ފ. ދަރަނބޫދޫގައި ބޭނުން ނުކޮށް ހުރި ދުވަސް ވީ މިސްކިތެއްގައި އިންޑިއާ ރައްޔިތުންތަކެއް ދިރިއުޅެމުންދާ މައްސަލައެއް އާންމު ވެ އެމައްސަލަ ހޫނު ވެއްޖެއެވެ.
މި ކަން އާންމުވެފައި ވަނީ މާލެ ސިޓީގެ ހުޅުމާލެ ކައުންސިލަރު އިބްރާހީމް ޝުޖާއު (ޝުޖާ) މިއަދު ހިއްސާކުރެއްވި ވީޑިއޯއަކުންނެވެ. އެ ވީޑިއޯ ހިއްސާ ކުރައްވަމުން ޝުޖާއު ވިދާޅުވީ، މިއީ މި ސަރުކާރުން އިސްލާމް ދީނަށް ކުރާ ފުރައްސާރަ ކަމަށާއި، މިސްކިތްތަކުގެ ހުރުމަތްކަނޑައި މިސްކިތްތަކަށް އިހާނަތިކޮށް ހިތުމުގެ ގޮތުން އިންޑިޔާ މީހުން ނިންދަވަނީ މިސްކިތްތަކުގައި ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓާލުމަށް ޝުޖާއު ވަނީ ގޮވާލައްވާފައެވެ.
މި ކަމާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ، އެ މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަން ބަލަމުންދާ ކަމަށެވެ. މި މައްސަލަގައި ފ. ދަރަނބޫދޫ ކައުންސިލަށް ގުޅުމުން ފޯނަށް ޖަވާބެއް ދީފައެއް ނުވެއެވެ.
ޝުޖާއު ހިއްސާ ކުރެއްވި އެ ވީޑިއޯގައި އާންމުންގެ މީހަކު އެ މިސްކިތަށް ވަދެ މުޅި ތަން ދައްކަމުން އޭނާ އަށް ފެނުނު މަންޒަރާ ގުޅޭ ގޮތުން ވާހަކަ ދައްކާ އަޑު އިވެއެވެ. އެ ވީޑިއޯގައި ވާހަކަ ދެއްކި މީހާ ބުނާ ގޮތުގައި އެއީ އެރަށުގައި ހުރި އާސާރީ މިސްކިތެކެވެ. އެއީ ކޮން ރަށެއް ކަން އެމީހާ ހާމަ ނުކުރި ނަމަވެސް އެ މިސްކިތުން ފެނުނު މަންޒަރު އޭނާ ވަނީ ކިޔައިދީފައެވެ. ނަމަވެސް އެއީ ފ. ދަރަނބޫދޫގައި ހުރި މިސްކިތެއް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މިސްކިތު ގޯތި ތެރޭގައި ރޯނެއް ދަމާފައި މުންޑުތަކެއް ހިއްކަން އަޅާވާފައި ހުއްޓާ ފެނުމުން އެ މިސްކިތުގެ ތެރެއަށް އޭނާ ވަނީ ކަމަށާއި އޭރު އެ މިސްކިތުގެ ތެރޭގައި ބަޔަކު ނިދަން ތިބި ކަމަށް އެމީހާ ބުނެއެވެ. ގާތްގަނޑަކަށް 200 އެއްހާ މީހުން އެ މިސްކިތުގައި އުޅޭ ކަމަށާއި ބަލާ ބެލުމުން އެއީ އިންޑިއާގެ ފަގީރު އަވަށްގަނޑަކުން އައިސް ތިބި ބަޔަކާ ވައްތަރުވި ކަމަށް އެމީހާ ބުނެއެވެ.
އެއީ އެރަށަށް ނަރުދަމާ އަޅަން ގޮސް ތިބި މީހުން ކަމަށާއި ނަމަވެސް އެމީހުން އެ މިސްކިތުގައި ބޭތިއްބުމަށް ވުރެ އެ ރަށުގައި ހުރި ހުސްބިންތަކުގައި ނުވަތަ މުސްކުޅި ގެތަކުގައި ބޭތިއްބުން މާ ރަނގަޅު ވާނެ ކަމަށް އެމީހާ ބުނެއެވެ.
އެ މިސްކިތް ތެރޭގައި ބަޔަކު ތިބޭ ތަން ވީޑިއޯއިން ފެންނަ އިރު އެ މިސްކިތް ތެރޭގައި އެކި ތަންތަނުގައި މީހުން އަންނައުނު ހިއްކަން އަޅުވާފައި އަދި ނިދަން ތަންމަތި އަޅައިގެން ތިބޭ މަންޒަރު ފެނެއެވެ. އަދި އެ މިސްކިތުގެ ގޯތި ތެރޭގައި ބަސްތާ ބަސްތާގައި ހުރި އެއްޗެހިތަކަކާއި ބޮޑެތި ހޮޅިތަކެއް ވެސް ގުދަން ކުރާ ގޮތަށް ޖަހާފައި ހުރިކަން ފާހަގަ ކުރެވެއެވެ. ބެލެވޭ ގޮތުގައި އެ މިސްކިތް ހުރި ސަރަހައްދުގައި ވަނީ މަސައްކަތެއް ކުރުމަށް ބޭނުންވާ ސާމާނުތަކެއް ވެސް ބަހައްޓާފައެވެ. އަދި އެ މިސްކިތުން ބޭރުގައި ބަހައްޓާފައި ހުރި އެ ފަދަ ބަސްތާތަކެއް ޖަހާފައި ހުރި ދިމާލުގައި އިންޑިއާއާއި ރާއްޖެ ގުޅިގެން ހިންގާ މަޝްރޫއެއްގެ ބޯޑެއް ވެސް ވަނީ ޖަހާފައެވެ.
މި މައްސަލައާ ގުޅިގެން މިހާރު ސޯޝަލް މީޑިއާގައި ދަނީ ގިނަ ބަޔަކު ފާޑުކިޔަމުންނެވެ.
ޢަބަދުވެސް ދާނީ ބަލަމުން ބަލާނިމި ފިޔަވަޅު އެޅޭނީ ކޮންއިރަކުންބާ