ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ ވ. އާރަށް ވިއްކުމުގައި ހިންގި ހިޔާނާތުގެ މައްސަލާގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. މި މައްސަލައިގައި ދެން ދައުވާ ލިބޭ ކުރީގެ ފެލިދޫ ދާއިރާގެ މެމްބަރު، ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއެވެ.
އެ އޮފިސަރު އެ ލެޕްޓޮޕުން ތަހުލީލުކޮށްފައިވަނީ ވައިބާ އިމޭޖް ފައިލްއެކެވެ. އެއީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ނަންބަރުގެ އިތުރުން އަދި އިތުރު ދެ ނަންބަރަކަށް އެ ލެޕްޓޮޕްއިން ކޮށްފައިވާ ވައިބާ މެސެޖްތައް ކަމުގައި އޮފިސަރު އިބްރާހީމް ޒުހައިރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެއިން އެއް ނަންބަރު ރަޖިސްޓްރީކޮށްފައިވަނީ އަބްދުﷲ ޒިޔަތުގެ ބޭބެ، އެމްޓީސީސީގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތުގެ ނަން މައްޗަށް ކަމުގައި ޒުހައިރު ފާހަގަކުރެއްވިއެވެ.
އެ ލެޕްޓޮޕް ތަހުލީލުކޮށް ހޯދި ވައިބާ ޗެޓްލޮގް އިމޭޖްގައި ހިމެނެނީ ފެބްރުއަރީ 9، 2015 އިން ފެށިގެން ސެޕްޓެމްބަރު 6، 2015 އާ ދެމެދު އަދީބާއި އިތުރު ނަންބަރުުތަކަކަށް ކޮށްފައިވާ ޗެޓުތަކެކެވެ. އަދި އެ މުއްދަތަކީ އާރަށު ހިޔާނާތް ހިންގުމަށްޓަކައި ޔާމީނާއި ޔޫސުފް ނައީމްގެ މެދުގައި ވެސް މުއާމަލާތްތަކެއް ހިންގުނު ކަމަށް ދައުލަތުން ބުނާ މުއްދަތުގެ ތެރޭގައި ހިމެނޭ މުއްދަތެކެވެ.
ވ. އާރަށާ ގުޅޭ އެއްވެސް ވާހަކައެއް އެ ޗެޓުލޮގުތަކުގައި ހިމެނޭތޯ ޔާމީންގެ ދިފާއީ ވަކީލުން ސުވާލުކުރެއްވުމުން ވ. އާރަށުގެ މުއާމަލާތާ ގުޅޭ ކަމެއް އެ އޮފިސަރު ސީދާ ތަހުގީގު ކޮށްފައި ނެތުމުން އެ ސުވާލު ނުކުރެވޭނެ ކަމަށް ދައުލަތުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ ދެން އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހަށެވެ. އަދި އެ ދުވަހު ހެކިބަސް ނަގައި ނިމެންދެން އެ ދުވަހުގެ ޝަރީއަތް ކުރިއަށް ދާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލާގައި މިހާތަނަށް ދެ ހެކިވެރިއެއްގެ ހެކިބަސް ނަގައިފާވާއިރު ފުރަތަމަ ހިމެނެނީ މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި ފުލުހުންގެ އޮފިސަރެއްގެ ހެކިބަހެވެ.