މީލާދީން 1904 ވަނަ އަހަރެވެ. ބަރު މެޝިނަރީގެ ރޭހަށް އިންގިލާބީ ބަދަލެއް ގެނުވި އަހަރެކެވެ. މި ދައްކަނީ އޭގެ 100 އެތައް އަހަރެއް ފަހުންވެސް ގެދަތަކައި އޮފީސްތަކުގެ އިތުރުން އުމްރާނީ ތަރައްގީއާ ގުޅިފައިވާ އެތައް މަޝްރޫއެއްގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ސިފަކޮށް ތައުރީފު ނުކުރިއެއް ކަމަކު، އެ މަސައްކަތުގައި ބުރަ ޒިންމާއެއް އުފުލާ ބުލްޑޯޒަރުގެ ވާހަކައެވެ.
މަގެއް މަތިން ބުލްޑޯޒަރެއް ފެނިއްޖެނަމަ، އެ ތަނަކަށް ތަރައްގީ އަންނަން އުޅޭ ކަމުގެ ރަނގަބީލު އަޅައެވެ. ނަމަވެސް މި ފަހަކަށް އައިސް، އިންޑިއާގައި އެ ރާގު ބަދަލު ކޮށްލީ އެ ގައުމުގެ ވެރިކަމާ ހިންދޫ ފިކުރުގެ ބާރުތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) އިން ހަވާލު ހިސާބުންނެވެ.
2014 ވަނަ އަހަރު، އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ލަގަން، ނަރޭންދްރާ މޯދީގެ މުށުތެރެއަށް ހެޔޮވަރު ކޮށްލުމާއެކުހެން، ބުލްޑޯޒަރު ވެފައި ވަނީ އިންޑިއާގެ އަބާދީގެ ނިސްބަތުން ބައިމަދު މުސްލިމުންނަށް އޮތް ބިރަކަށެވެ. އުއްމީދީ އެތައް ހުވަފެނެއް، ލޯ ކުރިމަތީ ހަފުސްކޮށްލި އަދުއްވަކަށެވެ. މުޅި އިންޑިއާއަށް ބަލާއިރު ބުލްޑޯޒަރުތަކާއި އެކްސްވޭޓަރުތައް، މީގެ ކުރިން އެއް ސަރަހައްދަކުން ނުފެންނަ މިންވަރަށް ފެންނަ އެއް ސަރަހައްދަކީ، މޯދީގެ ނުފޫޒުގަދަ ކޮންޓްރޯލް އޮންނަ އުއްތަރަ ޕްރަދޭޝް ސްޓޭޓް ކަމުގައި ދެންނެވުމަކުން ގޯހެއް ނެތެވެ.
ރަންރީނދުލުގެ ދަޅަދައްކަމުން ދިޔަ ބުލްޑޯޒަރުތަކުގެ ލަޝްކަރުން އެންމެ ފަހުން ސުންނާފަތިކޮށްލި އެއް ގެއަކީ އިންޑިއާގެ މުސްލިމު އާބާދީގެ ހައްގުގައި އެންމެ ފާޅުގައި ހަރަކާތެރިވަމުން ދިޔަ ޖާވިދު މުޙައްމަދާއި އޭނާގެ ދަރިފުޅު އާފްރީން ދިރިއުޅެމުންދިޔަ ގެއެވެ. ޙުއްޖަތެއް ކަމަށް ހިންދޫ ސަރުކާރުން ބުނަނީ އެއީ ޣައިރު ގާނޫނީ ގޮތެއްގައި އަޅާފައި ހުރި އިމާރާތެއް ކަމަށެވެ. ނަމަވެސް ޖާވިދުގެ އާއިލާ، އެކަން ދޮގު ކުރެއެވެ.
ފާޑުކިއާ ފަރާތްތަކުގެ ރާގުވެސް ޖާވިދާ ދާދި އެއްގޮތެވެ. ޣައިރު ގާނޫނީ އިމަރާތެއް ކަމަށް ބުނާ ބުނުމުގައި ބުރަދަނެއް ނެތް ކަމަށާ، ހުރިހާވެސް ސަބަބަކީ، ޖާވިދުގެ އާއިލާއިން ހިންދޫ ސަރުކާރަށް އަމާޒު ކުރާ ފާޑުކިއުންތައް ކަމަށް އިއްތިފާގުވެވެއެވެ. މި އުއްމަތުގެ ނަބީއްޔާ، މުޙައްމަދު ރަސޫލުﷲ صلى الله عليه وسلم އަށް ފުރައްސާރަކޮށް، ބީޖޭޕީގެ މެންބަރުންތަކެއް ދެއްކި މުޑުދާރު ވާހަކަތަކާ ގުޅިގެން އިންޑިއާގައި މުޒާހަރާތައް ކުރިއަށް ގެންދާ އިރު، ހަމަނުޖެހުމަށް އެކަން ބަދަލު ކުރުމުގެ ފަހަތުގައި ހުރީ ޖާވިދު ކަމަށް ބުނެ، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އޭނާ ހައްޔަރުވެސް ކޮށްފައެވެ.
