އަންނަ އޮގަސްޓް މަހުން ފެށިގެން އާރުޓީއެލް ބަހުގެ ހިދުމަތުގައި ކޭޝް ކާޑު ބޭނުންކޮށްގެން ހިދުމަތް ހޯދޭނެ ކަމަށް، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ބަސްތަކުގައި މިހާރު ބޭނުން ކުރަމުން ދަނީ ޓޮޕްއަޕް ކާޑުތަކެވެ. އެހެންކަމުން މިހާރު ޖެހެނީ ދަތުރު ކާޑެއް 20ރ އަށް ގަނެ، ބޭނުން ވަރަކަށް ރީޗާޖް ކުރާށެވެ. އެ ކަމުގައި ބައެއް ކަސްޓަމަރުންނަށް ދަތިތަކާ ވެސް ކުރިމަތިލާން ޖެހިފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެގްޒެކުޓިވް ޑިރެކްޓަރު ތައްޔިބް ޝަހީމް އެމްޓީސީސީ އާއި އާޒިމް މެންޝަން ކުރައްވައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ބަހުގައި ދަތުރުކުރުމަށް ބޭނުންކުރާ ބަސް ކާޑު ރީޗާޖު ކުރުމަށް ފައިސާ ބޭނުން ކުރެވޭ ގޮތަށް އޮތް އޮތުމުގެ ސަބަބުން ދަތިތައް ކުރިމަތިވާ ކަމަށެވެ.

އެ ޓްވީޓަށް ދެއްވި ޖަވާބުގައި އާޒިމް ވިދާޅުވީ، އަންނަ އޮގަސްޓު މަހުން ފެށިގެން ކިއުއާރު ކޯޑާއި، ބީއެމްއެލްގެ "ޓަޗް އެން ގޯ" ކާޑު ބޭނުންކޮށްގެން ދަތުރުތައް ކުރެވޭނެ ގޮތް ހަމަޖެހޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި، ބީއެމްއެލުން ވަނީ މާސްޓާކާޑާއި އެމްޓީސީސީ އާ ގުޅިގެން ރާއްޖޭގައި އިންޓަގްރޭޓަޑް ޓްރާންސްޕޯޓް ސިސްޓަމެއް ގާއިމްކުރުމަށް ނިންމައިފައެވެ.

އެގޮތަށް ބީއެމްއެލާއި އެމްޓީސީސީން ނިންމާފައިވާއިރު، މީގެ ކުޑަ ދުވަސްކޮޅެއް ކުރިން، އެމްޓީސީސީން ވަނީ އާރުޓީއެލް ފެރީގެ ހިދުމަތް ފަށައި، އަދި ހުޅުމާލޭގައި ދެމުންދާ ބަހުގެ ހިދުމަތަށް އާ ބަސްތަކެއް އިތުރުކޮށްފައެވެ. އެކަމަށްޓަކައި ބޭއްވި ހަފްލާގައި އާޒިމް ވިދާޅުވީ، ޕީކް ގަޑިތަކުގައި ކޮންމެ 15 މިނެޓަކުން ބަހެއް ދަތުރު ކުރާނެ ކަމަށެވެ. އަދި އަންނަ މަހު މިނީ ބަހުގެ ހިދުމަތް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.