމުން އެމްޕީ ޕްރޭމަދާސަ ވަނީ، މަޖިލީހުގެ އަމަލުތައް ހުރި ގޮތުން، ބައްދަލުވުންތައް ބޮއިކޮޓް ކުރާކަން ހާމަ ކުރައްވާފައެވެ.

ނޭޝަނަލް ޕީޕަލްސް ޕަވާ (އެންޕީޕީ) އިން މަޖިލީހުގައި ބުނީ، ރައްޔިތުންގެ ދިރިއުޅުން ނެގެހެއްޓުމަށް، މަޖިލީހުގެ ބައްދަލުވުންތަކުން ފައިދާއެއް ކޮށްފައި ނުވާ ކަމަށެވެ.

މަޖިލީސް މިހާރު އޮތީ ރައްޔިތުންގެ އަޑުތަކަށް ބީރު ކަންފަތެއް ދީ، ތަކުލީފުތައް ނުފެންނަ ދަރަޖާގައި ކަމަށްވެސް އެންޕީޕީގެ ލީޑަރު އެމްޕީ އަނޫރާ ކުމާރަ ޑިސަނަޔަކަ ވަނީ ވިދާޅުވެފައެވެ.

ރައީސްއާއި ބޮޑުވަޒީރުވެސް ފެއިލްވެވަޑައިގެންފައި ވާ ކަމަށާ، ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިސްތިއުފާއަށް ރައްޔިތުން ގޮވާލަމުންދާ ދިއުން ގަބޫލުކުރެއްވޭ ކަމަށްވެސް އެމްޕީ ޑިސަނަޔަކަ ވަނީ ވިދާޅުވެފައެވެ.

އިގުތިސޯދީ އަދި މާލީ ގޮތުން އިނދަޖެހިފައިވާ ސްރީލަންކާގެ މަސްރަހު ހެޔޮ ފާލަކަށް އެޅުވުމަށް ބައިނަލްއަގުވާމީ އެހީއަށް އެދި އެ ގައުމުގެ ސަރުކާރުން ސަލާން ޖަހަމުން ދާއިރު، ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް)ގެ ވަފުދެއް މިހާރުވެސް ދަނީ އެ ގައުމުގައި ހަރަކާތްތެރި ވަމުންނެވެ.