"އަޒޫ ހުރިހާ ކަމެއް އޯކޭތަ..؟މިކޮޅަށް އައި ފަހުން ވަރަށް ފާހަގަވޭ ފާޑަކަށް ހުންނަކަން.." އެކުދިން ފޮޓޯ ނަގަން މަޑު ކުރި ގަޑީގައި މީޝާ އަޒްކާ އާއި ސުވާލުކުރިއެވެ."ނޫން އަނެއްހެން ކަމެއް ނުވޭ..ދެން އިނގެޔޭނުން މީޝް އަށްވެސް މަ މާ ވެލާފަ އުޅެންޔާ ދަތުރު މުޅިން ފަނިވެދާނެކަން.."އަޒްކާ އެހެން ބުނުމުން މީޝާ ސުވާލުގެ ނަޒަރަކުން ބަލާލިއެވެ. "މާއިޝް ހުރީމަ މިހެން މިބުނީ..އޭނަ އަނެއްކާ މަ ސަކަރާތް ޖަހާތީ އެކަމާވެސް އެއްޗެހި ކިޔާފާނެ..އެހެންވެ.."އަޒްކާ ބުންޏެވެ. "ކަމޯން އަޒޫ...މީ އަޒޫވެސް މަޖާ ކުރަން އައި ދަތުރެއް..އެހެންމަ މާއިޝް އަށް ބަލާފަ ހުންނާކަށް ނުޖެހޭނެ ދޯ..ތިވަރުގެ ދެމީހުން އިނދެގެން ކިހިނެއްތަ އުޅެނީއެއް.." މީޝާ ގާތަށް ފާޑަކަށް ރުޅި އައެވެ.
ދަތުރުގެ މަޖަލުގައި ދުވަސް ހޭދަވެގެން ދިޔަ ގޮތްވެސް ނޭނގުނެވެ. އަތްމަތި އަވަސް ކޮށްލާފައި އެއްމެން އުޅުނީ އަނދިރި ވާން ވާއިރަށް ޓެންޓު ޖަހާ އަލި ވާނެ ގޮތެއް ހެދޭތޯއެވެ. މާއިޝް ޓެންޓު ނިޔުޅުވައިގެން އުޅެއެވެ. އާދިލް އާއި ލާރާ އަލިފާން ޖަހަން ދަނޑިކަނޑަށް ވަލަށް ވަނީ އެވަގުތެވެ. މީޝާ އާއި އަޒްކާ ވެސް ރެޔަށް ކައްކަން ހުރި އެއްޗެހިތައް ނަގާ އަތް ކައިރި ކުރަމުން ދިޔައެވެ. ހައިކަލް ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުއްޓެވެ."އާއްޑެ ދެން އާދޭ..މިހާރު މާ ލަސްވެއްޖެ.."މައިޝް ގޮވާލި އަޑު އިވުނެވެ. "ކޮބާ ހިނގާ ރާވަމާ.."ހައިކަލް ވެސް ފޯން ބޭއްވުމަށްފަހު އައީ ހަމަ އެވަގުތެވެ. މާއިޝް އާއި ހައިކަލް ޓެންޓު ރާވަން ފެށުމުން އަޒްކާ އާއި މީޝާވެސް އެކުދިން ކުރަން ތިބި ކަންތައް ނިންމާލުމަށްފަހު އެތަނަށް ދިޔައެވެ.
އިރު އޭގެ ވާޖިބު އަދާ ކުރުމަށްފަހު ދުނިޔެއަށް އަލްވަދާޢު ކިޔާ ގަޑި ކައިރިވަމުން ދިޔައެވެ. އަޒްކާ އާއި މީޝާ އަދި ލާރާ ވެސް އަތިރިމަތީ ގެ ސާފު ދޮންވެލި ގަނޑު މަތީ އިށީންދެލައިގެންތިބީ އިރު އޮއްސެމުން ދިޔަ މަންޒަރުބަލާލަންށެވެ. އެ ފުރިހަމަ ކަން ފެންނަ އެކަކުވެސް އެތަނުން ދާ ހިތެއް ނުވާނެއެވެ. އިރު އޮއްސޭ މަންޒްރޔ ބެލުމަކީ މީޝާ އަބަދުވެސް ކުރާ ހިތްވާ ކަމެކެވެ. އެހެން ކަމުން އޭނާގެ އެދުމަކަށް އަޒްކާ އާއި ލާރާ ވެސް އެކަމުގައި ބައިވެރިވެލީ ވަގުތުގެ ގޮތުން ކުރާނެ އިތުރު އެހެން ކަމެއްވެސް ނެތުމުންނެވެ.
