ސްޓެލްކޯގެ މެނޭޖްމަންޓުން މުވައްޒަފުންނަށް ކޮށްދޭ ކަންކަމުގެ ބަދަލުގައި، މުވައްޒަފުން ދޭ ހިދުމަތްތަކަކީ އާންމުން ހެޔޮހިތުން ބަލައިގަންނަ ފަދަ ހިދުމަތަކަށް ހެދުމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އެދިވަޑައިގެންފިއެވެ.

ރޭ ދަރުބާރުގޭގައި ސްޓެލްކޯގެ ރިހިޔޫބީލް ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، އާންމުންނަށް ފޯރުކޮށްދޭ މައިގަނޑު އެއް އަސާސީ ހިދުމަތް ކަމަށްވާ ކަރަންޓު ބޭނުންކުރާ ގޮތް މިއަދު ބަދަލުވެފައިވާއިރު، ސްޓެލްކޯގެ މިސްރާބު ވެސް އެއާ އެއްގޮތަށް ބަދަލުކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން، ކަރަންޓު ބޭނުން ކުރުމުގެ އިތުރުން، ކަރަންޓު ބޭނުންކޮށްގެން އާންމުން އާމްދަނީ ހޯދަމުންދާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަރަންޓު އަގު ބޮޑުވުމުން އާންމުންގެ ޝަކުވާ އަދިވެސް ލިބޭ، އާންމުންގެ އިތުބާރު ހޯދަން މަސައްކަތް ކުރާނަން

ޝަރީފް ވިދާޅުވި ގޮތުގައި، ރަށްރަށުގައި ކަރަންޓުގެ އަގު ބޮޑުވުމުން، އާންމުންގެ ފަރާތުން އެކަމުގެ ޝަކުވާ އަދިވެސް ލިބެއެވެ. ނަމަވެސް، ބޭނުންނުކުރާ އެއްވެސް ކަރަންޓުގެ ހިދުމަތަކަށް ސްޓެލްކޯއިން ބިލް ނުކުރާ ކަމުގެ ޔަގީންކަން އޭނާ ވަނީ ތަކުރާރުކޮށް އަރުއްވައިފައެވެ.

"ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ޔަގީންކަން އަރުވައިދޭން ބޭނުންވަނީ، ހަމަ ޔަގީނުންވެސް ސްޓެލްކޯގެ ފަރާތުން، އަޅުގަނޑުމެންގެ ކުންފުނީގެ ފަރާތުން، ބޭނުން ނުކުރާ ކަރަންޓަކަށް ބިލްކޮށްފައެއް ނޯންނާނެ. އެކަން ޔަގީން ކުރައްވާ."

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް

ހަމަ އެއާއެކު، އެ ޝަކުވާތަކާ ގުޅިގެން އާންމުންގެ އިތުބާރު ހޯދަން ސްޓެލްކޯ އަށް އޮތް ހަމައެކަނި ގޮތަކީ، ކަރަންޓު ބިލްތައް ބޮޑުވަނީ ކޮން ގޮތަކަށް ކަރަންޓު ބޭނުންކޮށްގެންތޯ އާންމުންނަށް ފަސޭހައިން ދޭހަވާ ފަދަ ގޮތަކަށް ކިޔައިދީގެން ކަމަށާއި، އެ ކަމަކީ އެ ކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވުމާއެކު، ކަރަންޓުން އިގްތިސޯދު ކުރެވޭނެ ގޮތްތަކާ މެދު މުވައްޒަފުން ހޭލުންތެރިކޮށް، މުވައްޒަފުން މެދުވެރިކޮށް އާންމުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމާ މެދު ވިސްނަވަމުން އެބަ ގެންދަވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯ އަކީ އާންމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށްޓަކައި، ޝަރީފް ވިދާޅުވީ އެ ކުންފުނި:

  • އާންމުންނާ ރަށްޓެހި ކުންފުންޏަކަށް ހަދާނަން
  • އާންމުންނަށް ފަސޭހައިން ހިދުމަތް ދޭ ކުންފުންޏަކަށް ހަދާނަން
  • އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދޭ ކުންފުންޏަކަށް ހަދާނަން

އަމިއްލަ ފައި މައްޗަށް ތެދުވެ، އާމްދަނީ ހޯދުމުގެ ވިސްނުން

ޝަރީފް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގެ މިސްރާބު ހުންނާނީ އަމިއްލައަށް އާމްދަނީ ހޯދައި، އަމިއްލަ ފައި މައްޗަށް ތެދުވުމުގެ ވިސްނުމެއް ކަމަށެވެ.

