ފަތިސް ނަމާދުކޮށްގެން ދިޔައީ ކަސްރަތުކުރަން ކަމަށާއި އެ ހަރަކާތް ފެށީވެސް ގުރުއާނުގެ ބަރަކާތުން ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް މިފަދައިން ވިދާޅުވީ އިންޑިއާ ހައިކޮމިޝަނާއި ޔޫތް މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަ ކުރަން ގަލޮޅު ދަނޑުގައި ތިއްބާ، ދިވެހި ޒުވާނުންގެ ބަޔަކު ދަނޑަށް ވަދެ ހަމަނުޖެހުން ހިންގުމާ ގުޅިގެން ރާއްޖެ ޓީވީއާ ވާހަކަދައްކަވަމުންނެވެ.

މަހުލޫފް ވިދާޅުވީ އެތަނަށް ވަދެގަތް މީހުން އައިސް މީހުންގެ ގައިގައި ކޮޅުފައިން ޖަހާ، ފެންފުޅިން ވެސް ހަމަލާދީފައިވާ ކަމަށާއި ހަމަލާދިނުމުގައި ޑިޕްލޮމެޓުންނާއި ހަރު އުމުރުފުރައިގެ މީހުންނަށް ވެސް ނުބަލާ ކަމަށެވެ. އަދި އެ ތަނުގައި ހުރި އަގުބޮޑު ތަކެއްޗަށް ހަމަލާދިން ކަމަށާއި ރާއްޖޭގެ ދިދަ ވެސް ދަނޑިން އުފުރާ ބިންމައްޗަށް ވައްޓާލި ކަމަށް ވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ.

މަހުލޫފް ވަނީ އެ ހަމަނުޖެހުމަކީ ސީދާ ޕީޕީއެމް އިން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށާއި އެ ހަރަކާތުގައި ސަލަފް ޖަމިއްޔާއިން ވެސް ބައިވެރިވެފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ ކުރިންވެސް ޔޯގާގެ ހަރަކާތްތައް ކުރިއަށް ގެންދާ ކަމަށާއި މިއަދު ކުއްލިއަކަށް ކަންކަން ހަރާމްވެ، ހަލާލުވަމުން އަންނަ ކަމަށްވެސް މަހުލޫފް ވަނީ ވިދާޅުވެފައެވެ. އަދި ސައުދީގައޮ ޔޯގާ މާއްދާއެއްގެ ގޮތުގައި ކިޔަވައިދެން ފަށަން އުޅޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ މިއަދުގެ ހަރަކާތަށް 150 އެއްހާ މީހުން ބައިވެރިވި ކަމަށާއި އެތަނަށް އެ މީހުން ދިޔައީ އަޅުކަމެއް ކުރަން ނޫން ކަމަށެވެ.