ފޯންގެ ސްކްރީން އަށް ބަލާލުމަށް ފަހު އަޒްކާ ތެދުވެގެން ތަންކޮޅެއް ދުރަށް ހިނގައިގަތެވެ. ހީވާ ގޮތުން އޭނާ ދައްކާ ވާހަކަ އެހެން މީހަކަށް އިއްވަން ބޭނުން ނުވަނީއެވެ. ”އޭ މަވެސް މި އަންނަނީ ޗިޕްސް ދަޅެއް ކަހަލަ އެއްޗެއް ހިފައިގެން.."މީޝާ ވެސް އެހެން ބުނުމަށްފަހު އެއްގަމާ ދިމާލަށް ދުއްވައިގަތެވެ. ފަހަތުން މީހަކު އައި އަޑު އިވިގެން އެ އިން ގޮތަށް އިނދެފައި ލާރާ ވާހަކަ ދެއްކިއެވެ. "އެހާ އަވަހަށް އައީ..ނުފެނުނީތަ..؟" "އެހެން މީހެއްގެ އިނތިޒާރުގަ އިންދަ ދޯ މިއާދެވުނީ.."ފަހަތުން އިވުނު ހައިކަލް ގެ އަޑަށް ލާރާ ވަގުތުން ފަހަތަށް އެނބުރި ބަލާލިއެވެ. މަޑު ނޫކުލައިގެ އަތް ދިގު ހޫޑީ އަކާއި ކަޅު ކުލައިގެ ސޯޓެއް ލައިގެން ޖީބަށް އަތް ޖަހާލައިގެން ހެވިފައި ހައިކަލް ހުއްޓެވެ. އޭނާގެ އެ ތޫނު ނަޒަރުން ލާރާ ގެ ހުރިހާ ހިއްސަކަށްވެސް އަސަރު ކޮށްގެން ދިޔައެވެ.
"ހާދަ ވަރަކަށް ތިބަލަނީ..ހަންޑި އެއް ފެނުނީތަ.."ލާރާ ކަޅި ޖަހާ ނުލައި ބަލަން އިނުމުން ހައިކަލް ސަމާސާކޮށްލިއެވެ.
"ނޫން..." އަވަސް އަވަހަށް އެހެން ދިމާލަކަށް ބަލާލަމުން ލާރާ ބުންޏެވެ. "ކޭން އައި ސިޓް ހިއާ.."ހައިކަލް އިސްވެ އެހެން ބުނީ ލާރާ އާއި ވާހަކަ ދައްކަން ބޭނުން ވެގެންނެވެ. " ޔާ ޔޫ ކޭން.."ލާރާ ބުނެލިއެވެ. "ލާރު.."ލާރާ ގެ ގާތް ކޮންމެ މީހަކުވެސް ލާރާ އާޢި ނިސްބަތް ކުރަނީ ލާރު ކިޔައިގެންނެވެ. ނމަވެސް ހައިކަލް އެހެން ބުނުމުން އޭނާ އަށް ބަޔާން ކުރަން ނޭނގޭ އިހުސާސްތަކެއް ވިއެވެ. "މަ އިނގޭ ލާރާ ކަން ކިޔަނީ..އެކަމް މަ ކިޔާނީ ލާރު..އަސްލު ނަމުން ކިޔާ ވަރަށް ވުރެން އަހަރުން ދެމީހުން ގާތް ދޯ ދެން..." އެހެން ބުނުމަށްފަހު ހައިކަލް ޙީލިއެވެ."ލާރު..އެންމެ ފުރަތަމަ ލާރު ފެނުން ދުވަހުވެސް މަށަށް ލާރު ކަމުގޮއްސި...އެކަމް މިކަހަލަ ވާހަކައެއް ދައްކަން މަށަށް ނުކެރުނީ..މިހާރުވެސް ވަރަށް ހިތްވަރުން ވާހަކަ ދައްކަން މިއައީވެސް..އައި ލަވް ޔޫ.." "އޭއް..ކޮން ހިޔާލެއްގަ..ގާތް ބަޔެކޭ ކިޔާފަ އެވަރަށް ގޮވާއިރުވެސް އަނގައިން ވެސް ނުބުނެ ތީނީއޯ..ބިޓު މަތިން މިސްވީ ދޯ.."ލާރާ ހައިކަލް އާއި ދިމާ ކޮށްލިއެވެ.އޭނާ އަށް ބުނަން ބޭނުން ވެގެން އުޅޭ ވާހަކަތަށް ސިކުނޑީގައި ރަސްކަން ކުރަމުން ދިޔަވަރުން ލާރާ ގޮވާކަންވެސް ނޭނގުނީއެވެ. "ހެހެހެ ނޫނޭ..މަ ނުހުރޭ ބިޓެއް.." އެވަގުތު މީޝާ ވެސް އައިސް އެތާ ކައިރީ އިށީނެވެ. "މިހާރު ލާރު ކަޓުވާލީ ދޯ..ބިޓެއް ނެތޭ ކިޔައިގެން މާ ސިމްޕަތީ ވާނެ ކަމެއް ނެތް އިނގޭ..."މީޝާ އެހެން ބުނުމުން ލާރާ އާއި ހައިކަލް އަށް ވެސް ހީގަނެވުނެވެ. "ހާދަ މަޖަލޭ ދޯ..އަހަރުންވެސް ލައިގެން ސަކަރާތް ޖަހާބަލަ.."މާއިޝް އާޢި އާދިލް ތަންކޮޅެއް ދުރުގައި ހުރެފައި ބުންޏެވެ.
