ޖަޕާނަކީ އާ އީޖާދުތަކާއެކު އަބަދުމެހެން ދުނިޔެ އާޝޯހް ކުރުވަމުން ދާ ގައުމެކޭ ދަންނަވަންޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ޓެކްނޮލޮޖީއާ ސީދާ ގޮތުން މާ ބޮޑު ގުޅުމެއް ނެތް ކަމުގައި ވީ ނަމަވެސް، ޖަޕާނުގެ މި ފަހަރުގެ އީޖާދަކީވެސް އާދައިގެ އުފެއްދުމެއް ކަމަށް ބުނެވޭކަށް ނެތެވެ.
ޖަޕާނުގެ ފުކުޝީމާ ޕްރީފެކްޗާގައި އޮންނަ ހިރާޓާ އަވަށުން މި ފަހަރު ގެނެސްދިނީ ގިތެޔޮމިރުސް އައިސްކްރީމްއެވެ. އައިސްކްރީމަކީ ކުޅިފިލުވާލަދޭ ފޮނިކާއެއްޗަކަށް ވީ ނަމަވެސް، ހިރާޓާގެ އައިސްކްރީމަކީ ގިތެޔޮމިރުސް އައިސްކްރީމްއެވެ. ކުޅި އައިސްކްރީމްއެކެވެ. އައިސްކްރީމްގެ ރަހަމީރުކޮށްލަން މައްޗަށް ބުރުވާލަނީވެސް ގިތެޔޮމިރުސް ޕައުޑަރެވެ. އެމީހަކަށް ކެތްވާނެ އެންމެ މަތީ މިންވަރަކަށެވެ.
އައިސްކްރީމްގެ ކުޅިކަމުން، ދިމާވެދާނެ ދެރަގޮތަކުން ސަލާމަތްވުމަށް، އައިސްކްރިމް ވިއްކާ ފަރާތުން އިގުރާރު ފޯމެއްގައިވެސް ކަސްޓަމަރުން ލައްވާ ސޮއި ކުރުވައެވެ.
ހިރާޓާގެ ގިތެޔޮމިރުސް އައިސްކްރީމްގެ ތާރީހު ގުޅެނީ 2011 ވަނަ އަހަރު ފުކުޝީމާ ކާރިސާއާއެވެ. ސުނާމީއެއް އަރާ މުޅި އަވަށްހެން ސުންނާފަތި ކޮށްލުމާއެކު އެ އަމާން ރަށުގެ ހުރިހާ ކަމެއް އެފުށް މިފުށަށް ޖެހުނެވެ. ދިރިއުޅުމުގެ ކަންކަން ގޯހުން ގޯހަށް ދާން ފެށުމުން، ދިރިއުޅުން ކޮޅަށް ޖަހާނެ އިތުރު ގޮތްތައް ހޯދަން ހިރާޓާގެ ރަށްވެހިންނަށް މަޖުބޫރުވުމުގެ ނަތީޖާއަކީ ގިތެޔޮމިރުސް އައިސްކްރީމްއެވެ.
ގިތެޔޮމިރުސް އައިސްކްރީމް އުފެދިގެން އައީ، ގިތެޔޮމިރުސް ގަސްތަކެއް ހެދި ދަނޑުވެރިންތަކެއްގެ ވިޔަފާރި ކުރި ނޭރި ހިސާބުންނެވެ. ޖަޕާނު މީހުންނަށް ގިތެޔޮމިރުސް ކުޅިކަމުން، މާ ގަޔާވާ ގޮތެއް ނުވިއެވެ. ރިހަ ކައްކައިގެންވެސް ކަމު ނުދިއުމުން، އެ ބޭނުން ކުރާނެ ބިނާ ކުރަނިވި އިތުރު ގޮތެއް ހޯދަމުން ގޮސް، އައިސްކްރީމް ތައާރަފު ކުރީއެވެ. މިއަދު ގިތެޔޮމިރުސް އައިސްކްރީމް ޕޯޝަންއެއްގެ އަގު އުޅެނީ 3.80 ޑޮލަރަށެވެ. ހުސްކޮށްލައިފިނަމަ ހިލެއެވެ.