ދުނިޔޭގެ އިގުތިސޯދީ ރޭހުގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް އިގުތިސޯދު ކަމުގައި ވާ ޗައިނާއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރާ ގައުމަކަށް، ރަޝިއާ ވެއްޖެއެވެ.

ޗައިނާއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރާ ގައުމުގެ މަގާމު ރަޝިއާއިން ހޯދާފައި މި ވަނީ، ޔޫކްރައިންގައި ރަޝިއާއިން ކުރަމުން ދާ ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދަނިކޮށް، ހެޔޮ އަގުގައި ޗައިނާއަށް ތެޔޮ ވިއްކައިގެންނެވެ.

ހުސްވި މެއި މަހު ޗައިނާއިން ރަޝިއާ ތެޔޮ އިމްޕޯޓް ކުރި ނިސްބަތް ވަނީ، އޭގެ އަހަރެއް ކުރިއާ އަޅާ ބަލާއިރު 55 ޕަސެންޓް އިތުރުވެފައެވެ. މީގެ ކުރިން ޗައިނާއަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ ސަޕްލައި ކުރަމުން ދިޔައީ ސައުދީ އަރަބިއްޔާއިންނެވެ.

ޗައިނާއާއި ރަޝިއާއަކީ "ހައްދެއް ނެތް މިންވަރުގެ ދެ އެކުވެރިން" ކަމަށް އިއުލާން ކުރީ މި އަހަރުގެ ފެބުރުއަރީ މަހުއެވެ.

ޗައިނާގެ ކުންފުނިތައް ކަމަށް ވާ ތެޔޮ ސާފު ކުރާ ސީނޯޕެކްއާއި ޝެންހުއާ އޮއިލް އިން ވަނީ ރަޝިއާއިން ތެޔޮ ގަންނަ މިންވަރު އިތުރު ކޮށްފައެވެ. ވިލާތާއި އެމެރިކާއިން ރަޝިއާގެ ތެލަށް ފުރަގަސް ދެމުން ދިއުމުގެ ސަބަބުން، ރަޝިއާއިން ތެޔޮ ވިއްކަނީ އިންތިހާ ހެޔޮ އަގުގައެވެ. ނަމަވެސް ރަޝިއާއިން އެކްސްޕޯޓް ކުރި ހަކަތައިގެ ބޮޑު ބައެއް، ޔޫކްރައިން ހަނގުރާމަ ފެށިފަހުން އެކަނިވެސް ހިއްސާ ކުރީ ވިލާތުން ކަން ފާހަގަ ކުރަން ޖެހެއެވެ.

ހަކަތައިގެ އެކްސްޕޯޓަކީ ރަޝިއާއަށް މުހިންމު ވިޔަފާރިއެކެވެ.

ހުޅަނގުން ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ޗައިނާއިން ދަނީ އީރާނު އަތުންވެސް ފުދޭ ވަރަކަށް ތެޔޮ ގަންނަމުންނެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 260000 ޓަނުގެ ސާފު ނުކުރާ ތެޔޮ، ޗައިނާއިން ވަނީ އީރާނު އަތުން ގަނެފައެވެ.