"އޭ ކޮބާ އަޒޫ..ތި މީހުންނާ އެކީ ނާދޭތަ..."އެމީހުން ތެރެއިން އަޒްކާ ފެންނަން ނެތުމުން އާދިލް ހާސްވިއެވެ. "ފޯނެއްގަ ހުރެގެން އެކޮޅަށް ދިޔައީ..އަދިވެސް ނާދޭތަ.."މީޝާ އަޒްކާ ދިޔަ ދިމާލަށް އިނގިލި ދިއްކޮށްލަމުން އެހެން ބުނުމުން އާދިލް އެދިމާލަށް ދާން ހިނގައިގަތެވެ. "އާއްޑެ މަޑު ކުރޭ..މަ އަންނާނަން ބަލާލާފަ..ފޯންވެސް ބާއްވާފަ އޭނުން ތިއައީ..ގުޅާވެސް ލެވޭނީ ފޯން އޮތް މީހަކު ދިޔައިއްޔާ.."އެހެން ބުނުމަށްފަހު މާއިޝް އެދިމާލަށް ހިނގައިގަތެވެ.
ފުދޭ ވަރަކަށް ދުރަށް ހިނގުނު ތަނާ މީހެއްގެ ރުޔުމުގެ އަޑު މާއިޝް ގެ ކަންފަތުގައި ޖެހުނެވެ. އެ އަޑުގައި ވޭން އެކުލެވިގެން ވެއެވެ. ހިތުތެރޭގައި ފޮރުވައިގެން އުޅޭ އިހުސާސްތަކެއް ބޭރު ކުރަމުން ދާކަހަލައެވެ. މާއިޝް އެ އަޑު އިވޭ ދިމާލަށް ހިނގައިގަތެވެ. ކައިރި ވަމުން ދިޔަވަރަކަށް އެއީ އަޒްކާގެ އަޑުކަން މާއިޝްއަށް އިނގުނެވެ. ދުވަމުން ކަހަލަ ގޮތަކަށް އޭނާއަށް އެހިސާބަށް ދެވުނު އިރު ރުކެއްގެ ބުޑުގައި ލެނގިލައިގެން މޫނު މަތީ އަތް އަޅައިގެން އިނދެގެން އަޒްކާ ރޮމުން ދިޔައެވެ. އެ ވޭނުން ފުރިގެނވީ ރުޔުމުގެ އަޑު ކަންފަތުގައި ޖެހޭ ކޮންމެ މީހަކުވެސް ހިތްފަޅައިގެން ދާ ވަރު ވާނެއެވެ. "އަޒޫ..ކިހިނެއްވީ ތި ރޮނީ.."މާއިޝް އަޒްކާ ގެ ކައިރިއަށް ގޮސް ވަރަށް އޯގާތެރި ކަމާއިއެކު އަހާލިއެވެ. މާއިޝްގެ އަޑަށް އަޒްކާ ދިޔައީ ސިއްސައިގެންނެވެ.އިސްއުފުލާލާ މާއިޝް އާއި ދިމާލަށް ބަލާލިއެވެ.އޭނާ ދެރަވެފައި ހުރިވަރުން މާއިޝް ގެ މެދު ހަށީގައި އޮޅުލައިގަނެވުނެވެ.އަދި ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ. މާއިޝްވެސް މަޑު މަޑުން އަޒްކާގެ ގައިގާ ބައްދާލިއެވެ. އެދެއަތުން އަޒްކާ އަށް ހިމާޔަތް ލިބޭނޭ ބުނާފަދައިންނެވެ. އަޒްކާގެ ގައިގާ ބައްދާލައިން ވާހަކަ ނުދައްކާ މާއިޝް އިނީ އަޒްކާ އަށް އަމިއްލައަށް ވާހަކަ ދެއްކޭވަރު ވަންދެންނެވެ.
އިރުގަނޑަކު ރުޔުމަށްފަހު އަޒްކާ މާއިޝް އާއި ދުރަށް ޖެހިލައި މޫނު ފޮހެލިއެވެ. "ހޫމްމް ދެން ބުނޭ ވީ ގޮތެއް.."މާއިޝް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. "ކަމެއް ނުވޭ.." އަޒްކާ މިފަހަރުވެސް ބުނާކަށް ބޭނުމެއް ނުވިއެވެ. " ކަމެއް ނުވަނީސް ރިވަރަކަށް ނުރޯނެކަން މަށަށްވެސް އިނގެޔޭ..މަ ކައިރި ބުނަން ބޭނުންނުވަނީ ދޯ..އޯކޭ މީޝް ކައިރީ ބުނޭ އެހެންޔާ އިނގޭ..އޭރުން އަޒޫ އަށްވެސް ހިތްހަމަޖެހުމެއް ލިބޭނެ.." މާއިޝޤގެ އޯގާތެރިކަން ފެނިފައި އަޒްކާ ހައިރާންވިއެވެ. ރެޔާ ޖެހެންދެން ވީ ކޮންމެ ކަމަކުން އަޒްކާގެ ކުށްހޯދަމުން ދިޔަ މީހަކަށް މިހާ ބޮޑު ބަދަލެއް މިއައީ ކިހިނެއްބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. "ނޫން މާއިޝް އޭރަށް މުޅި ދަތުރުގެ މަޖާ ގެއްލިދާނެ..މީޝް ކައިރީ އެއްވެސް އެއްޗެއް ނުބުނޭ ޕްލީޒް.. "އަޒްކާގެ ސަބަބުން އެދަތުރު މަޖާކަން ގެއްލޭކަށް އޭނާ ބޭނުމެއްނޫނެވެ. "އޯކޭ މީޝް ކައިރީ ނުބުނަންޔާ މަ ކައިރީ ބުނޭ..