މިއަދުން ފެށިގެން ސްޓެލްކޯ އަކީ ކަސްޓަމަރުންގެ ބަސް އިސްކުރާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ގޮވާލައްވައިފިއެވެ.

ސްޓެލްކޯގެ ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ހެޑް އޮފީހުގައި ބޭއްވި ކުޑަ ހަފްލާއެއްގައި ވަނީ އެ ދުވަހަށް ހާއްސަ ކޭކެއް ފަޅައިފައެވެ. އެ ކޭކު ފަޅުއްވައިދެއްވާފައި ވަނީ ސްޓެލްކޯގެ ޗެއާމަން އިބްރާހީމް މުހައްމަދު ދީދީ އާއި، މެނޭޖިން ޑިރެކްޓަރު ޝަރީފްގެ އިތުރުން، ދެ ޑެޕިއުޓީ ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަތީފާއި ޑރ. އަލީ އަޒުވަރެވެ.

ސްޓެލްކޯގެ ރިހިޔޫބީލް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ކޭކު ފަޅަނީ / ފޮޓޯ: ސްޓެލްކޯ

އެ ހަފްލާގައި ސްޓެލްކޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވެސް ބައިވެރިވެފައި ވާއިރު، ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން ސްޓެލްކޯ އިން ވަނީ އެ ކުންފުނީގެ ހެޑް އޮފީހާއި އިންޖީނުގެތަށް ކުލަ ބޮކިން ދިއްލައި ޒީނަތްތެރިކޮށްފައެވެ.

ރިހިޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަފްލާގައި މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ، ވޭތުވެދިޔަ 25 އަކަށް އަހަރު ސްޓެލްކޯއަށް ހިދުމަތްކޮށްދިން ފަރާތްތަކުގެ އަގުވަޒަން ކުރަން ޖެހޭ ކަމަށެވެ. އަދި އެ ކުންފުނި ކުރިއަރައިގެން ދިޔައީ އެ ފަރާތްތަކުގެ ސަބަބުން ކަން އޭނާ ފާހަގަކުރެއްވިއެވެ. އެއާއެކު، އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން، ސްޓެލްކޯ އަކީ ކަސްޓަމަރުންނަށް އިސްކަންދީ ކަސްޓަމަރުންނަށްގެ ބަސް އިސްކުރާ ކުންފުންޏަކަށް ހެދުމަށް އަޒުމް ކަނޑައެޅުމަށް ޝަރީފް ގޮވާލެއްވިއެވެ. އެގޮތުން، ސްޓެލްކޯއިން ނިންމާ ނިންމުންތަކުގެ އެންމެ ފުރަތަމަ މަސްލަހަތު އޮންނަން ޖެހޭނީ ކަސްޓަމަރުންގެ ކަމަށާއި، މުވައްޒަފުންގެ މަސްލަހަތު އޮންނާނީ އެއަށް ފަހު ކަމަށް، އޭނާ ވިދާޅުވިއެވެ.

"އެކަހަލަ ގޮތަކަށް މަސައްކަތް ކޮށްގެން ނޫނިއްޔާމު، އަޅުގަނޑުމެން އާންމުންގެ ތެރޭގައި އަޅުގަނޑުމެންގެ ކުންފުންޏަކީ މަގްބޫލު ކުންފުންޏެއްގެ ގޮތުގަ ހެދޭނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ." ޝަރީފް ވިދާޅުވިއެވެ.