ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން އާއެކު ރާއްޖޭގެ ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިންސްޓަގްރާމްގައި ސަނީ އާންމުކުރި ޕޯސްޓެއްގައި ބުނީ މި ދަތުރު ރާވާ މެނޭޖްކުރާނީ އިންޑިއާގެ ޓްރެވަލް އެޖެންސީ "އޭޒް ޔޫ ޕްލޭން"އިން ކަމަށެވެ.

މި ވެކޭޝަން ކުރިއަށްދާނީ އަންނަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން 19 ދުވަހުގެ ނިޔަލަށް ކަމަށް ސަނީ ބުންޏެވެ. އެ ފުރުސަތު ހޯދުމަށް ޖެހެނީ "އޭޒް ޔޫ ޕްލޭން" ގެ ވެސްބައިޓަށް ގޮސް، ރަޖިސްޓްރީވެ ބުކިން ހައްދާށެވެ.

https://www.instagram.com/p/Ce78KEXjAeU/?utm_source=ig_web_copy_link

ސަނީ އިތުރަށް ބުނީ އޭނާ އާއި އެހެން ސެލެބްރީޓިންނާއި އާޓިސްޓުންނާ ވެސް ބައްދަލުކޮށްލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. "ޓްރެޒާ އައިލެންޑް ވެކޭޝަން ވިތު ސަނީ ލިއޯން - މޯލްޑިވްސް އެޑިޝަން" ކިޔާ އެ ޕްލޭންގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނީ ރާއްޖޭގެ ޕްރައިވެޓް އައިލެންޑެއްގައި ކަމަށް ސަނީ ބުންޏެވެ.

އެ ދަތުރުގައި އޮންނާނެ އިވެންޓްތަކުގެ ތެރޭގައި ސަނީ ލިއޯނާ އެކު އިރުއަރާ ގަޑީގައި ޔޯގާކުރުމާއި، ބީޗް ގޭމްސް އާއި ސަނީ ލިއޯނާ ހަމަޖައްސާ ޗެލެންޖުތައް އަދި މޮޅުވާ މީހަކަށް ސަނީ ލިއޯނާ އެކު ކޮފީ ޑޭޓަކަށް ދާން ފުރުސަތު ލިބިގެންދާނެ ކަމަށް ސަނީ ބުނެއެވެ.

އެ ދަތުރުގެ ރާއްޖޭގެ ޕާޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވާނީ ރާއްޖޭގެ ޓޫރިޒަމް މާކެޓްކުރާ "ވިޒިޓް މޯލްޑިވްސް"އެވެ.