މަށަށް ހެލްޕެއް ވެވެން އޮތިއްޔާ ވެދޭނަން.." އަނެއްކާވެސް މާއިޝް ވަރަށް އޯގާތެރިކަމާއިއެކު ބުންޏެވެ. "މީ.... މީ.....މަ ރަށުގަ ހުރެފަ ކުއްޖަކާ އެކީ ރިލޭޝަން އަކަށް ދިޔައިން...ފުރަތަމަ ކޮޅު ވަރަށް ލޯބިން އުޅުނީވެސް..ވަރަށް ގިނައިން ދެމީހުން އެކީ ތަންތަނަށްވެސް ދަން..އެކަމް މިކޮޅަށްއައި ފަހުން..." އަޒްކާ އެހިސާބަށް ބުނެލާފައި ހުއްޓާލުމުން މާއިޝް ވާހަކަ ދެއްކިއެވެ. "މަށާ އިންނަން ޖެހޭތީ މައްސަލަޖެހުނީ ދޯ..އަޒޫ ބުނޭ މަންމަ ކައިރީ ލޯބިވާ އެހެން މީހަކު ހުރި ވާހަކަ.."މާއިޝް ބުންޏެވެ. "ނޫން އޭނަ މަ މިކޮޅަށް އައީމަ އެހެން ކުއްޖެއް ކައިރިއަށް ދިޔައީ..އެދުވަހު މަ ރައްޓެއްސަކަށް ފެނިގެން ފޮޓޯ ނަގާފަ ފޮނުވީމަ މަ އޭނަ އާއި ރުޅިވީ..އެކަމް މިހާރު ގުޅައިގެން އުނދަގޫ ކުރަނީ އަބަދު..އޭނަ ކައިރިއަށް ނުދިޔައިއްޔާ އެހެން މީހަކާ އެކީވެސް އުޅުނައެއް ނުދޭނަމޯ..."އަޒްކާ ދެއްކި ވާހަކަ އަޑު އިވުމުން މާއިޝް އަށް ހިތްހަމަޖެހުމެއް ލިބުނެވެ. "މަންމަ ކައިރީވެސް މަ ބުނިން ލޯބިވާ މީހަކު ނެތް ވާހަކަ..މަ މެރީ ކުރަން ބޭނުން ނުވެގެން އެހެން ބުނީވެސް.." އަޒްކާ އަނެއްކާވެސް ބުންޏެވެ.
"ހިނގާ ދެން ދަމާ ދޯ އެކޮޅަށް..އާއްޑެ މެން ވަރަށް ހާސްވެފަ ހުރީ އަޒޫ ފެންނަން ނެތީމަ.." މާއިޝް ތެދުވެ ގައިން ވެލިފޮޅާލަމުން އެހެން ބުނުމުން އަޒްކާވެސް ތެދުވެ ގައިން ވެލި ފޮޅާލިއެވެ. " އެއްވެސް މީހެއް ކައިރީ މިވާހަކަތަށް ނުދައްކައްޗޭ..މަ ބޭނުމެއްނޫން މިކަންތަށް އެއްވެސް މީހަކަށް އިނގޭކަށް.." އަޒްކާ މާއިޝްގެ ކައިރިން އެދުނެވެ. މާއިޝް އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ.
އެކުދިންނަށް ތިބޭ ހިސާބަށް ދެވުނުއިރު ރަށުތެރެ ވަނީ އަނދިރިވެފައެވެ. މާއިޝްމެންގެ އިންތިޒާރުގައި ތިބި އާދިލްމެނަނަށްވެސް ހަމަ ޖެހުމެއް ލިބުނީ އެދެކުދިން އައިތަން ފެނުމުންނެވެ. "އަޒޫ ފޯންގަ ހުރެގެން މާ ދުރަށް ދެވުނީ އޯ..ދެން އަންނަން ނޭނގިގެން އިންދަ މަށަށް ދެވުނީ.." މާއިޝް އަސްލު ކަނތަށް ވީ ގޮތް އޮޅުވާލިއެވެ. "ތެދެއް..ގުޅާލިނަމަ..އަހަރުންވެސް ހާސްވީވަރުން ހަނދާނެއް ނުވި ގުޅާކަށް.." އާދިލް މާއިޝް ގެ ފަހަތުން ބުންޏެވެ.
ނަމާދު ކޮށްގެން ހުރިހާ ކުދިން ރެޔަށް ކެއްކުމައިގެން މައްސޫލުވިއެވެ. "އޭ ކުކުޅު ތަށް ފެނަށް އަޅާލަބަ ދެން..އޭރަށް 8 ޖަހަން ވާއިރަށް ގަނޑު ފިލާނީ.. 10 ޖަހާއިރަށް ކެވޭ ވަރު ކުރަން ވާނެ..އަދި ތުނޑިއަށް ވެސް ދާން ޖެހޭނެ އެއްނުން..."ހެނދުނު ތުނޑިއަށް ގޮސް އައި ފަހުން ލާރާ ހުންނަނީ ތުނޑިއަށް ދާ ހިތުން ކެތްމަދުވެފައެވެ. "އެތެދެއް..ހެނދުނު ހެނދުނާ ދޯނި އަންނާނެ..މިރޭ ވާނެ އަހަރު ދުވަހަށް ވާ ވަރަށް މަޖާ ކޮށްލަން.." އަޒްކާވެސް ފަހަތުން އެހެން ބުނެލީ ވީ ކަންތަށް ހަނދާންނައްތާލާފައި ދަތުރައިގެން ކުރިޔަށް ދިޔުމުގެ ބޭނުމުގައެވެ.