އެގޮތުން، ސަރުކާރުން ސަބްސިޑީ ދޭނެ ކަމަށް ބަރޯސާވެގެން ތިބޭ ތިބުން އެ ކުންފުނިން ހުއްޓާލާނެ ކަމަށާއި، އަމިއްލަ އަށް އެ ކުންފުނިން އާމްދަނީ ހޯދައިގެން އާންމުންނަށް ދޭ ހިދުމަތްތަކުގެ އަގު ކުޑަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓެލްކޯގެ ރަންޔޫބީލް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މުވައްޒަފުން / ފޮޓޯ: ރައީސް އޮފީސް

އެފަދައިން ކަންތައްތައް ކުރާނީ ސްޓެލްކޯގައި ބޯޑާއި މުވައްޒަފުންގެ އެހީތެރިކަމާ އެކު ކަން ފާހަގަ ކުރައްވައި ޝަރީފް ވިދާޅުވި ގޮތުގައި، އެ ކުންފުނިން އެހެން ވިޔަފާރިތައް ކޮށް، އެ ވިޔަފާރިތަކުން އާމްދަނީ ހޯދައިގެން ސަބްސިޑައިޒް ކުރެވޭނެ ގޮތް ހޯދާނެއެވެ.

އަދި އެ ކުންފުނިން މިހާރު ވެސް ގެއްލުމުގައި ބައެއް ހިދުމަތްތައް ދެމުންދާ ކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.

ވަޒީފާގެ ކުރިއެރުން ނުދޭ 420 މުވައްޒަފަކަށް ކުރިއެރުން ދީފައިވޭ

ޝަރީފް ވިދާޅުވީ މުވައްޒަފުންނަކީ ސްޓެލްކޯގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި، ވުމާއެކު މިހާރު ސްޓެލްކޯގައި އޮތީ މުވައްޒަފުންގެ މަސްލަހަތުތައް ހިފަހައްޓައި، މުވައްޒަފުންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދޭ މެނޭޖްމަންޓެއް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ކުންފުނީގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފުންގެ ތެރެއިން، ވޭތުވެދިޔަ ހަތަރު އަހަރު ދުވަހު އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ 420 މުވައްޒަފަކަށް، މި މަހުގެ 16 ގައި ވަޒީފާގެ ކުރިއެރުން ދީފައިވެއެވެ.

ސްޓެލްކޯގެ ރަންޔޫބީލް ފާހަގަ ކުރުމަށްޓަކައި ބޭއްވި ޖަލްސާގައި ބައިވެރިވި ބައެއް މުވައްޒަފުން / ފޮޓޯ: ރައީސް އޮފީސް

އަދި ކުރިއަށް އޮތް ތަނުގައި ސްޓެލްކޯގައި ވަޒީފާގެ ކުރިއެރުން ދިނުމާ ގުޅޭ ޕޮލިސީ މުރާޖައާކޮށް، ވަޒީފާގެ ކުރިއެރުމަކީ އެ ވަޒީފާއެއް އަދާކުރާ މީހާގެ ހައްގެއްގެ ގޮތުގައި ޕޮލިސީ ކަނޑައަޅުއްވާނެ ކަމުގެ ޔަގީންކަން ޝަރީފް ވަނީ އަރުއްވައިފައެވެ.

"ކުރިމަގުގައި އަޅުގަނޑުމެންގެ ޕްރޮމޯޝަން ޕޮލިސީ ރިވައިސްކޮށް، އަދި ވަޒިފާގެ ކުރިއެރުމަކީ ވަކި މީހަކު ބޭނުންވީމަ ދޭ އެއްޗެއްގެ ގޮތުގައި ނުބާއްވައި، އެއީ ވަޒީފާ އަދާކުރާ މީހެއްގެ ހައްގެއްގެ ގޮތުގައި ޕޮލިސީ ކަނޑައަޅާފަ މުވައްޒަފުންނަށް އެކަން ދައްކައިދޭނަން."
އަހްމަދު ޝަރީފް | މެނޭޖިން ޑިރެކްޓަރު, ސްޓެލްކޯ

އޭގެ އިތުރުން ވެސް މުވައްޒަފުންނަށް ކުންފުނީގެ މެނޭޖްމަންޓުން ކޮށްދޭ ކަންކަމުގެ ބަދަލުގައި ޝަރީފް އެދިވަޑައިގަތީ، އާންމުން ހެޔޮހިތުން ބަލައިގަންނަ ހިދުމަތެއް މުވައްޒަފުން ދިނުމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ތިޔަ ބޭފުޅުން ދެއްވާ ހިދުމަތަކީ، ރައްޔިތުންނަށް ގަބޫލު ކުރެވޭ ރައްޔިތުން ހެޔޮހިތުން ލިބިގަންނަ ހިދުމަތަކަށް ހައްދަވައިދެއްވާށޭ. އެއީ އަޅުގަނޑުމެން މި ކޮށްދޭ ކަންތައްތަކުގެ ބަދަލުގައި އަޅުގަނޑުމެންގެ ހީވާގި ހުނަރުވެރި މުވައްޒަފުންގެ ކިބައިން އެދޭ ކަމަކީ." އޭނާ ވިދާޅުވިއެވެ.