މިހާލަތަށް ކަންތައްތައް ދިއުމުންވެސް ބީޖޭޕީއިން ކުޅެނީ ދިފާއަށެވެ. ޣައިރު ގާނޫނީ އެއްވެސް އަމަލެއް އެ ޕާޓީއިން ނުހިންގާ ކަމުގެ ދަޅަ ދައްކަމުންނެވެ.
ބީޖޭޕީގެ ނުފޫޒުގައި އިންޑިއާ މުސްލިމުންގެ ހިޔާވަހިތައް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަމުން ދާ މަންޒަރު އެންމެ އެއްގޮތީ، ޔަހޫދީ އިޒްރޭލުން ވެރިވެގެންފައިވާ ފަލަސްތީނުގެ ބިންތަކުގައި ހިންގާ ޖަރީމާއާއެވެ. އޮތް ހަނި ފަރަގަކީ އިންޑިއާއިން ހުއްޖަތެއް ކަމުގައި އެ ގައުމުގެ ގާނޫނުގެ ނަން ބޭނުން ކުރާ ކަމެވެ. ނަމަވެސް އިންޑިއާގެ ކުރީގެ ގާޒީންނާއި ފާހަގަކޮސްލެވޭ ގާނޫނީ ވަކީލުންތަކެއް ވަނީ، ބުލްޑޯޒަރު ބޭނުން ކުރުމަކީ ގާނޫން ވެރިކަން ހިންގުމުގެ ރޫހަށް ޣައްދާރު ވުން ކަމަށް ބަޔާން ކުރައްވާ، އިންޑިއާގެ ޗީފް ޖަސްޓިސްއަށް ސިޓީއެއްވެސް ފޮނުއްވާފައެވެ. އަދި މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮލަށް ކޯޓުން ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލައްވާފައެވެ.
އުއްތަރަޕްރަދޭޝްގެ ޗީފް މިނިސްޓަރަކަށް ހުރި ހިންދޫ ފިކުރުގައި ހައްދުފަހަނައަޅާފައިވާ އަދީއްތިޔަނާތުގެ ކެމްޕޭނާ ދިމާކޮށް، ކުޅޭކުޅޭ ބުލްޑޯޒަރުތަކެއް ހިފައިގެން ބަޔަކު ޖެހި ހަޖޫ، މިއަދު ވަނީ އޭނާގެ ބާރަކަށް ބޭނުން ކުރަން ފަށާފައެވެ. ބީޖޭޕީއިން ތަސްވީރު ކޮށްދޭ ގޮތުގައި "ބުލްޑޯޒަރު އަދީއްތިޔަނާތު" ރަމްޒުކޮށްދެނީ ބާރުވެރިކަމެވެ. އޭނާގެ ރެލީތަކުގައިވެސް ބުލްޑޯޒަރު ބޭނުން ކުރަން ފެށީއެވެ.
ބުލްޑޯޒަރުގެ މައްސަލާގައި އަދީއްތިޔަނާތަށް ބައިނަލްއަގުވާމީ ފާޑުކިއުން އަމާޒުވަމުން ދިޔަ ނަމަވެސް، މޯދީގެ ކޯލުގައި އަދީއްތިޔަނާތުގެ ތަރި ފިޔަޖަހަމުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް މަތީގައެވެ.
އެ ހަތިޔާރު އޭނާ އަމާޒު ކުރާ މައިގަނޑު ޖަމާއަތަކީ މުސްލިމުން ކަމާ މެދު ދެބަސްވާނެ ފުރުސަތެއް ނެތޭވެސް ދެންނެވިދާނެއެވެ. ފުރޮޅުދަށުލާ ގާނޫނުގެ ހުރުމަތް ކަނޑަމުން، މުސްލިމުންނާ ދެކޮޅަށް ބެހެއްޓި ވަރުގަދަ ހަތިޔާރަކަށް ބުލްޑޯޒަރު ވެއްޖެއެވެ. ބުނެލާ ބަހެއް، ނޫނީ އެއްލާ އޮށްގާކޮޅެއްގެ ރައްދަކީ މާސިންގަ ބުލްޑޯޒަރަށްވެއްޖެއެވެ.