ރޭގަނޑު ގެ ކެއުމަށް ބޭނުންވާ އެއްޗެހި ތައްޔާރުކޮށް ނިމުނު އިރު 10 ޖަހައިފިއެވެ. "އެމީހެއްގެ ކުކުޅު ފަޅި އެމީހަކު ކާން ޖެހޭނެ.."ތަށްޓަށް އެއްޗެހި އަޅައިދޭން ހުރި އަޒްކާ އެހެން ގޮވާލުމުން އެއްމެންނަށް އެކީ ހޭން ފެށުނެވެ. "އަޒޫ ވެސް ވާނެ އެހެންޔާ ކުކުޅު ފަޅި ކާން.."ފަހަތުން މީޝާ އެހެން ބުނީ އަޒްކާ އަކީ އެތިކޮޅެއް ކެވޭ އިރަށް ބަނޑުފުރިގެން އުޅޭ ކުއްޖެއްކަން އިނގޭތީ އެވެ.ދެންދިޔައީ ސަކަރާތުގެ ވަގުތު ތަކެވެ. ކައިނިމިގެން ލަވަޖަހާ އެއްޗެހި ހިފައިގެން ހުރިހާ ކުދިން އެކީ ތުނޑިއަށް ދާން މިސްރާބު ޖެހިއެވެ.
"އޭ މަޑުކުރޭ މަ ގޮވައިގެން ދާން..ތަންކޮޅެއް ފަހަތުގައި ހުރި ލާރާ އެހެން ކިޔާ ފަޔަށް ލެވުނު ބާރެއް ލާފައި ދުއްވައިގަތީ ފަހަތުން އެވަގުތު އިވުނު ބާރު އަޑުފަށްގަނޑުގެ ސަބަބުންނެވެ. އަނދިރި ކަމުން ފަސް އެނބުރި ބަލާލާކަށްވެސް އޭނާ އަކަށް ނުކެރުނެވެ. އޭރޔ ކުރީގައި ތިބި ކުދިން މަޑު ކޮށްގެން ތިއްބެވެ. ލާރާއަށް އެކުދިންނާއި އަރާ ހަމަ ކުރެވުނު އިރު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ. "ކޮންމެސް އެއްޗެއް.."މާ ނޭވާ ލަމުން ލާރާ އަށް ބުނެވުނީ އެވަރަށެވެ. އަނެއްކާވެސް ލާރާ އާއި ނުހަނު ކައިރިން އެ އަޑު އިވުނެވެ. އެއާއި އެކު ބާރަށް ހަޅޭލަވައިގަނެފައި ދުއްވައިގަންނަން އުޅުނު ގަޑީ ފަހަތުން މީހަކު އޭނާގެ އަތުގައި ބާރަށް ހިފަހައްޓާލިއެވެ."މަ ދޫކޮށްލާ..މަ އެއްވެސް ކަމެއް ނުކުރަން.."ބިރުން ގޮސް ކިޔޭ ނުކިޔޭވެސް އޭނާއަށް ނޭނގުނެވެ. އެވަގުތު އާދިލްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އާދިލް ގެ ހުނުމާއިއެކު ދެންތިބި ކުދިންނަށްވެސް ބާރަށް ހޭންފެށުނެވެ.
"އަދިވެސް ފޮނިކަނޑާތި އިނގޭ ބިރެއް ނުގަނެޔޭ ކިޔައިގެން..ކިރިޔާ ވިއްޔާ ގަޔަށް ނުލެވި ތިހިރީ.."ހެމުން ހެމުން އާދިލް ވާހަކަ ދެއްކިއެވެ. ކާން ތިބެގެން ހަންޑި ވާހަކަ ދެއްކި ގަޑީ ބިރެއް ނުގަނެޔޭ ބުނުމުން ލާރާ ބިރު ގަންނުވާލަން އާދިލް ބޭނުންވީއެވެ. އެހެން ކުއްޖަކަށްވެސް އާދިލް އެކަހަލަ ކަމެއް ކުރަން އުޅޭ ކަމުގެ ހަބަރެއް ވެސް ލިބިފައި ނުވާތީ ފުރަތަމަ ތިބީ ވަމުން ދާ ގޮތެއް ނޭނގިފައެވެ. ފަހުން ލާރާގެ ފަހަތުން ދުވަމުން އައި އާދިލް ފެނިފައި ވަމުން ދިޔަ ގޮތް އިނގިގެން އެއްޗެއް ނުކިޔާ ތިބީއެވެ.
"އާއްޑެ ޔޫ ތަ..ހާދަ ގޯހޭ...." އާދިލްކަން އިނގުމުން ލާރާ އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ލާރާއާއި ދިމާކުރަމުން ތުނޑިއަށް ދާން ހިނގައިގަތެވެ.
