ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީއެންސީގެ ނައިބު ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިއްޔެ ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ އޮފީސްތަކުން އާ މަގާމް އުފެއްދުމާއި ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވަނީ އަންގާފައެވެ.

އާދަމް ޝަރީފް ވިދާޅުވީ އިދިކޮޅުން މަޖިލީހަށް ހުށަހަޅާ އަދި ދައްކާ ވާހަކަތަކަކީ ހައްސާސް މައްސަލަތަކެއްކަން މިހާރު ސާބިތުވަމުންދާ ކަމަށާއި ގައުމު އެއްކޮށް ބަނގުރޫޓުވުމުގެ ކުރިން ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށެވެ.

ސަރުކާރުން ބޭނުންވާ ގޮތަށް ރަބާ ސްޓޭމްޕް ޖަހާ މަޖިލީހުން ގަބޫލު ނުކުރި ކަމުގައި ވިޔަސް އިދިކޮޅުން ހުށަހަޅާ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއްކަން ދަނީ ސާބިތުވަމުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވައި ނެރުއްވި "މާލިއްޔަތާ ބެހޭ ސާކިއުލާ" އަކީ، ތެލާއި އެހެން ބައެއް ބާވަތްތަކުގެ އަގުތައް މައްޗަށް ދާތީ މި ވަގުތު ރާއްޖެއިން ވެސް ހަރަދުތައް ކުޑަކުރަން އިއުލާންކުރި ފުރަތަމަ ފިޔަވަޅުތަކެވެ. އެ ސާކިއުލާގައި ބުނީ އަގުތައް އިންތިހާއަށް އުފުލިފައިވާތީވެ، ދައުލަތުގެ ހަރަދުތައް ދަނީ ކުރިން އަދާޒާކުރި މިންވަރަށް މާ ބޮޑަށް އިތުރުވަމުން ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދު ދިމާނުވެ، އިތުރު ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމަށެވެ.