ބަނގުރޫޓުވެގެން ދިއުމާއެކު އަމިއްލަ ފަރާތަކަށް ވިއްކާލާފައިވާ އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާއިން، ވައިގެ އުދުހުންތަކުގެ ސިނާއަތުގެ ތާރީހު ނުދެކޭ ފަދަ ވަރުގަދަ ވިޔަފާރީގެ ޑީލަކަށް ތައްޔާރު ވަމުން ދާ ކަމަށް ހަބަރު ލިބިއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، ޓާތާ ސަންސްގެ ހާއްސަ ގޮތްޕެއް ކަމަށްވާ ޓެލަސް ޕްރައިވެޓް ލިމިޓަޑުން ހިންގާ އެއާ އިންޑިއާ ލިމިޓަޑުން ދަނީ، 300 މަތިންދާބޯޓު ގަތުމަށް އޯޑަރު ޖެހުމަށް ތައްޔާރު ވަމުންނެވެ. މިއީ ކޮމާޝަލް ވިޔަފާރީގެ ތާރީހަށް ބަލާއިރު ރެކޯޑެއް ކަމުގައިވެސް ބެލިދާނެއެވެ.
ނަން ހާމަ ނުކުރުމަށް އެދި ބައިނަލްއަގުވާމީ މީޑިއާއާ ވާހަކަދެއްކި މަސްދަރުތަކަކާ ހަވާލާދީ، ހަބަރު ލިބޭ ގޮތުގައި އެއާބަސް އަދި ބޮއިންގް މަރުކާގެ ބޯޓުތައް އެއާ އިންޑިއާއިން ގަންނާނެއެވެ. އެ މަޝްވަރާތައް އަދި އޮތީ ސިއްރެއްގެ ގޮތުގައި ކަމަށް ހަބަރު ލިބެއެވެ. ބޮއިންގް ކުންފުންޏާ އެކު ކުރާ މުއާމަލާތްތަކުގެ އަގު 40.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ހަބަރު ލިބެއެވެ. މި ޑީލް ކަށަވަރު ވުމަކީ ބޮއިންގްގެ އަތުގައި ނަސީބު ހިފުން ކަމުގައި ސިފަ ކުރެވެއެވެ. އިންޑިއާގެ ވައިގެ އުދުހުންތަކުގެ ސިނާއަތް ޑޮމިނޭޓް ކުރަނީ އެއާބަސްއިންނެވެ.
އެއާ އިންޑިއާއަށް ހޯދަނީ ނެރޯބޮޑީ ފަރުމާގެ 300 މަތިންދާބޯޓު ކަމަށް ވާ އިރު، މުޅި އޯޑަރު ފުރިހަމަ ކުރުމަށް އެތައް އަހަރެއް ހޭދަ ވާނެއެވެ. އެކަމަށް 10 އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއްވެސް ހޭދަވެދާނެ ކަމަށް ބެލެވެއެވެ. އެއާބަސް އަށް ބަލާއިރު، އެ ކުންފުނިން މިހާރު އަހަރެއްގެ މައްޗަށް އުފައްދަނީ ނެރޯބޮޑީ މޮޑެލްގެ 50 ބޯޓެވެ. 2025 ވަނަ އަހަރު އަންނަ އިރު އެ އަދަދު 75 އިތުރު ކުރާނެ ކަމަށް ބެލެވެއެވެ.
މި މުއާމަލާތްތަކާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އެއާ އިންޑިއާއާއި ބޮއިންގް ކުންފުނިން ވަނީ އިންކާރު ކޮށްފައެވެ. ނަމަވެސް އެއާބަސްއިން ވަނީ މިހާރުވެސް އަދި ކުރިއަށް އޮތް ތަނުގައި ކަމުގައި ވިއަސް އެ ކުންފުނީގެ ކަސްޓަމަރުން ކަމުގައި ބަލާ ފަރާތްތަކާއެކު އަބަދުވެސް މަޝްވަރާތައް ކުރާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކަކީ ސިއްރެއް ކަމަށެވެ.
ޓާޓާ ކުންފުނިން އެއާ އިންޑިއާ ގަތީ މި އަހަރުގެ ކުރީކޮޅުގައެވެ.