ތުނޑިއާއި ހިސާބަށް ދެވުނު އިރު ހުރިހާ ކުދިން ތިބީ ސަކަރާތް ޖެހުނު ވަރުން ވަރުބަލިވެފައެވެ. "ކޮބާ ކުނާ އަޅާފަ ކާ އެއްޗެހިތަށް ބަހައްޓާ އޭގެ މަތީގަ.."ކާން ގެނައި ޕެކެޓުތަށް އަޅާފައި ހުރި ކޮތަޅު ވެލިގަނޑު މަތީ ބަހައްޓަމުން ހައިކަލް އެހެން ބުންޏެވެ. " އޭ ހިނގާ ލަވަ ބާޒީ ކުޅެން..މަޖާ ވާނެ..އަންހެން ފިރެހެން ވަކިން.." އަޒްކާ އެހެން ބުނުމުން ފަހަތުން އާދިލް ވާހަކަ ދެއްކިއެވެ. "ބަލިކޮށްލާނަން އިނގޭ..ބަލިވިޔަސް އޯކޭ އިއްޔާ ހިނގާ ފަށަމާ.."
ވަގުތުތަށް ފާއިތުވަމުން ގޮސް ފަތިސްވާން ކައިރި ވެއްޖެއެވެ. ތުނޑީގައި ސަކަރާތް ޖަހަން ތިބިކުދިންތައް ވެސް ނިދިޖެހެމުން ދިޔައެވެ. ތަންކޮޅެއް ދުރުގައި ފޯނުން ފިލްމެއް އަޅުވައިގެން އިން އަޒްކާ އާއި މީޝާ ތިބީ ހުރިހާ ކުދިންނަށް ނިދޭނެ އިރެއްގެ އިންތިޒާރުގައެވެ. އެކުދިން ގެނައި ކުލަ ފުޅި ތަކުގެ ބޭނުން ހިފުމަށެވެ މާ ގިނަ އިރު ތަކެއްނުވެ މަސައްކަތައިގެން ފެށޭވަރުވިއެވެ. ފަހަރަކު ކުއްޖެއްގެ މޫނުގައި ކުރެހުނުހާ އެއްޗެއް ކުރަހާ ނިންމާލެވުނު ތަނާ މާއިޝްއަށް ހޭލެވުނެވެ. ނިދީގައި އޮވެފައި މޯޅިއަކަށް ދެމެލިތަނާ މީޝާ އަށް އެތަން ފެނިގެން އަޒްކާގެ އަތުގައި ހިފާ ބިންމައްޗަށް ވެއްޓިގަތެވެ.
ދުވާލުގެ ރަސްގެފާނު ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔަވަގުތު މީޝާ އާޢި އަޒްކާ ކޮފީ ދަޅެއް ހިފައިގެން ރާލުޖަހާ ފަށުގައި ތިއްބެވެ. އޭރުވެސް ދެންތިބި ކުދިން ތިބީ ގަދަ ނިދީގައެވެ. "ގޮވަމާ ދެން..އަދި އެކޮޅަށް ގޮސް އެއްޗެހިތަށް ޕެކް ކުރަންވެސް ޖެހޭނެ..7 ޖަހާއިރު ނައްޓާލާނެ އެއްނުން އެކޮޅުން.." އަޒްކާ އެހެން ބުނުމަށްފަހު ދެން ތިބި ކުދިންނަށް ގޮވަން ހިނގައިގަތެވެ. އެވަގުތު މާއިޝް ތެދުވެގެން މޫނުގައި އަތް ކާތަމުން އަންނަތަން ފެނެއެވެ.މާއިޝް ފެނުމާއިއެކު އަޒްކާ އާއި މީޝާ އަށް ބާރަށް ހޭންފެށުނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. އޭނާގެ މޫނުގައި ނުކުރަހާކަށް އެއްޗެއް ނެތެވެ. " މާއިޝް ހާދަ ވަރަކަށް ނިދާލީ..ތީ ނުނިދާނަމޭ އެންމެ ގަދައަށް ކީ މީހާ.." މާއިޝް އާއި އަރާހަމަވުމުން އަޒްކާ އެހެން ބުންޏެވެ. "އޭ ދެން ލޯ އުނގުޅާނީ ފަހުން..ހިނގާ އަވަހަށް ދާން..ދޯނި އަންނަން ވާއިރަށް ރެޑީ ކުރަން ޖެހޭ ކަންތައް އޮންނާނެ ބައިވަރު.." މީޝާ އެހެން ބުނުމުން ހުރިހާ ކުދިން ހޭލައްވައިގެން ދޯނި ލަފާ ދިމާލަށް ދާން މިސްރާބުޖެހިއެވެ.
"މި ދެމީހުންނަށް ޖެހޭނެ ރަށަށަ ދިއުމުގެ ކުރިން ގޮތެއް ހަދާލަން..."މޫނުގައި ހުރި އެއްޗެހިތަށް ދޮންނަން ހުރެގެން ހައިކަލް ވާހަކަ ދެއްކީ ކައިރީ ހުރި މާއިޝް އާއެވެ. " އާނ..ދޯންޔަށް އެރީމަ ކުލަ ކާތާނީ.." މާއިޝްވެސް ބައިވެލިއެވެ.
