މިދިޔަ 2021 އަހަރު އައިލެންޑް އޭވިއޭޝަނަށް އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ގެއްލުންވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ސަރުކާރު ކުންފުނިތަކުގެ ކުއާޓަލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ 2021 ވަނަ އަހަރު އެންމެ ބޮޑު ގެއްލުމެއް އައިލެންޑް އޭވިއޭޝަންއަށް ވެފައިވަނީ ދެވަނަ ކުއާޓާގައެވެ. އެގޮތުން އެ ކުއާޓާގައި 99.6 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައި ވާއިރު ދެން އެންމެ ބޮޑު ގެއްލުމެއް ވެފައި ވަނީ ފުރަތަމަ ކުއާޓާގައެވެ. އެ ކުއާޓާފައި 25.3 މިލިއަން ރުފިޔާގެ ގެއްލުމެއް ވަނީ ވެފައެވެ.

އޭގެއިތުރުން މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި 9.60 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައި ވާއިރު ފަހު ކުއާޓާގައި ގެއްލުން ވެފައިވަނީ 24.7 މިލިއަން ރުފިޔާއެވެ. އަދި މިދިޔަ އަހަރުގެ އެ ކުންފުނީގެ ޖުމްލަ ގެއްލުމުގެ އަދަދު ވަނީ 159.2 އަށް އަރާފައެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް 1.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައި ވާއިރު އެންމެ ބޮޑު އާމްދަނީއެއް އެ ކުންފުންޏަށް ލިބެނީ ޑޮމެސްޓިކް ދަތުރުތަކުންނެވެ. އަދި ކޮވިޑާ ގުޅިގެން ބޯޑަރު ބަންދުކުރުމުން 2020 ވަނަ އަހަރު އައިލެންޑް އޭވިއޭޝަނަށް ވަނީ 400 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ.

އެހެންނަމަވެސް އެ ކުންފުނީގެ މިސްރާބު ހުރީ ރަނގަޅަށް ކަމަށާއި މާލީ ހާލަތުވެސް އަންނަނީ ރަނގަޅު ވަމުންކަމަށް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

މިިދޔަ އަހަރު ފަހު ކުއާޓާގައި އެ ކުންފުނީގެ ހަރަދުތައް 21 ޕަސެންޓް ބޮޑުވެފައި ވާއިރު ކުރިއަށް އޮތްތަނުގައި ފައިދާ ހޯދުމަށް ކުންފުނީގެ ހަރަދުތައް ކުޑަކުރަން ޖެހޭ ކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

އާރްޑީސީއަށް މިދިޔަ 2021 ވަނަ އަހަރު ވަނީ ޖުމްލަ 59 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓާގައި އާރްޑީސީގެ ހިންގުމުގެ ހަރަދަށް އެކަނި 42 މިލިއަން އަރާފައިވާއިރު އޭގެ ކުރީގެ ކުއާޓާތަކުގައި އެ ހަރަދު 27 މިލިއަނަށް އަރާފައެވެ.