މާގިނަ އިރުތަކެއް ނުވެ ދޯނި އައެވެ. ރަށަށް ދާ ވަގުތު ޖެހުމުން ހުރިހާ ކުދިން ގެނައި ސާމާނުތައް ދޯންޔަށް އަރުވަންފެށިއެވެ. ހުރިހާ ކުދިން ދޯންޔަށް އަރާ ހަމަޖެހުމުން ރަށަށް ދާން ދޯނި މިސްރާބުޖެހިއެވެ. ވަގުތު ބަލާފައި މާއިޝް އާއި ހައިކަލް މީޝާ އާއި އަޒްކާގެ ގައިގާ ކުލާ ހޭކިއެވެ. މާ ގިނަ އިރުތަކެއް ނުވެ ދޯނި ގޮސް ރަށު ފަޅަށް ވަނެވެ.
"ޕިކަޕް އައީމަ ދޯ އަދި ދެވޭނީ..މިއަންނަނީއޭ ބުނި ގުޅިމަ.."މާއިޝް ބުންޏެވެ. ކޮންމެ ކުއްޖަކުވެސް ހުރީ ދަތުރުގެ ވަރުބަލިކަންމަތީގައެވެ. ހަށިގަނޑަށް އަރާމެއް ދޭން ކޮންމެ ކުއްޖަކުވެސް ވަނީ ނުހަނު ބޭނުންވެފައެވެ.ޕިކަޕް އައުމުން އަތްމަތި އަވަސް ކޮށްލާފައި ގެއަށް ދާން ޕިކަޕަށް އެރިއެވެ. ޕިކަޕް ގޮސް މަޑު ކޮށްލީ މާއިޝް ބުނި އެޑްރެހަށެވެ. އެއާއި އެކު ފަހަރަކު ކުއްޖެއް ޕިކަޕުން ފޭބިއެވެ. މީޝާ މަޑުނުކޮށް ފެންވަރަން ދިޔައީ މޫނު ކަހަން ފެށުމުންނެވެ. ޕިކަޕުން އެއްޗެހި ބާލާ ނިމުމުން މާއިޝް ދިޔައީ ލާރާ ގެއަށް ލައިދޭށެވެ. ހައިކަލް އާއި އާދިލް އެއްޗެހިތައް ގެއަށް ވެއްދުމަށްފަހު އުޅޭ ކޮޓަރިއަށް މިސްރާބުޖެހިއެވެ. އަޒްކާވެސް އެމީހުން ފަހަތުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އަދި ދަބަހުގައި ހުރި ހެދުން ތަށް ނަގާ ދާ އެއްޗެހި އަޅާ ވަށިގަނޑަށް އަޅާލުމަށްފަހު އަލަމާރި ހުޅުވާލާ ނިދަން ލާނެ ހެދުމެއް ނެގިއެވެ.
ބައިގަޑި އިރެއްހާއިރު ފަހުން މީޝާ ފާހަނާއިން ނިކުތެވެ. "އައްދެ ރެޑީގަ ދޯ ތީނީ..މަ ހީކުރީ ނާންނާތީ ކަމަށް ގޮވާވެސް ނުލީ..އެހެންވެ އެހާ އަވަސް ނުކުރީ.."ސޯފާގައި ހެދުމާއި ތުވާލި ހިފައިގެންއިން އަޒްކާ ފެނިފައި މީޝާ ބުންޏެވެ. އެ ރަނގަޅުވާނެ ކަމަށް ބުނެފައި އަޒްކާ އަވަސް އަވަހަށް ފާހަނާއަށް ވަނެވެ.
ލާރާ އަށް ފެންވަރައިގެން ނިކުމެވުނު އިރު ހަސީނާ އައިސް ލާރާ އުޅޭ ކޮޓަރިއަށް ވަންނަނީއެވެ. ލާރާ ފެނުމުން ސައިބޯން އަންނަން ބުނެފައި އަނެއްކާވެސް ނިކުތީ ބޭރަށެވެ. ލާރާވެސް ބޮލުގައި ތުވާލި އޮޅާލައިގެން ސައިކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. އެވަގުތު އަތުގައި އޮތް ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. "ހެއި..އޯލްރެޑީ މިސްޑް ޔޫ.." މެސެޖް ކޮށްފައި އޮތީ ހައިކަލް އެވެ. އެވަގުތު ލާރާގެ ތުންފަތްމަތީ ހިނިތުންވުމެއް ހަރަކާތްކޮށްލިއެވެ.
ހައިކަލް އަށް މެސެޖުކަރަން އިނދެގެން ސައިބޮއެ ނިމުނު އިރުވެސް ލާރާ އަކަށް ނޭނގުނެވެ. " ދަރިފުޅާ..ހާދަ ހެވެނީ.."ލާރާ ގެ ތުންފަތް މަތީގައި ވީ ހިނިތުންވުން ފެނިފައި ހަސީނާ ބުނެލިއެވެ. ވީޑިއޯ އެއް ބަލާފައި ކަމަށް ބުނެފައި ލާރާ އޮޅުވާލިއެވެ.
ހައިކަލްގެ ވެސް ހާލަކީ އެއީއެވެ. ފެންވަރައިގެން ނިކުމެ އެނދުމައްޗަށް ވެއްޓިގައިން ގޮތަށް އެއޮންނަނީ އެތާއެވެ.
އަޒްކާ ފެންވަރައިގެން ނިކުން އިރު މީޝާ ސައިބޯންދާން ތައްޔާރުވެގެން އިނެވެ. "ސައިބޮއެގެންދޯ ނިދާނީ..މަންމަ އައިއްސި ދެފަހަރަށް މިހާރު ސައިބޯން ބަލާ.." މީޝާ އެހެން ބުނުމުން އަޒްކާ ވެސް ސައިބޯން ދާން ނިކުތެވެ. އަވަސް އަވަސް ކޮށްލައިގެން އައިސް ނިދަން އޮށޯތީ ބޮލުގައި ރިއްސަނީ ކަމަށް ބުނެފައެވެ.
ކާމޭޒުދަށުގައި މައިގަނޑަކަށް ދެކެވުނު ވާހަކަ އަކީ މާއިޝް އާއި އަޒްކާގެ ކައިވެނީގެ ވާހަކަ ތަކެވެ. ދެހަފްތާ ފަހުން ކައިވެނި ކުރަން ހުރިހާ ކަމެއް ރެޑީ ވެއްޖެ ކަމުގައި ނަޒީރާ ބުންޏެވެ. ކޮންމެ ކުއްޖަކުވެސް ސުވާލުގެ ނަޒަރަކުން އަޒްކާ އާއި ދިމާލަށް ބަލަން ތިބިކަން އިނގިހުރެވެސް އޭނާ ޖަވާބެއް ނުދީ އައީއެވެ. އެވަގުތު މާއިޝް ނެތުމުން މާއިޝް އާއި ސުވާލު ކުރާނެ މީހަކު ނުވީއެވެ.
މީޝާވެސް އަވަހަށް ސައިބޮއެގެން ކޮޓަރިއަށް އައީ ކައިވެނީގެ ވާހަކަ ދެއްކުމުން އަޒްކާ ދެރަވެގެން އައީ ކަމަށް ހީކޮށްފައެވެ. ނަމަވެސް ހީކުރިގޮތާއި ހިލާފަށް އަޒްކާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. އެހެންކަމުން މީޝާވެސް އަޒްކާގެ މަގަތުގައި އޮށޯވެ ލޯމަރާލީ ވެފައިވާ ވަރުބަލިކަމުން ހަށިގަނޑަށް އަރާމެއް ހޯދަދެވޭތޯއެވެ. މާގިނަ އިރުތަކެއް ނުވެ އޭނާ އަށްވެސް ނިދުނެވެ.
ގަދަ ނިދީގައި އޮތް އާދިލް އަށް ހޭލެވުނީ ފޯން ރިންގުވާ އަޑަށެވެ. އޭރު ކޮޓަރިތެރެ ވަނީ އަނދިރިވެފައެވެ. ފޯންނަގާ ކަންފަތުގައި ޖައްސާލީ ނިދީގައި އޮވެއެވެ.އެކޮޅުން ވާހަކަ ދެއްކީ މާއިޝްއެވެ. " އޭ ހޭލާ ދެން..ރެޑީ ވެގެން ނިކުމެބަލަ އަވަހަށް ބޭރަށް ކާންދާން ރެޑީ ވެގެންނޭ މިހިރީ.."މާއިޝް އެހެން ބުނުމުން މީ ކާން ދާން ކޮން ގަޑިއެއްހޭ އާދިލް އަހާލިއެވެ. " އެޔޮއް 9 ޖެހީ ރޭގަނޑު..މީހުން ރެޔަށް ކާނީ މިގަޑީގަ ދޯ..އަވަސް ކުރޭ ދެން.." މާއިޝް އެހެން ބުނުމުން އާދިލް ފުންމައިގެން ތެދުވެ ކޮޅަށް ޖެހުނެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ހަނދާންވެގެން ތެދުވިހެންނެވެ. "އޭ މާއިޝް ފަނިނުހަދާ އިނގޭ..ދެން ކިހިނެއް މިރޭ 12 އަށް ރެޑީ ކުރާނީވެސް..ވަރަށް ފަނިވީ މިދެން..މީޝް ގެ އުފަންދުވަސް ވަރަށް ހާއްސަ ކޮށްލަން މަ އުޅުނީ.."އާދިލް އެއްމެ ކުރިން ފެށިގެން އައީ އެކަމަށް ތައްޔާރުވަމުންނެވެ. ދެން އަވަހަށް ނިކުންނާށޭ ބުނުމަށްފަހު މާއިޝް ފޯން ކަނޑާލިއެވެ.
އާދިލް ތައްޔަރުވެލައިގެން ނިކުން އިރު މީޝާ ބޭރު ސޯފާގައި އިނެވެ. ނަމަވެސް އަވަސް އަރުވާލާފައި އުޅުނުވަރުން އޭނާގެ ލޮލުގައި މީޝާ އަޅައެއްނުގަތެވެ.މީޝާވެސް އިނީ ޓީވީ އިން އަންނަ ސީރީޒް އެއް ބަލަން ކަމުން އޭނާ އަށް ވެސް އާދިލް ނިކުމެގެން ދިޔަކަމެއް ނޭނގުނެވެ.
- ނުނިމޭ
ވަރަށް ރީތި ވާހަކައެއް މާޝާ ﷲ. ތަންކޮޅެއް އަވަހަށް ޕާޓުތައް އަޕްކޮަށްލަދީބަ